ޖަދަލު
ޖަދަލު

ބުދަ ދުވަހާ ގުޅޭ

"ހިނގާ އާމިރާ ބަލާ ދާން!" ސިރާޖު ބުންޏެވެ.

ބުނާނެ އެއްޗެއް ނޭނގިފައި ފައިސަލް އިރުކޮޅަކު އިނެވެ. ހިތަށްއެރިއެވެ. އާދޭސްކުރަން އާމިރާ ގާތަކަށް ފައިސަލް ނުދާނެއެވެ. ހިނގައްޖެ ނަމަ ފައިސަލްގެ އޮންނާނީ ކޮން އަގެއްހެއްޔެވެ؟ އާމިރާ ހިތަށްއަރާނެއެވެ. ފައިބުޑަށްވެއްޓެން އިންޑިޔާއަށް ވެސް ފައިސަލް ޖެހުނީ އަންނާށެވެ. މީހުން ހިތަށްއަރާނެއެވެ. ފައިސަލް ހުންނަނީ އާމިރާ ދަށުވެފައެވެ. އާމިރާ ނޫން އަންހެނަކު ފައިސަލަށް ނުލިބުނީހެއްޔެވެ؟

"ކޯޗެއް ތި ވިސްނަނީ؟" ސިރާޖު އެހިއެވެ.

"އެއްޗެއް ނުވިސްނަން،" ގޮނޑީގައި ހަމަޖެހިލަމުން ފައިސަލް ބުންޏެވެ. "ހިތަށްއަރަނީ އާމިރާ ނުވެސް ގުޅާ، ފޯނު ވެސް ނުނަގާ ހުއްޓާ އަހަރެން ދިޔުން އެއީ އެހާ.."

"އެއްކަލަ އީގޯ އަރާ ސީލިންގަ ތަތްލީ!" ސިރާޖު ބުންޏެވެ. "މަ ބުނަން ވާހަކައެއް؟ ތި ވިސްނުން ދޫކޮށްލާ! ތި އީގޯ ކަލޭ ރޮލާ ކާލާނެ."

ރޭގަނޑު މަގުމަތީގައި އެންމެ މީހުން ގިނަވި ދަނޑިވަޅެވެ. މަޖީދީމަގުގެ ޓުރެފިކުގައި ތާށިވެފައި ފައިސަލް އިނެވެ. އެއްވެސް ކޮޅަކަށް ގުޑާނުލެވިފައެވެ. ހަތަރު ފަރާތުން އިވެނީ ބަރުގޮނުގެ އަޑެވެ. ނުވާ ތާކަށް އެންބިލާންސެއް ވެސް އެ މަގަށް ނުކުތެވެ.

"ޔަގީންތަ މި ކުރެވެނީ ރަނގަޅުކަމެއްކަން؟" ސައިކަލު ފަހަތުގައި އިން ސިރާޖު އެހިއެވެ. "އެއީ ވަރަށް ގަޓުހުންނަ މަންޖެއެއް އިނގޭ! ކުރީ ރޭ ވީ ގޮތް އެނގޭނު. އަހަންނަށް ހަމަ ހީވަނީ ސަހަލު ގޮތަކަށް މި ކަމެއް ނުދާނެހެން. މަ ނުލާ ދާންވީނު؟"

"އެހާ ގަޓުހުރި ނަމަ އަހަންނަށް ސިހުރެއްނަހަދާނެ،" ފައިސަލް ބުންޏެވެ. "ވައްކަމެއް ވެސް ނުކުރީސް. އޭނަ އެހާ ފުއްޕަނީ އޭނަގެ ކަހީނު ދައްތަ ހުންނާތީ! މީހަކަށް ބަދުދުއާއެއް ކުރަނީކީ ނޫން. އެކަމަކު އޭނަގެ ދައްތަ މިހާރު ވެސް ނިކަން މަރުވެބަލަ! ސީމާ ވަގުތުން ސައިޒުވާނެ."

"އެއް ކަހީނު ނެތިއްޔާ އަނެއް ކަހީނު ހުންނާނެއްނު!" ސިރާޖު ހަނދާންކޮށްދިނެވެ. "ލާރި ހުރިއްޔާ.."

"އޭނަގެ އެކައުންޓު އަބަދު ވެސް ހުންނާނީ ޒީރޯގަ،" ވަރަށް ޔަގީންކަމާ އެކުގައި ފައިސަލް ބުންޏެވެ. "އެހެންވެ ހިތަށްއަރަނީ ލާރިކޮޅެއް ދީގެން ސިހުރުހެދުން ހުއްޓުވިދާނޭ! މަންސޫރު ބުނިހެން އެއީ އެންމެ ކުރު މަގު. އެކަމަކު މި މަގުން ނުކުމެވިގެންތާ! ކިހިނެއްތަ ވެގެން މި އުޅެނީ؟"

ފައިސަލް ވެސް ބަރުގޮނުއަޅަން ފެށިއެވެ. ސީމާ ހުރީ ގޭ ދޮރުމަތީ ދެކޮޅަށް ހިނގާލަހިނގާލައެވެ. ފައިސަލް އަންނަން ބުނި ގަޑި ފަހަނައަޅައި ހިނގައްޖެއެވެ. ސީމާ ނިންމީ ފައިސަލްގެ ހިޔާލު ބަދަލުވީކަމަށެވެ. ފޯނުކުރަން އުޅެފައި ސީމާގެ އެ ހިޔާލު ވެސް ބަދަލުވިއެވެ. އަލުން ގެއަށް ވަންނަން ހިނގައިގަތް ވަގުތު ފައިސަލް އަންނަ ތަން ފެނިގެން ސީމާ ހުއްޓުނެވެ. ފައިސަލް ސައިކަލު މަޑުކޮށްލީ ސީމާޔާ ވަރަށް ކައިރިޔަށެވެ. ސީމާއާއި ފައިސަލްގެ ހަތަރުކަޅި ހަމަވިއެވެ. އެއީ، ސީމާ ސިހުރުހަދާކަން ފައިސަލަށް އެނގިއްޖެކަން ސީމާއަށް އެނގުނު ފަހުން ދެ މީހުން ބައްދަލުވި ފުރަތަމަ ފަހަރެވެ. ރުޅިއައިސްފައިހުރި ވަރުން ސީމާއާ ދިމާއަށް ބަލައިލަން ވެސް ސިރާޖު ބޭނުމެއް ނުވިއެވެ. ސައިކަލު ޕާކުކުރުމަށް ފަހު ސީމާޔާ ވާހަކައްކަންޖެހުނީ ފައިސަލަށެވެ.

"ކައިރީގަ ނެތްތަ ކެފޭއެއް؟" ފައިސަލް އެހިއެވެ.

"ގެ ކިހިނެއް؟" ގެއަށް އިޝާރާތްކުރަމުން ސީމާ އެހިއެވެ.

ފައިސަލް ބަލައިލީ ސިރާޖަށެވެ. ފޫހިވެފައިހުރި ވަރުން ސިރާޖު ދެން ވެސް އެއްޗެއް ނުބުންޏެވެ. ސިހުރުހަދާކަން ކަނޑައެޅިގެން އެނގިހުރެ، އެ ގެއަށް ވަދެ ފެންތަށްޓެއް ވެސް ފައިސަލަކަށް ގަބޫލެއް ނުކުރެވޭނެއެވެ. މައްސަލައަކީ އެއީއެވެ. އަނެއްކޮޅުން ސީމާގެ ދައްތަޔާ ބައްދަލުވާކަށް ވެސް ފައިސަލް ބޭނުމެއް ނޫނެވެ.

"ކައިރީގަ ނުހުރޭތަ ކެފޭއެއް؟" ފައިސަލް އަނެއްކާ ވެސް އެހިއެވެ.

"މި ދިމާލުގަ ހުންނާނެ،" ސީމާ ބުންޏެވެ. "އެކަމަކު އެ ތަނަށް ދަންޏާ ދައްތަޔާ އެއްކޮށް ދެވޭނީ."

ސީމާއަކަށް ފައިސަލަކަށް އިތުބާރެއް ނުކުރެވެއެވެ. ފައިސަލަކަށް ސީމާއަކަށް އިތުބާރެއް ނުކުރެވެއެވެ.

"ދެން ނެތެއްނު މި ކަން ވާކަށް،" ކެތްނުކުރެވިގެން ސިރާޖު ބުންޏެވެ. "މަ ނޫޅެމޭ ކަލޭ ކާލާކަށް. މަ މީ ކަލޭއެއް ނޫނޭ!"

ސިރާޖު ވާހަކަ ނުދެއްކުމަށް ފައިސަލް އަތުގެ އިޝާރާތުން އެންގިއެވެ. ކުރިޔަށް ވުރެ ސިރާޖު ފޫހިވިއެވެ.

"އެހެންވީމަ މި ތަން އޯކޭއެއްނު!" ފައިސަލް ބުންޏެވެ. "ދައްކަންއޮތީ އެންމެ ވާހަކައެއް. ކިހިނެއް ހެދިއްޔާހޭ ސިހުރުހެދުން ހުއްޓާލާނީ؟ ސިހުރެއްނަހަދަމޭ ކިޔައިގެން ބޭކާރު އަނގަނުތަޅާތި! އަހަރުމެންނަކަށް ވެސް ސީމާއަކަށް ވެސް ޓައިމެއް ނެތް. މި އުޅެނީ ސުލްހަވެރިކޮށް މި ކަން ނިންމާލަން. ލާރި ބޭނުމިއްޔާ ވެސް ބުނޭ! ދެވޭ ވަރުގެ އެއްޗެއް ވިއްޔާ ދީގެން ވެސް އަހަރެން ބޭނުންވަނީ މި ކަން ނިންމާލަން."

"ލާރި ބޭނުމެއް ނޫން!" ސީމާ މަޑުމަޑުން ބުންޏެވެ.

"ލާރި ބޭނުމެއް ނޫނޭ؟ އެހެންވެ ދޯ ކަލޭ ވައްކަން.." ސިރާޖަށް ބުނެވުނީ އެ ހިސާބަށެވެ.

"ދެން ކޯޗެއް ބޭނުމީ؟" އޯގާވެރި އަޑަކުން ފައިސަލް ސުވާލުކުރިއެވެ.

ސީމާ ރުޅިއައިސްފައި ސިރާޖަށް ކަޅިއަޅައިލިއެވެ. އެހެނަސް ރައްދެއް ނުދެއެވެ.

"އޭނަ ކައިރީގަ ބުނޭ އިހަށް ދުރަށް ދާށޭ!" ސީމާ އެދުނެވެ.

ފައިސަލް އެއްޗެއް ބުނުމުގެ ކުރިން ސިރާޖު ނިކަން ބާރަށް ހިނގައިފައި ގޮސް، ދައްކާ ވާހަކަ އަޑުނީވޭ ހިސާބުގައި މަޑުކޮށްލިއެވެ.

"ބުނަން ސީމާ!" ފައިސަލް ބުންޏެވެ. "ވީ ކަމެއް ވީ! އެ ކަމާ ދެން ނުވިސްނާ، ކުރިޔަށް ވިސްނަމާ ހިނގާ! ސީމާއަކީ ވެސް ނުލާހިކު ރަނގަޅު، ހިތްހެޔޮ ކުއްޖެއް."

"އެހެންވިއްޔާ އަހަންނާ މެރީކޮށްފާނަން؟" ސީމާ ދިމާއަށް ބުންޏެވެ.

ފައިސަލް ހީވީ ހުރި ތަނަށް ގާވިހެންނެވެ. ޖެހިލުމެއްނެތި ސީމާ އެހެން ބުނީމައެވެ. ސީމާ އިންތިޒާރުކުރީ ފައިސަލްގެ ޖަވާބަކަށެވެ.

"ކީއްވެ އާނއެކޭ ނުބުނީ؟" ސީމާ ސުވާލުކުރިއެވެ. "އަހަރެން ތި ބުނާހާ ރަނގަޅުވެފަ، ހިތްހެވިއްޔާ ސޭ ޔޭސް. އޭރުން ސިހުރު ހުއްޓާލާނަން. އާމިރާއަށްވުރެ މާ ކެއާކުރާނަން. އެއްވެސް ޝަކުވާއެއް ނުކުރާނަން. ޝަކުވާކުރާކަށް ފައިސަލަކަށް ޗާންސެއް ވެސް ނުދޭނަން."

އެއީ، ސިހުރުހަދާކަމަށް ސީމާ އެއްބަސްވި ފުރަތަމަ ފަހަރެވެ. އިންނަން އެދުނު ފުރަތަމަ ފަހަރު ވެސްމެއެވެ. ސީމާ ހުތުރެއް ނޫނެވެ. އަޅައިގަންނަ ސިފަތަކެއް ވެސް ހުއްޓެވެ. އެހެނަސް ފައިސަލްގެ އަންބެއް އެބަ ހުއްޓެވެ. ލޯބިވެރިޔަކު އެބަ ހުއްޓެވެ.

"ކޯޗެއް ތި ވިސްނަނީ؟" ސީމާ ވަރަށް ހަމަޖެހިލާފައި އެހިއެވެ. "އާމިރާއަށް ވުރެ އަހަރެން ކަޅީ؟ ރިންދާއަށް ވުރެ އަހަރެން ހުތުރީ؟ ފައިސަލްގެ ހުރިހާ ވެސް މީހަކީ ޒިޔާނެއްނު! އަހަރެންހާ ރަނގަޅަށް ޒިޔާން ދަންނަ މީހަކު ނުހުންނާނެ. އެ ވެސް ކިހާ ބޮޑު ނަސީބެއް؟ މަންމައެއްގެ ރިހާސަލް ވެސް ހަދާފަ މިހިރީ. އަހަންނަށް ދެ މީހުން ވެސް އުފާކޮށްދެވޭނެ. އާނއެކޭ ބުނޭ!"

މަތިންދާބޯޓު ނައްޓައިލަން ތައްޔާރުވިއެވެ. ފައިސަލް އިނީ ވަރަށް ނުތަނަވަސްވެފައެވެ. ކިތަންމެ ހަމަޖެހެން އުޅުނަސް ފައިސަލްގެ ސިކުނޑިން ފިކުރު މަދެއް ނުވެއެވެ. ސީމާ ދިން ދައުވަތު ފައިސަލް ގަބޫލުނުކުރުމުން ސީމާ އޭގެ ބަދަލުހިފާނެއެވެ. ކަނޑުހުރަސްކުރުމަކީ މަންސޫރު ނުކުރަން ބުނި ކަމެކެވެ. އެ ކަމަށް މަންސޫރު އެއްބަސްވީ އެތައް ކަމެއް ފައިސަލް ކުރަން ޝަރުތުކޮށްފައެވެ. އެތައް ވަގުތެއްގައި އެތައް އެއްޗެއް ކިޔެވުމާއި، ހުރިހާ ނަމާދެއް ވަގުތުގައި ކުރުމާއި، ނުވަންނަންވާ ތަންތަނާއި، ބޭރުގައި ނޫޅެންވާ ވަގުތުތަކަށް ދާންދެން މަންސޫރު ކިޔައިދިނެވެ. އެ ހުރިހައި ކަމެއް ކުރުމުން ވެސް، ބުރިޖު ހުރަސްކުރި އިރު ފައިސަލްގެ ހިތްއަވަސްވިއެވެ. ކުޑަކޮށް ހާސްވިއެވެ. އަނެއްކޮޅުން، ފައިސަލް ދަނީ ކޮން ތަނަކަށް ކީއްކުރަންކަން ޒިޔާނަށް ކިޔައިދޭންޖެހުނެވެ. ޒިޔާންގެ ފަރާތުން ފައިސަލަށް ފެނުނީ ތަފާތު ރައްދެކެވެ.

"ޒިޔާން ވަރަށް ބޭނުން މަންމަ އަންނަން. އެކަމަކު މަންމައެއް ނާންނާނެ ޑެޑީ،" ޒިޔާން ބުންޏެވެ. "ތީ ހަމަ ބޭކާރުކަމެއް. ޒިޔާނަށް ފެންނަނީ ޓްރިޕް ކެންސަލުކުރަން."

"ޑެޑީ ބޭނުން ޒިޔާނަށް އެނގެން، މަންމަ ގެންނަން ކުރެވެން ހުރި ހުރިހާ ކަމެއް ޑެޑީ ކުރިކަން،" ފައިސަލް ބުންޏެވެ. "ޑެޑީއަކީ ދަރިފުޅާ ދޭތެރޭގަ ވިސްނާ މީހެއް ނޫނޭ، އަޅާލާ މީހެއް ނޫނޭ.. އެއީ އަބަދު ވެސް މަންމަ ކުރާ ޝަކުވާއެއް. ޑެޑީ ބޭނުމެއް ނޫން މާދަމާ ދަރިފުޅު ހަމަ އެ ޝަކުވާ ކުރާކަށް. ޑެޑީ ގަބޫލުކުރަން މަންމަ ލޯބިވާ ވަރަށް ޑެޑީއަށް ލޯބިނުވެވޭކަން. އެނގޭތަ އެއީ ކީއްވެކަން؟ ޑެޑީއަކީ މަންމައެއް ނޫން. މަންމައަކީ، މުޅި ދުނިޔެއިން ވެސް ދަރިޔަކަށް ލިބޭނެ އެންމެ ބޮޑު ނަސީބު. އެންމެ ބޮޑު ހަދިޔާ. ބައްޕަޔާ ހެދި ދަރިފުޅަށް އެ ލޯބި ގެއްލުނީ."

އެ ހިސާބަށް ވާހަކަދެއްކި އިރު ފައިސަލް ފެންކަޅިވެއްޖެއެވެ. މަތިންދާބޯޓުގައި އިން ފައިސަލް ވެސް ފެންކަޅިވިއެވެ. ވީމާ، ސިރާޖަށް ސިއްރުސިއްރުން ކަރުނަ ފުހެލިއެވެ.

"ޔޫ އޯކޭ؟" ހުރިހާ މަންޒަރެއް ބަލަންއިން ސިރާޖު އެހިއެވެ. "ފައިސަލް ބޭނުމިއްޔާ މިހާރު ވެސް ބޯޓުން ފައިބަންވީ އިނގޭ! އެކަމަކު މައްޗަށް އަރާފަ، އެހެރަ އިމަޖެންސީދޮރު ހުޅުވާފަ، ބޭރަށް ފުންމާލަން ކުޑަ ތަންކޮޅެއް އުނދަގޫވާނެ."

"ކަލޭ ކައިރީގަ އޭރު ވެސް މަ ބުނިން އިމަޖެންސީދޮރު ކައިރިން ޓިކެޓުނަގާށޭ!" ސަމާސާގައި ފައިސަލް ވެސް ބައިވެރިވިއެވެ. "އެނގޭތަ؟ ވަރަށް ހިތްހަމަޖެހިފަ މިއިނީ. ކީއްވެކަން އެނގޭތަ؟ އަހަންނަށް މިހާރު ގަބޫލުކުރެވޭ އަހަރެން ކިހާ ޗޭންޖުވެއްޖެކަން. މީ އިއްޔެގެ އަހަރެން ނަމަ، މި ވަގުތު، މި ސީޓަކު އަހަންނެއް ނީންނާނެ. ހުރިހާ ވެސް އެއްޗަކީ އީގޯ."

"އަހަރެން މި ވަގުތު ހިތަށްއަރާ އެތި ބުނެފިއްޔާ ކަލޭ ހޭންފަށާނެ ނޫނީ ރޯންފަށާނެ. ބުނަންވީ؟" ސިރާޖު އެހެން އެހުމުން ފައިސަލް ބޯޖަހައިލިއެވެ. "އަހަރެން ހިތަށްއަރަނީ މި ބޯޓު މަތީގަ އޮއްވާ ޖިންނިއަކަށް ބޯޓު ހިފޭއްޓިދާނެބާއޭ؟"

ފައިސަލް ނުވެސް ހެޔެވެ. ނުވެސް ރޮޔެވެ. ބަސް ހުސްވެފައި އިނީއެވެ. ހަގީގަތުގައި އެ ސުވާލުގެ ޖަވާބު ފައިސަލަކަށް ވެސް ނޭނގެއެވެ. އިމަޖެންސީ ދޮރު ކަށަވަރުކުރުމަށް ޓަކައި ފައިސަލަށް ބަލައިލެވުނެވެ. ގޮނޑި ދަށުގައި ލައިފުޖެކެޓު އޮތްތޯ ފައިޖައްސައިލެވުނެވެ. އެ ވަގުތު ފޯނަށް މެސެޖެއްއައި އަޑުއިވުނެވެ. ފައިސަލް އުޅުނީ ފޯނު ނުނަގާށެވެ. ބޯޓު މަޑުމަޑުން ދުވަން ފެށިއެވެ. ފޯނު ނުބަލައެއް ފައިސަލަކަށް ނީނދެވުނެވެ. ސިއްރުސިއްރުން ފޯނު ބަލައިލި އިރު މެސެޖު ފޮނުވީ ސީމާއެވެ.

"ގުޑްބައި!" މެސެޖުގައި އޮތެވެ.

ނުނިމޭ