05 އޯގަސްޓް 2023 - 19:59

ސިނަމާލެ ބްރިޖުގެ ހައިވޭއަށް މިއަދު ވަރަށް ބޮޑަށް އުދަ އަރައި، އެ ތަނަށް އެޅިފައިވާ ގާތައް ނެގުމުގެ މަސައްކަތް ކުރަމުންދާތީ ބްރިޖުން ދުއްވާ މީހުން ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

އާދަޔާ ހިލާފަށް މިއަދު މާލެއަށް އުދަ އަރާފައިވާއިރު ބްރިޖުން ހުޅުމާލެއަށް ދިއުމަށް ހުޅުލެ ޓްރެފިކް ލައިޓުގައި ބަޔަކު ޖެހިފައި ތިއްބައި، އެ ދިމާލުން އެރި ރާޅެއްގައި ވެސް ގިނަ ބަޔަކު ސައިކަލުތަކާ އެކު ލޮނުގަނޑުގެ ތެރެއަށް ދަމައިގަތެވެ.
ފުލުހުން ބުނީ އުދަ އެރުމުގެ ސަބަބުން ހައިވޭއަށް އެޅިފައިވާ ގާ ފަދަ ތަކެތި އެތަނުން ނަގައި، އެތަން ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެހެންވެ ހައިވޭ އިން ދަތުރުކުރާ މީހުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރި އެވެ.
ވަރަށް ބޮޑަށް ބްރިޖާ ދިމާލުން އުދަ އެރުމުގެ ސަބަބުން ފުލުހުން ވަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ސައިކަލުގައި ދަތުރުނުކުރުމަށް ވެސް އެދިފަ އެވެ. އަދި އުދަ އެރުން ހުއްޓެން ދެން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވެސް ފުލުހުން އެދެ އެވެ.
ހެންވޭރުކޮޅުން ވެސް މިއަދު ވަނީ ވަރަށް ބޮޑަށް އުދަ އަރައިފަ އެވެ. އާންމުކޮށް ވެސް ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު ރާޅުގަނޑު ސަރަހައްދަށް އުދަ އަރާއިރު މިއަދު އެ ސަރަހައްދަށް ވެސް ލޮނުގަނޑު ވަރަށް ބޮޑަށް އެރި އެވެ.
މޫސުމާ ބެހޭ އިދާރާ އިން ވަނީ އުދައަރާނެ ކަމަށް ލަފާކުރެވޭ ކ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. މިރޭ ރާޅުގެ އުސްމިން އުޅޭނީ 3 އާއި 7 ފޫޓާ ދެމެދުގަ ކަމަށް މެޓުން ބުންޏެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން (އެންޑީއެމްއޭ) އިން ވެސް ވަނީ މިރެ އާއި މާދަމާ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެ ކަމަށް މެޓުން ލަފާކުރާތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފަ އެވެ.
އެންޑީއެމްއޭ އިން އިލްތިމާސްކުރާ ކަންކަން:
- އުދަ އަރައިގެން ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން.
- ގެއަށް ފެން ނުވަންނާނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.
- ގޭތެރޭގައި ފެން ބޮޑުވެއްޖެ ނަމަ، ގެއްލުންވެދާނެ މުދާތައް އުސްތަނަކަށް ބަދަލުކުރުން.
- ބަނދަރު ކައިރީ އެއްގަމު އުޅަނދު ޕާކުނުކުރުން.
- ބަނދަރުގައި އަޅާފައިވާ ދޯނިތަކުގެ ވާކަނޑައިގެން ނުދާނެ ގޮތަށް އެއްސުން.
- ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބްރިޖުން ދަތުރުކުރާ މީހުން ސަމާލުވުން.
- ސިއްހީ މައްސަލަތަކުން ސަލާމަތްވުމުގެ ގޮތުން އުދައާ އެކު ރަށުތެރެއަށް ފެތުރޭ ކުނިބުނި އަވަހަށް ސާފުކުރުމަށް ސަމާލުވުން.