05 އޯގަސްޓް 2023 - 16:19

މީގެ ކުރިން މާލެ ސަރަހައްދަށް އުދަ އަރާ ވަރަށް ވުރެ ބޮޑަށް މިއަދު އުދަ އަރައިފި އެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައާއެކު އާންމުކޮށް ވެސް މަޖީދީ މަގު ހެންވެއިރު ކޮޅުން އުދަ އަރަ އެވެ. މިއަދުގެ އުދައިގައި އެ ސަރަހައްދުގެ އިތުރުން ބްރިޖާ ދިމާއިން ވެސް ވަނީ ވަރަށް ބޮޑަށް އުދަ އަރައި ފެންބޮޑުވެފަ އެވެ.
ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ބްރިޖު ސަރަހައްދަށް އެރި އުދައިގައި ދަތުރުކުރަމުންދިޔަ ބައެއް އުޅަނދުތައް ވަނީ ލޮނުގަނޑުގެ ތެރެއަށް ދަމާލައި އެކި ވަރުގެ ގެއްލުން ވެފަ އެވެ.
މި ސަރަހައްދުގެ އިތުރުން މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގެ ގާތަކުގެ މަތިން ވެސް އަންނަނީ އުދަ އަރަމުންނެވެ. މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އުދައިގައި އެ ސަރަހައްދުގައި ހުރި އުޅަނދުތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.
އެ ސަރަހައްދަށް އެރި ލޮނުގަނޑު އެ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑާ ހަމައަށް އެބައޮތެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫއަށް ހުދު ސަމާލު ނެރެ، އުދަ އަރާނެ ކަމަށް ލަފާކޮށްފަ އެވެ.
މާލޭގެ އިތުރުން ބައެއް މެދު ރާއްޖެތެރޭގެ ރަށްރަށަށް ވެސް ވަނީ އުދައިގެ އަސަރު ކޮށްފަ އެވެ.