05 އޯގަސްޓް 2023 - 13:31

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް އައްޑޫ ބޭފުޅެއް ކަމަށްވާ ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސަވަން ނިންމަވައިފި އެވެ.
ދަނގެތި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމްގެ ރަނިންމޭޓް އިއުލާން ކުރަން ނިންމާފައި ވަނީ ބިލަބޮންގް ހައި ސްކޫލްގައި މިރޭ ބާއްވާ ހާއްސަ ޖަލްސާއެއްގަ އެވެ.
އައްޑޫ ހިތަދޫ ސްޓާސް އަދީލްއަކީ އެ ރަށު ޝަރަފުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލެވެ. ސްކޫލް މެނޭޖްމަންޓްގެ ދާއިރާ އިން ޕީއެޗްޑީއާ ހަމައަށް ވަޑައިގެންފައިވާ އަދީލް ވަނީ އައްޑޫގެ އެކިއެކި ސްކޫލްތަކުގައި ކުރިން މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އައްޑޫ ހައި ސްކޫލާއި މެދުވަލު ސްކޫލާއި ސ. އަތޮޅު ތައުލީމީ މަރުކަޒާއި އައްޑޫ އިސްލާމިއްޔާ ސްކޫލް ހިމެނެ އެވެ.
އަދީލް ވަނީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ވާދަކުރައްވައިފަ އެވެ. އޭނާ ކުރިމަތިލެއްވީ ހިތަދޫ ދެކުނު ދާއިރާއަށެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ނާޒިލް އެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އައްޑޫގެ ތާއީދު ހޯދުމަށް ބައެއް ކެންޑިޑޭޓުންނާއި ޕާޓީތަކުން އިސްކަންދޭކަން މި ފަހަރު ފާހަގަކުރެވެ އެވެ. ނާޒިމްގެ ރަނިންމޭޓަކަށް އަދީލް ހަމަޖައްސަވާފައިވާއިރު، ރައީސް އަދި ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ކަނޑައަޅުވަން ނިންމެވީ ވެސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބާރު އޮތް ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.