05 އޯގަސްޓް 2023 - 12:08

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ރެޖިސްޓްރީ ވުމުގެ މުއްދަތު މިއަދު ހަމަވާނެ ކަމަށާއި ރީރެޖިސްޓްރޭޝަން ކުރުމަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ވަނީ އޮންލައިންކޮށް ވެސް ރީރެޖިސްޓްރޭޝަނަށް ހުޅުވާލައިފަ އެވެ. އެކަމަކު އެކަމަށް ލިބުނު ތަރުހީބު ކުޑަވުމުން އިލެކްޝަންސްގެ ކަންބޮޑުވުން އޮތެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވީ ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިގެން ތިން ހަފްތާ ވެގެން ދިޔައިރު ތަރުހީބު ކުޑަނަމަވެސް، އިއްޔެ އެކަނި ވެސް 1500 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާއިފައިވާ ކަމަށެވެ.
"މުއްދަތު އިތުރު ކުރަން ޖެހޭ ސަބަބެއް އިތުރަށް އޮތް ކަމަކަށް ނުފެނޭ، ތިން ހަފްތާއަށް ވުރެ ގިނަ ދުވަސް ވެއްޖެ ހުޅުވާލައިގެން، ޕާޓީތަކުން ވެސް އެދޭނެ، އެކަމަކު އަޅުގަނޑުމެން އަންގާފައިވާނީ އިތުރުކޮށްނުދެވޭނެ ކަމަށް،" ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރީރެޖިސްޓްރޭޝަނަށް އިތުރު މުއްދަތެއް ދެވެން ނެތީ އިންތިހާބުގެ އެހެން މަސައްކަތްތަކަށް ބުރޫ އަރާނެތީ ކަމަށެވެ.
އޮންލައިންކޮށް ރީރެޖިސްޓްރީކުރުމުގެ ފުރުސަތު އޮގަސްޓު ދެ ވަނަ ދުވަހާ ހަމައަށް ކުރިއަށް ދިޔަ އެވެ. އޭގެ ފަހުން އެ ފުރުސަތު އޮތީ ހަމައެކަނި ފޯމު ހުށަހަޅައިގެންނެވެ. މިއަދު ހަވީރު 4:00 އާ ހަމައަށް ވެސް އެ ފުރުސަތު އޮންނާނެ އެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި 95،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވި އެވެ. އެ ފަހަރު މާލޭގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ މީހުންނަށް، ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބަށް އަލުން ރީ-ރަޖިސްޓަރީވާކަށް ނުޖެހޭނެ އެވެ. އެކަމަކު، މާލެ ފިޔަވައި، ރަށްވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ހުރިހާ މީހުން އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށް ބުންޏެވެ.
އެކަމަކު މިފަހަރު ވެސް މާލެއިން 30،000 އާއި 40،000 އާ ދެމެދުގެ އަދަދެއްގެ މީހުން ރީ-ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް އީސީން ލަފާކުރެ އެވެ. އެހެންވެ، މިހާތަނަށް ރަޖިސްޓްރީވީ 12،000 މީހުން ކަމަށް ވާތީ މިއީ މަދު އަދަދެއް ކަމަށް އީސީން ބުންޏެވެ.