05 އޯގަސްޓް 2023 - 13:10

މެންޗެސްޓާ (އޮގަސްޓް 05) - އޭނާ ބޭނުންވަނީ ސިޓީގައި މަޑުކުރަން ބޭނުންވާ ކުޅުންތެރިންނާއި އެކު ކުރިއަށް ދާން ކަމަށާއި، ޓީމު ދޫކޮށްލަން ބޭނުންވާ ކުޅުންތެރިން ވިއްކާލާނީ ރަނގަޅު އަގެއް ހުށަހެޅުމުން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ގާޑިއޯލާ އެހެން ބުނީ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ އާއި މިޑްފީލްޑަރު ބެނާޑޯ ސިލްވާ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ވިއްކާލާނެތޯ ސުވާލު ކުރުމުންނެވެ.
"އެކީގަ މަސައްކަތްކުރަން ބޭނުންވަނީ ކްލަބުގައި މަޑުކުރަން ބޭނުންވާ ކުޅުންތެރިންނާއި އެކު. އެހެން ނޫނީ އެއިން ކުޅުންތެރިއަކު ވިއްކާލާނީ ރަނގަޅު އޮފާ އެއް ލިބުމުން" ސިޓީގެ ކުޅުންތެރިންނަށް އޮތް ޑިމާންޑާ ގުޅިގެން ގާޑިއޯލާ ބުންޏެވެ.
އިންގްލެންޑުގެ ވޯކާ ހޯދުމުގެ މަސައްކަތް ކުރަނީ ބެޔާން މިއުނިކުންނެވެ. ޕޯޗުގަލްގެ ސިލްވާ އަށް ބާސެލޯނާ އިން ޝައުގުވެރިވެ އެވެ. މިދިޔަ ސީޒަނަށް ފަހު ސިޓީގެ އިކްލާއީ ގުންޑޮގާން ވަނީ ބާސެލޯނާ އަށް ބަދަލުވެފަ އެވެ. ގާޑިއޯލާ ބުނީ ގުންޑޮގާން ކްލަބް ބަދަލުކުރިޔަސް ވޯކާ އާއި ސިލްވާ ވިއްކާލައިފި ނަމަ އޭނާ އަށް ވަރަށް އުނދަގޫވާނެ ކަމަށެވެ.
"ރަނގަޅު އޮފާ އެއް ނުލިބިއްޖެ ނަމަ ސިލްވާ އަކީ އަހަރެމެންގެ ކުޅުންތެރިއެއް. ބާސެލޯނާ އިން ސިލްވާ ބޭނުންވާނަމަ މިކޮޅަށް އައިސް ސީއީއޯ އާއި ސްޕޯޓިން ޑިރެކްޓަރާ ވާހަކަދައްކައިގެން އެއްބަސްވުމަކަށް ދޭ" ސިލްވާއާ ގުޅޭގޮތުން ގާޑިއޯލާ ބުންޏެވެ.
ސިޓީގެ ރިޔާދް މާރޭޒް މިހާރު ވަނީ ބޮޑު އަގުގައި ސައުދީ ލީގުގެ އަލް އަހްލީ އަށް ބަދަލުވެފަ އެވެ. މާރޭޒް ވިއްކާލުމަށް ފަހު ގާޑިއޯލާ ބުނީ އަހްލީ ހުށަހެޅުން ބޮޑުވުމުން މާރޭޒް ވިއްކާލަން އެއްބަސްވާން މަޖުބޫރުވީ ކަމަށެވެ. ސިލްވާ އަށް ވެސް ސައުދީ ލީގުން ޝައުގުވެރިވެ އެވެ.
ގާޑިއޯލާ ބުނީ ސިޓީ އިން ކުޅުންތެރިއަކު ގަންނަން އެހެން ކްލަބްތަކަށް ވުރެ 10 ނޫނީ 15 މިލިއަން ޑޮލަރު އިތުރަށް ހަރަދަކުރަން ޖެހޭ ކަމަށެވެ. އެހެންވެ ސިޓީގެ މުހިއްމު ކުޅުންތެރިން ބޭނުންވާ ކްލަބްތަކުން ވެސް ރަނގަޅު ބިޑެއް ހުށަހަޅަން ޖެހޭނެ ކަމަށް ގާޑިއޯލާ ބުންޏެވެ.
އާ ސީޒަނަށް ކްލަބް ވަރުގަދަކުރަން ސިޓީ އިން މިހާރު ވަނީ ފީފާ ވޯލްޑް ކަޕްގައި ވިދާލި ކްރޮއޭޝިއާގެ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް 98 މިލިއަން ޑޮލަރަށް ގަންނަން އެއްބަސްވެފަ އެވެ. ކުރިން އާރުބީ ލައިޕްޒިގްގައި ހުރި ގްވާޑިއޯލް، 22، މިއަދުގެ ވަގުތެއްގައި ރަސްމީކޮށް އެ ކްލަބާ ގުޅޭނެ އެވެ.
ސިޓީ އިން އިނގިރޭސި އާ ސީޒަން ފަށާނީ މާދަމާ އާސެނަލްއާ ދެކޮޅަށް ކުޅޭ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުންނެވެ.