05 އޯގަސްޓް 2023 - 10:10

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަށް އިތުރު 19 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ސަޕޯޓަރުން ހިތްވަރު ދޫކޮށްނުލަން އޭނާ ގޮވާލައްވައިފި އެވެ.
ނަވަލްނީގެ މައްޗަށް ސާބިތުވީ ހަރުކަށި ޖަމިއްޔާއެއް އުފައްދައި އެ ޖަމިއްޔާއަށް ފަންޑުކުރި ކަމުގެ ކުށެވެ. އެކަމަކު އޭނާ ވަނީ އެ ދައުވާއަށް ސާފުކޮށް އިންކާރުކޮށްފަ އެވެ.
މި ހުކުމް އިއްވިއިރުވެސް ނަވަލްނީ ގެންދަވަނީ ޕެރޯލްއާ ހިލާފުވުމާއި މަކަރާއި ހީލަތާއި ކޯޓުގެ ހުރުމެއް ކެނޑުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ދައުވާތަކަކީ ވެސް ސިޔާސީ ގޮތުން ކުރި ދައުވާތަކެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
"އަހަންނަކަށް ނޫން، ބިރުދައްކައިގެން [ސަރުކާރާ] ދެކޮޅަށް ތެދުވުމުގެ އިހުތިޔާރު ގެއްލުވާލަން އުޅެނީ ރައްޔިތުންގެ. ޕުޓިންގެ މަގުސަދު ހާސިލުވިޔަ ދީގެން ނުވާނެ. ދެކޮޅަށް ތެދުވުމުގެ ހިތްވަރު ގެއްލުނަ ނުދޭތި،" ނަވަލްނީގެ ފަރާތުން ސަޕޯޓަރުންނަށް ހިތްވަރުދޭން ކުރި ޓްވީޓެއްގައި ބުންޏެވެ.
ނަވަލްނީގެ މައްޗަށް ޝަރީއަތް ހިންގީ އޭނާ މިހާރު ޖަލުގައި ހުރި ހައި ސެކިއުރިޓީ ޖަލުގަ އެވެ. ޝަރީއަތް ކުރި މާލަމަށް ނޫސްވެރިންނާއި އާންމުންނަށް ވަނުމުގެ ފުރުސަތެއް ނުދިނެވެ.
ރަޝިޔާ ސަރުކާރުގެ ތެރޭގައި ފެތުރިފައިވާ ކޮރަޕްޝަން ފަޅާއަރުވާލަން 10 އަހަރަށް ވުރެ ގިނަ ދުވަހު ނަވަލްނީ ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އޭނާގެ ވީޑިއޯ ތަހުގީގުތަކަށް އޮންލައިންކޮށް ދިހަ މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައި ވެ އެވެ.
އޭނާއަކީ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ބައިވެރިވުމަށް ގިނަ އަދަދަކަށް މީހުން ޖަމާކުރުމުގެ ގާބިލުކަން ހުރި ހަމައެކަނި ރަޝިޔާގެ އިދިކޮޅު ލީޑަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެކަމަކު 2020 ވަނަ އަހަރު ނަވަލްނީ ސައިބީރިއާގައި ހުންނަވަނިކޮށް ނުރައްކާތެރި ވިހައެއް ދީގެން އޭނާއަށް މަރުގެ ހަމަލާއެއް ވަނީ ދީފަ އެވެ.
ހަމަލާއިން ރަނގަޅުވުމަށްފަހު، ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދިން ނަމަވެސް، ނަވަލްނީ އެނބުރި ރަޝިޔާއަށް ވަޑައިގަތީ 2021 ވަނަ އަހަރު އެވެ. އޭނާ މޮސްކޯއަށް ވަޑައިގެންނެވުމާއެކު އެއާޕޯޓުން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.