ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ޝަރީއަތް މިރެއާ އެކު ކުރިއަށް ގެންދަނީ
ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ޝަރީއަތް މިރެއާ އެކު ކުރިއަށް ގެންދަނީ

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމާ ހެދި އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިރެޔާ އެކު ކުރިއަށް ގެންދަން ނިންމައިފި އެވެ.

ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ޝަރީއަތް މިރެއާ އެކު ކުރިއަށް ގެންދަނީ
ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ޝަރީއަތް މިރެއާ އެކު ކުރިއަށް ގެންދަނީ

މެންދުރު ފަހު 3:00 ގައި ފަށަން ހަމަޖެއްސި ޝަރީއަތް، ކޯޓު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑިގެން ގަޑިއެއްހާއިރު ފަހުން ފެށުމަށް ފަހު ފަނޑިޔާރުންގެ ބެންޗުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އިއުލާނުކުރެއްވި ގޮތުގައި މަޣްރިބު ނަމާދަށް ޝަރީއަތް މެދުކަނޑާލައި އަލުން ފެށުމަށް ފަހު އިޝާ ނަމާދަށް އަނެއްކާ މެދުކަނޑާލުމަށް ފަހު 8:00 ގައި އަލުން ފަށައިގެން ކުރިއަށް ގެންދާނެ އެވެ.

މިއަދު ޝަރީއަތް ފެށުމުގެ ކުރިން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ވަނީ ދައުވާ އާއި ދައުވާގެ ޖަވާބު ހުށަހަޅައި މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހިއްސާކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލަ ހުށަހަޅާއިރު ފަނޑިޔާރުން އޮޅުންފިލުވަން ބޭނުންވާ ކަންކަމާ ބެހޭ ގޮތުން ސުވާލުކުރަމުން ގެންދާނެ ކަމަށެވެ. އަދި ޖަވާބުތައް ވެސް، ވަގުތު ނުގެއްލޭ ގޮތަށް ކުރުކޮށް ދެއްވުމަށް އެދިވަޑައިގަތެވެ.

މަނީ ލޯންޑަރިން ހިންގުމާއި ރިޝްވަތު ހިފުމުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ވެސް ހާޒިރުވެ ވަޑައިގެން ހިންގާ ޝަރީއަތުގައި އެ މަނިކުފާނުގެ ފަރާތުން ވަކާލާތުކުރައްވަނީ ޖަލު ހުކުމް އޮތް ނަމަވެސް އެއީ ނިހާއީ ހުކުމަކަށް ނުވާތީ ރައީސް ކަމަށް ޝަރުތު ހަމަވާނެ ކަމަށް ބުނެ އެވެ. އެ މަނިކުފާނުގެ ވަކީލުން ގެންދަވަނީ 12 މަސް ދުވަހަށް ވުރެ ގިނަ ދުވަހުގެ ޖިނާއީ ހުކުމެއް އޮތް ނަމަވެސް އެއީ ނިހާއީ ހުކުމަކަށް ނުވާ ނަމަ އެ މީހަކަށް ރައީސް ކަމުގެ މަގާމަށް ކުރިމަތި ލެވޭނެ ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވާ ގާނޫނީ ސަބަބުތައް ހުށަހަޅުއްވަމުންނެވެ.

ޔާމީންގެ ރިޔާސީ ކެންޑިޑެސީ ހުށަހެޅީ އާދީއްތަ ދުވަހު އެވެ. ހަމަ އެ ދުވަހު އީސީން ވަނީ ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފަ އެވެ. އެއީ ޔާމީނަކީ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އެވެ. ޔާމީން އެ މަނިކުފާނުގެ ރަނިން މޭޓަކަށް ހުށަހަޅުއްވާފައިވަނީ އެ މަނިކުފާނުގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ.