31 ޖެނުއަރީ 2017 - 18:25

ޓެކްސަސް (ޖެނުއަރީ 31) - އެމެރިކާގެ ޓެކްސަސްގައި އަންދާލި މިސްކިތް އަލުން ހެދުމަށް އެހީގެ ގޮތުގައި އެއް މިލިއަން ޑޮލަރު ލިބިއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު މިސްކިތުގައި އަލިފާން ރޯވެފައި ވަނީ ކޮން ސަބަބާ ހުރެ ކަމެއް ކަމާ ބެހޭ އޮފިޝަލުން ހާމަކޮށްފައެއް ނުވެ އެވެ. ބައެއް ފަރާތްތަކުން ލަފާކޮށްފައި ވަނީ ބަޔަކު ގަސްދުގައި މިސްކިތް އަންދާލީ ކަމަށެވެ. އޮފިޝަލުން ބުނެފައި ވަނީ މި ހާދިސާގެ ތަހުގީގަށް މަސްތަކެއް ނަގައިފާނެ ކަމަށެވެ.
މިސްކިތް މަރާމާތު ކުރުމަށް އެއް މިލިއަން ޑޮލަރު ހަމަކޮށްފައި ވަނީ ހޯމަ ދުވަހުގެ މެންދުރާ ހަމައަށެވެ. ޓެކްސަސްގެ މިސްކިތުގައި އަލިފާން ރޯވިތާ އެއް ދުވަސް ފަހުން ވަނީ ކެނެޑާގެ ކިއުބެކު ސިޓީގެ މިސްކިތެއްގައި ބަޑިން ހަމަލާދީ ހަ މީހުން މަރާލައިފަ އެވެ.
މިސްކިތުގެ އިމާމު ޝާހިދު ހާޝިމީ ބުނީ މިސްކިތް އަނދާފައިވާ މަންޒަރު ބެލުމަކީ ހިތަށް ތަދުވާ ކަމެއް ކަމަށެވެ. އެކަމަކު ލިބެމުންދާ އެހީތަކަށްޓަކައި ޝުކުރުވެރިވާ ކަމަށް އޭނާ ބުންޏެވެ.