04 އޯގަސްޓް 2023 - 12:14

ފަރުދެއް ނުވަތަ އުންމަތެއް ވިއަސް ނިކަމެތި ކަމަކުން އަރައިގަންނަން ބޭނުން ނަމަ، ނުވަތަ މަގު އޮޅުމަކުން ސީދާ މަގަށް އަންނަން ބޭނުން ނަމަ ނުވަތަ ފާސިދުކަން ދޫކޮށް އިސްލާހުވާން ބޭނުން ނަމަ އެ ކަމަށް އޮތް މަގަކީ ހަގީގީ ތަރުބިޔަތެއް ލިބުމެވެ. އެ ތަރުބިޔަތަކީ ނަފްސަށް ގެނެވޭ އިސްލާހީ ބަދަލަކަށް ވާން ޖެހެ އެވެ. ނަމަވެސް ނަފްސަށް އެ ބަދަލު ގެނައުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ އިންސާނާގެ ފިކުރާއި އެދުންތަކާއި ގާބިލުކަމާއި މި ހުރިހާ ކަމެއް އެއްކަމަކާ އަނެއް ކަމެއް ގުޅިލާމެހި ފުށުއެރުންތައް ހުންނާތީ އެވެ.
މާއްދީ ހަޔާތުން އަހަރެމެންނަށް މި ފެންނަ އެތައް ކަމެއް ބަދަލު ކޮށްލާހާ ފަސޭހައިން އިންސާނުންގެ ހިތާއި ފިކުރާއި ސުލޫކު ބަދަލު ނުކުރެވޭތީ އެވެ. މަދަރުސާތަކާއި ކާރުހާނާތަކާއި ހަސްފަތާލުތަކާއި މަގުތައް ފަދަ ތަންތަން ބިނާ ކޮށްލުމަކީ ފަސޭހަ ކަމެކެވެ. އެކަމަކު އިންސާނަކު ވަކި ގޮތަކަށް ބިނާކޮށް ތަރުބިޔަތު ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އީމާންތެރިކަމަކީ މި ބުރަ މަސައްކަތުގައި އަޖައިބު ކުރުވަނިވި ނަތީޖާ ގެނެސްދޭ ބާރެކެވެ.
ސަބަބަކީ، އީމާންތެރިކަމަކީ ހެޔޮ އުސޫލުތައް ބަލައިގަންނަން ނަފްސު ހާނުވާ ކަމެކެވެ. އޭގެ ފަހަތުގައި ކިތަންމެ ބުރަ ތަކުލީފުތަކަކާއި ވާޖިބުތަކެއް އަދި ގުރުބާންވުންތަކެއް އޮތަސް މެއެވެ. އެއީ ނަފްސު ބަދަލުކޮށް، މުޅިން އެހެން ނަފްސަކަށް ހެދުމަށް އޮތް އެންމެ ވަރުގަދަ އުންސުރު ވެސް މެ އެވެ. މަގުސަދުތަކާއި ވަސީލަތްތަކާއި މިންތައް ކުރިން ހުރި ތައްގަނޑުން މުޅިން އެހެން ތައްގަނޑަކަށް ބަދަލުކޮށްލެވޭނެ އެންމެ ވަރުގަދަ ބާރަކީ ވެސް އީމާންތެރިކަމެވެ. އެހެނީ އީމާންތެރިކަމުން ނަފްސަށް އަންނަ ބަދަލަކީ ވަރުގަދަ އިންގިލާބެއް ކަމަށް ވާތީ އެވެ. އޭގެ ސަބަބުން ހަނު ހުރުން ހަރަކާތަކަށް ބަދަލު ކޮށްލަ އެވެ. ނިދިން ހޭލައްވާލަ އެވެ. ކަންނެތް ކަން މުރާލި ކަމަށް ބަދަލު ކޮށްލަ އެވެ. ހިތްވަރު ނެތުން ގަދަ ހިތްވަރަށް ބަދަލުކޮށްލަ އެވެ. އުފެއްދުންތެރި ކުރުވަ އެވެ. ހަޔާތަށް ދިރުން ގެނެސްދެ އެވެ.
ނަފްސާނީ އަދި ތަރުބަވީ އިލްމުވެރިން އިންސާނާގެ ސުލޫކު ބަދަލު ކުރުމަށްޓަކައި ވާހަކަ ދައްކާއިރު އުމުރާއި ހާލަތާއި މާހައުލަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެ އެވެ. ނަމަވެސް މި އިލްމުވެރިން ކަނޑައަޅާ ގަވައިދުތައް ފަހަނައަޅައި ސުލޫކު ބަދަލު ކޮށްލާ ބާރެއް ކަމުގައި އީމާންތެރިކަމުގެ ބާރު ވެ އެވެ. ފިރުއައުނުގެ ސިހުރުވެރިންނަށް އައި އިސްލާހީ ބޮޑު ބަދަލާ މެދު ވިސްނާލަމާތޯ އެވެ! ކީރިތި ޤުރުއާނުގައި އެ މީހުންގެ ވާހަކަ އެތައް ފަހަރަކު އައިސްފައި ވެ އެވެ.
އައްޝުއަރާއި ސޫރަތުގެ 32 އިން 51 އަށް އޮންނަ އާޔަތްތަކާ މެދު ވިސްނާލުމުން އަންނަނިވި ކަންކަން ހާމަވެ އެވެ. އެ ސިހުރުވެރިންގެ ހިތްތަކަށް އީމާންކަން ވަނުމުގެ ކުރިން އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ އެ މީހުންގެ މަސައްކަތަށް ލިބެންވާ އުޖޫރަ އެވެ. "ތިމަންމެން މޮޅުވެއްޖެ ނަމަ ހަމަކަށަވަރުން ތިމަންމެންނަށް އުޖޫރައެއް އޮންނާނެ ހެއްޔެވެ؟" އެ މީހުން ހިތްވަރު ލިބިގަނެ އުންމީދު އައުކުރީ ފިރުއައުނުގެ އިއްޒަތުންނެވެ. "ފިރުއައުނުގެ އިއްޒަތް ގަންދީ ބުނަމެވެ. ހަމަކަށަވަރުން ގަދަވާނެ ބަޔަކީ ތިމަންމެންކަން ކަށަވަރެވެ."
ނަމަވެސް ހާލަތު މުޅިން ބަދަލުވީ އީމާންތެރިކަމުގެ ފޮނިމީރުކަން އެ މީހުންނަށް ލިބުމުންނެވެ. އެ މީހުން އީމާންކަން ފާޅުކުރުމުން ފިރުއައުނު ދެއްކި ބިރުގެ ވާހަކަތައް، ކުރިން އިޝާރަތް ކުރި (ޝުއަރާއު ސޫރަތުގެ) އާޔަތްތަކުގެ އިތުރުން ޠާހާ ސޫރަތުގައި ވެސް (71- 73) ބަޔާން ވެގެން ވެ އެވެ. ފިރުއައުނުގެ ބިރުދެއްކުންތަކަށް އެ މީހުން ދިނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަތްތަކާއި ފައިތައް ތަފާތުވާ ގޮތަށް ބުރިކޮށް ސަލީބަށް އަރުވާނަމޭ ބުނީމާ ވެސް އެ މީހުން ބުނީ "(އެކަމުގައި) ގެއްލުމެއް ނެތެވެ. ހަމަކަށަވަރުން ތިމަންމެން އެނބުރި ދާހުށީ ތިމަންމެންގެ ވެރި ރަސްކަލާނގެ ހަޒްރަތަށެވެ." އަދިވެސް ބުންޏެވެ. "ބަޔާންވެގެންވާ ހުއްޖަތާއި ދަލީލުގެ ތެރެއިން ތިމަންމެންނާ ހަމައަށް އައިސްފައިވާ އެއްޗަކާއި ތިމަންމެން ހެއްދެވި ކަލާނގެ އަށް ވުރެ މައްޗަކަށް ތިމަންމެން ތިބާއަކަށް އިސްކަމެއް ނުދޭހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާ ގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން ކަލެއަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ ހަޔާތުގަ އެވެ."
އާދެ، އީމާންވުމުގެ ކުރިން އެ މީހުންގެ އެންމެ ކަންބޮޑުވި ކަމަކީ މުދާ ކަމަށް ވިއަސް އީމާންވުމަށް ފަހު އެ މީހުންގެ އެދުމަކީ އާހިރަތެވެ. އެ މީހުން ބުނީ ތިމަންމެން ތިމަންމެންގެ ވެރި ރަސްކަލާނގެ އަށް އީމާންވީ "އެކަލާނގެ ތިމަންމެންގެ ކުށްތަކާއި ކަލޭ ތިމަންމެންނަށް މަޖުބޫރު ކުޅަ ސިހުރު ހެދުމާ މެދު ތިމަންމެންނަށް (އަފޫ ކުރައްވައި) ފާފަ ފުއްސެވުމަށްޓަކައި" ކަމަށެވެ. އީމާންވުމުގެ ކުރިން އެ މީހުން ގަންދީ ބުނީ ފިރުއައުނުގެ އިއްޒަތުން ކަމަށް ވިއަސް އީމާންވުމަށް ފަހު ބުނީ "ތިމަންމެން ހެއްދެވި ކަލާނގެ" އެވެ.
އާދެ، އެދުންތަކާއި ކަންބޮޑުވުންތަކާއި ސުލޫކާއި ބޭނުންކުރި ބަސްތަކާއި ވިސްނުމުގެ މިސްރާބާއި އެ ހުރިހާ ކަމެއް މުޅިން އިދިކޮޅަށް ބަދަލުވެގެން ދިޔައީ އެވެ. އެ ހުރިހާ އިސްލާހީ ބަދަލެއް މި ގެނައީ އީމާންތެރިކަމެވެ.
ނަފްސު އިސްލާހު ކުރުމުގައި އީމާންތެރިކަން އަދާކުރާ ދައުރު އުމަރުގެފާނުގެ ހަޔާތްޕުޅުން ވެސް ފެނިގެން ދެ އެވެ. ޖާހިލިއްޔަތުގައި އެކަލޭގެފާނު ވެފައި ވަނީ، މެޓާގަނޑުން ބުދު ހަދައި ބަނޑުހައިވީމާ އެ އިން ކައި އުޅުނު މީހުންގެ ތެރޭގަ އެވެ. އޯގާތެރިކަމުގެ ތަބީއަތުން ވެސް އެކަލޭގެފާނު އޭރު ވަނީ މަހްރޫމް ވެފަ އެވެ. ތުއްތުތުއްތު އަންހެން ދަރިފުޅު ދިރިހުއްޓާ ވަޅުލާން ވެގެން ވަޅު ކޮނުނު އިރު ތުނބުޅީގައި ހޭކިފައި ހުރި ހިރަފުސްތަކާއި ވެލިތައް އެ ދަރިފުޅު އޯގާތެރިކަމާ އެކު ބައްޕަގެ ތުނބުޅިން ސާފުކޮށްދިން އިރު ވެސް ބައްޕަގެ ހިތަށް ހަމަ އެއްވެސް އަސަރެއް ނުކޮށް އެ ކުއްޖާ ވަޅުލީ އެވެ.
އެކަމަކު އީމާންވުމަށް ފަހު ނަފްސަށް އައި ހެޔޮ ބަދަލުން މުޅި އުންމަތުގެ އެންމެ ވަރުގަދަ ނަމޫނާ ޝަޚުސިއްޔަތުތަކުގެ ތެރޭ އެކަލޭގެފާނު ހިމެނި ވަޑައިގަތެވެ. ހިތްވަރުގަދަކަމާއި އޯގާތެރިކަމާއި ފުރިހަމަ ސިޔާސަތާއި ވަރުގަދަ އީމާންތެރިކަމެވެ. އެކަލޭގެފާނު އުޅުއްވީ މަދީނާގައި ކަމުގައި ވިއަސް ފުރާތު ކޯރުގެ އައްސޭރިން މަގު އެއްވަރު ނުކުރެވި އޮވެގެން ބަޣަލެއް (ޖަނަވާރުގެ ވައްތަރެއް) ވެއްޓުނަސް އޭގެ ޒިންމާ ނަންގަވާނެ ވާހަކަ ވިދާޅުވި އެވެ. އުމަރުގެފާނަށް މި އިސްލާހު ގެނެސްދިން އެންމެ ވަރުގަދަ ބާރަކީ ވެސް ހަމަ އީމާންތެރިކަމެވެ.
އަދިވެސް މިފަދަ އެހެން މިސާލެކެވެ. ހަންސާއު އޭ ކިޔުނު އަންހެނަކު ޖާހިލިއްޔަ ޒަމާނުގައި އޭނާގެ އެއްބަފާ ބޭބެއެއް ދުނިޔެ ދޫކޮށް ދިއުމުން އެކަމާ ރޮއެ ހޭރި ބޮލުގައި އަތް ތަޅައި ހެދުން ވީދައި ޅެން ބަހުން އެކަމުގެ ހިތާމަތައް ފާޅުކޮށް، އެތައް ދުވަހެއް ވަންދެން އުޅުނެވެ. އެކަމަކު ހަމަ އެ އަންހެނާ އެވެ. އީމާންވުމަށް ފަހު އޭނާގެ އަމިއްލަ ބަނޑުން ވިހޭ ހަތަރު ދަރިން، ގާދިސިއްޔާ ހަނގުރާމައިގައި ބައިވެރިވުމަށް ފޮނުވައި ހަނގުރާމަ ކުރަން އެ ދަރިންނަށް ހިތްވަރުދީ، އެ ދަރިން މަރުގެ ކުރިމައްޗަށް ނެރުނެވެ. އަދުއްވުންނާ ހަނގުރާމަ ކުރުމުން ލިބެން ހުރި ޖަޒާގެ މަތިން ހަނދާންކޮށްދީ، މި ފަނާވަނިވި ދުނިޔެ އަށް ވުރެ އާހިރަތް މޮޅުވާނެކަން ބުނެދީ، އެތައް ވާހަކައެއް ދެއްކި އެވެ. އޭގެ ފަހުގައި ބުނީ މާދަމާ ހެދުނު ތެދުވާއިރު ސަލާމަތުން ތިބެއްޖެ ނަމަ ކާފިރުންނާ ހަނގުރާމަ ކުރަން ނުކުމެ ހަނގުރާމަ ކުރުމަށެވެ. ﷲ ގެ އިރާދައާ އެކު އަދުއްވުންގެ މައްޗަށް ކާމިޔާބު ހޯދޭނެ ކަމަށެވެ. ހަނގުރާމައިގެ ފޯރިގަދަ ވެފައި ވިއަސް ފަހަތަށް ނުޖެހި ޝަހީދު ވަންދެން ވެސް ހަނގުރާމަ ކުރުމަށެވެ. އެ ހާރުން ދާއިމީ ގޮވަތީގެ އަނީމާ (އެބަހީ ސުވަރުގޭގެ ނިއުމަތްތައް) ލިބޭނެ ކަމަށެވެ.
އެހެންވެ ހަނގުރާމަ އަށް އެ ހަތަރު ދަރިން ނުކުމެ ހިތްވަރާ އެކު ހަނގުރާމަ ކުރި އެވެ. އެކަކު ޝަހީދުވުމުން ދެން ތިބި މީހުން ހިތްވަރު އެލުނަސް މަންމަގެ ވަސިއްޔަތުގެ މަތިން ހަނދާން އައުކުރުމުން ހިތްވަރު ލިބިގަނެ އެވެ. މި ގޮތުގައި ހަނގުރާމަކޮށް، އެ ހަތަރު ބެއިން ވެސް ޝަހީދުވެގެން ދިޔަ އެވެ. ހަންސާއުގެ އެއްބަފާ ބޭބެ ނެތިދިއުމުން ކުރީ ފަހަރު ކަން ކުރި ގޮތާ ހިލާފަށް މި ފަހަރު މި ހިތާމަވެރި ޚަބަރު ބަލައިގަތީ ކެތްތެރިކަމާ އެކު އެވެ. ޝަހީދުންގެ ދަރަޖަ އެ ދަރިންނަށް ލިބުމުން ހަމްދު ކުރާ ހާލު އެވެ. ސުވަރުގޭގައި އެ ދަރިންނާ ބައްދަލުވުމަށް އެދި ދުއާ ކުރަމުންނެވެ.
މިފަދަ އެތައް މިސާލުތަކަކުން އެނގި ހާމަވަނީ އީމާންތެރިކަމަކީ އިންސާނާގެ ނަފްސު އިސްލާހުކުރާ ވަރުގަދަ ބާރެއް ކަމެވެ. އެހެންކަމުން ނަފްސުތައް އިސްލާހުކޮށް މުޅި މުޖުތަމައު ވެސް އިސްލާހު ކުރުމަށްޓަކައި އީމާންތެރިކަން ވަރުގަދަ ކުރަން ޖެހެ އެވެ. އޭރުން ނަފްސުތައް އިސްލާހުވެގެން ދެ އެވެ. އަދި ނަފްސު އިސްލާހުވެއްޖެ ނަމަ މުޖުތަމައު ވެސް އިސްލާހު ވާނެ އެވެ. އައްރައުދު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތްﷲ އަންގަވަނީ ބަޔަކު މީހުންގެ ހާލަތު އެ ބައެއްގެ އަމިއްލަ ނަފްސުތަކުގައިވާ ކަންކަން ބަދަލު ކޮށްފުމަށް ދާންދެން، އެކަލާނގެ ބަދަލު ނުކުރައްވާނެ ކަމަށެވެ. ވީމާ އިސްލާހުވުން އޮތީ ނަފްސުގައިވާ ކަންކަން ބަދަލު ކޮށްގެންނެވެ. މި ބަދަލު ގެނެވޭނެ އެންމެ ވަރުގަދަ ބާރަކީ އީމާންތެރިކަމުގެ ބާރެވެ.