ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ހަތް ޓީމާ އެކު ކ. އަތޮޅު ދެކުނު މުބާރާތް މާދަމާ ކްރޮސްރޯޑްސްގައި ފަށަނީ
ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ހަތް ޓީމާ އެކު ކ. އަތޮޅު ދެކުނު މުބާރާތް މާދަމާ ކްރޮސްރޯޑްސްގައި ފަށަނީ

މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ ކ. އަތޮޅު ދެކުނަށް ނިސްބަތްވާ ރިސޯޓްތައް ބައިވެރިވާ "ސައުތު ކ. އަތޮޅު" ބުރުގެ ކުޅުން މާދަމާ ކްރޮސްރޯޑްސްގައި ފަށަން ތައްޔާރު ވެއްޖެ އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް އާއެކު މި ބުރުގައި ޖުމްލަ ހަތް ރިސޯޓަކުން ވާދަ ކުރެ އެވެ. އެއީ ހާޑްރޮކް ހޮޓެލް މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ސަން ސިޔާމް އޮޅުވެލި، އޯޒެން ރިޒާވް ބޮލިފުށި، ސައީ ލެގޫން މޯލްޑިވްސް އަދި މިދިޔަ އަހަރުގެ ޗެމްޕިއަން އޯޒެން ލައިފް މާދޫ އެވެ.

މުބާރާތް ކުރިއަށް ދާނި ހަތް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް 1 ގައި ހިމެނެނީ ހާޑްރޮކާއި ސައީ ލެގޫން އަދި ކްރޮސްރޯޑްސް އާއި ވެލައްސަރެވެ. އޯޒެން ބޮލިފުށްޓާއި ސަން ސިޔާމް އޮޅުވެލި އަދި އޯޒެން މާދޫ ހިމެނެނީ ގުރޫޕް ބީގަ އެވެ.

ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނައަށްދާ ޓީމުތައް ސެމީ ފައިނަލަށް ހޮވައި، ސެމީގެ ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 11 ވާ ހުކުރު ދުވަހުގެ ހަވީރެވެ. އަދި ފައިނަލް މެޗު އޮންނާނީ މި މަހުގެ 13 ވާ އާދިއްތަ ދުވަހުގެ ހަވީރެވެ.

"ސައުތު ކ. އަތޮޅު" ބުރުގެ ޗެމްޕިއަނުން، މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނެ އެވެ. ސެމީ ފައިނަލްގައި ވާދަ ކުރަން ޖެހޭނީ މެއި މަހު ދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓާ ދެކޮޅަށެވެ.

ކ. އަތޮޅު ދެކުނުގެ މެޗުތަކަށް ފަހު މުބާރާތުގައި ދެން އޮންނާނީ ކ. އަތޮޅުގެ އުތުރުގެ ރިސޯޓްތައް ވާދަކުރާ "ނޯތު ކާފް" ޒޯނެވެ. ޖުމްލަ ހަ ޒޯނަކުން ކުޅޭ މި މުބާރާތުގައި، ހަތަރު ޒޯނެއްގެ ކުޅުން ވަނީ ނިމިފަ އެވެ.

ރ. އަތޮޅުގެ ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް ހޯދިއިރު، ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ މިލައިދޫ މޯލްޑިވްސް އެވެ. ކޮކޫން އިން ޅ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އިރު، ނ. އަތޮޅުގެ ޗެމްޕިއަން ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓް ވަނީ ސެމީ ފައިނަލުން ވެސް ޖާގަ ހޯދައިފަ އެވެ. އެޓީމު ސެމީގައި ކުޅޭނީ "ނޯތު ކާފް" ގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ.

ވެލާ އައިލެންޑު ސެމީ އަށް ދަތުރު ކުރީ، ކުއާޓާގައި ޖޯލި ބަލިކޮށްފަ އެވެ. ކޮކޫން ބަލިކޮށް ވެލާ ކުއާޓާ އިން ފުރުސަތު ހޯދި އިރު، ޖޯލި ކުއާޓާއަށް ދިޔައީ މިލައިދޫ ބަލިކޮށްފަ އެވެ.