31 ޖެނުއަރީ 2017 - 18:00

ރާއްޖޭން ބޭރުގެ ޓީމަކަށް ކުޅޭ ދިވެހި ފުރަތަމަ ކްރިކެޓް ކުޅުންތެރިޔާގެ ގޮތުގައި ބާރު އުުކުންތެރިޔާ ހަސަން އިބްރާހިމް މެލޭޝިއާގެ ސްޓޭޓް ލީގުގެ ޕިނޭންގް ޓީމާ ގުޅިއްޖެ އެވެ.

ރާއްޖޭގެ 50 އޯވަރު އަދި ޓްވެންޓީ20 ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނަށް ޕިނޭންގް ކްރިކެޓް އެސޯސިއޭޝަން ޓީމުން ފުރުސަތު ލިބުނީ މެލޭޝިއާ އަށް ގައުމީ ކްރިކެޓް ޓީމު ދާދި ފަހުން ކުރި ޓުއާގައި ދެއްކި މޮޅު ކުޅުމާ އެކު އެވެ.
"ވަރަށް އުފާވެއްޖެ މި ފުރުސަތު ލިބުމުން. މިއީ ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންނަށް ހުޅުވޭ ދޮރެއްގެ ގޮތުގައި ދެކެނީ،" ޕިނޭންގް ޓީމާ ގުޅުމަށް މިއަދު މެންދުރު މެލޭޝިއާ އަށް ފުރި ހަސަން ބުންޏެވެ. "ބޭނުންވަނީ މި ފުރުސަތުގެ ބޭނުން ހިފައި އެހެން ހަރުފަތަކަށް ދިއުމަށް. މިއަށް ވުރެ ވެސް މަތީ ފެންވަރުގެ ޓީމުތަކަށް ކުޅެން ބޭނުންވޭ."
ނިއު ރޭޑިއަންޓަށް ކުރިން ފުޓްބޯޅަ ކުޅުނު އިބްރާހިމް ރަޝީދު (ލޯންގޭ) ގެ ދަރިފުޅު ހަސަނަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބާރު އެއް އުކުންތެރިޔާ އެވެ. ބެޓްސްމަނަކަށް ވެސް ކުޅޭ ހަސަނަކީ ކްރިކެޓް ބޯޑުން 2000 ވަނަ އަހަރު ފެށި "2000 ކްރިކެޓް އެންޑް ބިޔޯންޑް" ޕްރޮގްރާމުގެ ތެރެއިން މި ކުޅިވަރުގެ ތެރެއަށް ވަން ކުޅުންތެރިޔެކެވެ.
"އާއިލާގެ ސަޕޯޓް ވަރަށް ބޮޑަށް ލިބޭ. ހާއްސަކޮށް ބައްޕަގެ ފަރާތުން ވަރަށް ބޮޑު އެހީއެއް ލިބޭ ކުޅިވަރުގައި ކުރިއަށް ދިއުމަށް،" ކުޅިވަރުގެ ރޮނގުން އޮސްޓްރޭލިއާގައި މަތީ ތައުލީމް ހާސިލްކޮށްފައިވާ ހަސަން ބުންޏެވެ.
އުމުރުން 15 އަހަރުގައި 2006 ވަނަ އަހަރު ގައުމީ ޓީމުން ޖާގަ ހޯދި ހަސަން ވަނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އާއި 2010 އަދި 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ގައުމީ ޓީމަށް ކުޅެފަ އެވެ. އޭނާ އަކީ 2010 ވަނަ އަހަރުގެ އޭސީސީ ޗެލެންޖް ޓްރޮފީ ކާމިޔާބުކުރި ކްރިކެޓް ޓީމުގެ މެމްބަރެކެވެ.
ހަސަން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގައި މަސައްކަތްކޮށް، 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ރާއްޖޭގެ ބޮޑު ކޮންޓިންޖެންޓުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.