04 އޯގަސްޓް 2023 - 11:19

ފުޓްބޯޅަ އަށް ފަހު ރާއްޖޭގެ އެންމެ މަގުބޫލު އެއް ކުޅިވަރަކީ ވޮލީ އެވެ. ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވާގޮތުން ރާއްޖޭގައި ދެ ޖިންސުގެ މީހުން އެންމެ ގިނައިން ކުޅޭ ކުޅިވަރަކީ ވެސް ވޮލީ އެވެ. ފުޓްބޯޅަ ދަނޑުތަކަށް ފަހު ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާގައި ދެން އެންމެ ގިނައިން އެޅީ ވޮލީ ކޯޓެވެ. އަދިވެސް އިތުރު ރަށްރަށުގައި ވޮލީ ކޯޓްތައް ހެދުމުގެ ޕްރޮޖެކްޓްތައް ކުރިއަށް އެބައޮތެވެ.

އެކަމަކު ފުޓްބޯޅައެކޭ އެއްގޮތަށް ވޮލީގެ ހިންގުން ވެސް އޮތީ ބޮއްސުންލައިފަ އެވެ. ނުވަތަ އެފްއޭއެމް އަށް ވުރެ ވެސް ބޮޑަށް ވީއޭއެމްގެ ހިންގުން އޮތީ ދަށުދަރަޖައަކަށް ވެއްޓިފަ އެވެ.

އެސޯސިއޭޝަނެއް ނޭވާލައި ދިރިއޮތުމަށް ބޭނުންވާ އެންމެ އަސާސީ ކަންތައްތަކުގެ ތެރޭގައި ހިމެނޭ، އަހަރީ އާންމު ޖަލްސާ ވެސް ވީއޭއެމުން ނުބާއްވަ އެވެ. އެ އެސޯސިއޭޝަނަށް ވެސް އެންމެ ބޮޑު ހޭދައެއް ކުރަނީ ސަރުކާރުންނެވެ. ވޭތުވެދިޔަ ދެ އަހަރަށް ބަލާއިރު ވީއޭއެމްއާ ގުޅޭ ކަންކަމަށް ސަރުކާރުން 17 މިލިއަނަށް ވުރެ ގިިނަ ރުފިޔާ ދޫކުރި އެވެ.

އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަ ކުރީ މިދިޔަ އަހަރުގެ ރާއްޖޭގައި ބޭއްވި ބީޗްވޮލީ ޕްރޯ ޓުއާ އަށެވެ. އެ މުބާރާތުގެ އެކި ކަންކަމަށް 7.3 މިލިއަން ރުފިޔާ، ސަރުކާރުން ވީއޭއެމް އަށް ދޫކުރި އެވެ. މިދިޔަ އަހަރު ވޮލީ ސީޒަނުގައި ކްލަބްތަކަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ހަރަދުތަކަށް ވެސް 1.5 މިލިއަން ރުފިޔާ ސަރުކާރުން ވީއޭއެމް އަށް ދިނެވެ.

ބައެއް އެހެނިހެން އެސޯސިއޭޝަންތަކުގެ ވެރިންނަށް ވުރެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފާ މާ ގާތް ގުޅުމެއް ވީއޭއެމްގެ ރައީސް ރަނޭ ބާއްވަވަ އެވެ. މި ސަރުކާރު ފެށުނު ތަނާ ކައިރީގައި މަހްލޫފްގެ އަޅާލެއްވުން އެންމެ ބޮޑަށް ލިބުނު އެއް ކުޅިވަރަކީ ވެސް ވޮލީ އެވެ. ވީއޭއެމްގެ ރައީސްކަމުގައި މުހައްމަދު ލަތީފު ހުންނެވި އިރު އޭނާ މަސްއޫލިއްޔަތުން އެކަހެރި ކުރުމަށް ފަހު ވެސް މަހްލޫފް ވަނީ ވޮލީގެ ހިންގުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވަން ފައްޓަވާފަ އެވެ.
ގައުމީ ވޮލީ ޓީމަށް ޔޫރަޕުން ހޯދައިދިން ޓްރޭނިން ކޭމްޕާއި ވޮލީ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ޖަރުމަން ގެންގޮސް ދިން ކޯޗު ގައުމީ ޓީމަށް ހަމަޖެއްސުމަކީ، ލަތީފުގެ ބާރު ކަނޑުވާލައިގެން ވިޔަސް މަހްލޫފް ވޮލީ އަށް ކޮށްދެއްވި "ރަނގަޅު" ކަންތައްތަކެއް ކަމަށް ބައެއް މީހުން ދެކެ އެވެ.
ވީއޭއެމް އަށް ފާޑު ކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެ އެސޯސިއޭޝަންގެ ރައީސް ކަމާ ރަނޭ ހަވާލުވި ހިސާބުން ވީއޭއެމް ވީ މަހްލޫފް ބޭނުން ގޮތަކަށް "މޮޑެލެވޭ ފުއްގަނޑަކަށެވެ." އެކަމަކު ކުޅިވަރު ގާނޫނާއި އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދާ ވީއޭއެމް އިން ތަކުރާރުކޮށް ހިލާފުވަމުން ދިޔައިރު ވެސް އެކަންކަން އިސްލާހު ކުރަން މަހްލޫފް މަސައްކަތް ކުރެއްވި ތަނެއް ނުފެނުނެވެ.
"އެސޯސިއޭޝަންގެ ރައީސަކު ސްޕޯޓްސް މިނިސްޓަރާ ގާތް ގުޅުމެއް ބޭއްވުމަކީ އެ މީހަކަށް މޮޅު ގޮތެއް. އެކަމަކު އެ އެސޯސިއޭޝަނުން ގާނޫނާ ހިލާފު ވިޔަސް އެކަން މިނިސްޓަރަށް ނުފެންނަ ހިސާބަށް ގޮސްގެން ނުވާނެ. މިނިސްޓަރަށް އެކަންކަން ނުފެންނަ ހިސާބަށް ދާން ފެށީމަ ކުޅިވަރުގެ ހިންގުން ބޮއްސުންލައިގެން މި ދިޔައީ،" ވީއޭއެމްގެ މަގާމެއް ކުރިން ފުރުއްވި ބޭފުޅަކު ވިދާޅުވި އެވެ.
ވީއޭއެމްގެ އަހަރީ ރިޕޯޓާއި ބަޖެޓް އަދި އޮޑިޓް ރިޕޯޓް އަދި ފައިސާ ހަރަދު ކުރި ގޮތް ޕަބްލިކް ޑޮމެއިންގެ ތެރެއިން ވެސް ނުލިބުމުން އެ އެސޯސިއޭޝަންގެ އެކްސްކޯ މެންބަރު އަބްދުﷲ ނަޝީދަށް ވެސް އެ ލިޔުންތައް ހޯދަން ދާން ޖެހުނީ ކޯޓަށެވެ.
އެ އެސޯސިއޭޝަނާ ދެކޮޅަށް އޭނާ އާއި ވޮލީބޯލް އެކަޑަމީން ދައުވާ ކުރަން ބޭނުންވާ ލިޔުންތައް ނުލިބުމުން އިހްތިޔާރު ކުރީ ކޯޓެވެ. ވީއޭއެމްގެ ހިންގުން ބޮއްސުންލައިގެން ދިއުމުން އެކަންކަމާ ދެކޮޅަށް އަޑު އުފުލަން ބައެއް ކަލްބްތަކުން ފެށި މަސައްކަތުގައި އިސް ދައުރެއް އަދާކުރާ މުހައްމަދު ޝަރަފް ބުނީ ޝަރުއީ މަރުހަލާ މެދުވެރިކޮށް އެ މައުލޫމާތު ހޯދަން ވޯލީ އެކަޑަމީ އާއި ނަޝީދަށް ޖެހުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ވެސް އެ މައުލޫމާތު ހޯދަން މަސައްކަތްކޮށް ކޮށްގެން ވެސް ކާމިޔާބު ނުލިބުމުން ކަމަށެވެ.
ވޮލީގެ ހިންގުން ބޮއްސުންލާފައިވާ މިންވަރަކީ ކުޅިވަރު ގާނޫނާއި އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގެ ތެރެއަށް ވަނުމަށް ސްޕޯޓްސް ކޮމިޝަނަރުން އެންގުމުން ވެސް އެކަންކަން ކޮށްފައި ނުވުމެވެ. ކުރީގެ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް "މިހާރު" އަށް ކުރިން ވިދާޅުވީ ވީއޭއެމްގެ އަހަރީ އާންމު ޖަލްސާ ނުބާއްވައިގެން ތަކުރާރުކޮށް އޭނާ އެކަން ކުރުމަށް އެ އެސޯސިއޭޝަނަށް ވެސް އެންގި ކަމަށެވެ. އަދި އެ މުއްދަތުތަކުގައި ވެސް އެކަން ނުކޮށްގެން ސްޕޯޓްސް ކައުންސިލާ ހަމައަށް މައްސަލަ ގެންދިޔަ ކަމަށް ހީނާ ވިދާޅުވި އެވެ. ވީއޭއެމްގެ ވެރިން އެ ކައުންސިލަށް ވެސް ހާޒިރު ކުރި އެވެ.
އެކަމަކު ސްޕޯޓްސް ކޮމިޝަނާގެ ޓާމް ނިންމަވައި ފަހުން ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުވެ ވަޑައިގެން އިރު ވެސް ވީއޭއެމް އިސްލާހުކުރަން ހީނާ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ޝަރަފް ބުންޏެވެ.
"އަޅުގަނޑުމެން ޚުދު ދިޔައިން އެ މަގާމުގައި ހުންނެވި އިރު ކޯޗު [ހީނާ އަހުމަދު ސަލީމް] ކައިރި އަށް. އަޅުގަނޑުމެން ދެންނެވިން ވޮލީގެ ހިންގުން އޮތް ގޮތުގެ ވާހަކަ. އަދި ކޯޗަށް މަގާމުގެ ޒިންމާ އަދާ ނުކުރެވޭ ވާހަކަ ވެސް ދެންނެވިން. ރާއްޖޭގެ ހުރިހާ އެސޯސިއޭޝަނަކާ ހުރިހާ ކަލްބްތަކެއްގައި މިހެން އޮތްއިރު ކަންކަން ރަނގަޅު ކުރަން ބޭނުން ވިޔަސް މޭން ޕަވާ ނެތީމަ އެކަން ނުކުރެވޭ ވާހަކަ ކޯޗު ދެއްކެވީ،" ވޮލީ ކޯޗު ޝަރަފް ބުންޏެވެ.
"އެކަމަކު އަޅުގަނޑުމެން ގަބޫލެއް ނުކުރަން މޭން ޕަވާ ނެތިގެން ކަން ނުކުރެވި ހުންނާނެ ކަމަކަށް. ކުރަން ބޭނުން ކަމެއްވިއްޔާ މޭން ޕަވާ ނެތަސް އެބަ ކުރޭ. ބޭނުންވާ ކަމެއްގައި ފިޔަވަޅުތައް ވެސް އެބަ އެޅޭ."
ސަރުކާރާ އިދިކޮޅު ޕީޕީއެމްގެ މެންބަރު ލަތީފުގެ ރައީސްކަމުގެ ބާރުކަނޑުވާލުމަށް ފަހު ވީއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރީ ސީދާ ސްޕޯޓްސް ކޮމިޝަނާ އަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެ ނިންމުން އޭވީސީ އާއި އެފްއައިވީބީން އަދި ގަބޫލު ނުކުރިއެއް ކަމަކު ފިޔަވަޅު އަޅަން ބޭނުންވުމުން ހީނާ ސަލީމް އާއި މަހްލޫފްގެ ބާރު އެ ދެ ބޭފުޅުން އޭރު ދެއްކެވި އެވެ.
އެ އެސޯސިއޭޝަނަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ވީއޭއެމްގެ ހިންގުން ބޮއްސުންލައިގެން ގޮސް، "ބަސް ނާހާ އަދި ނުކިޔަމަންތެރި"، ގާނޫނަށް ވުރެ މަތީގައި ހުރި ތަނަކަށް އެ އިދާރާ ވެގެން ދިޔައިރު ވެސް "ހޭ..." ވެސް ސަރުކާރުން އަހައެއްނުލަ އެވެ. ނަމަވެސް ސަރުކާރުން ދިޔައީ އެސޯސިއޭޝަނަށް ފައިސާ ދޫކުރަމުންނެވެ.
"އަޅުގަނޑު ހަމަ ބުނާނީ ސަރުކާރުން ވެސް އެގޮތަށް ބޭނުންވާތީ އޭ މިހާ ހިސާބަށް އެސޯސިއޭޝަނުގެ ހިންގުން ދިޔައީ،" ވޮލީގެ ތަޖުރިބާކާރަކު ބުންޏެވެ.
ވީއޭއެމުން ރާއްޖޭގެ ގާނޫނާ ހިލާފުވަމުން ދިއުމާ އެކު، އެ އިދާރާ ހަމަޔަކަށް އެޅުވުމަށް ދެން އެކްޓިން ސްޕޯޓްސް ކޮމިޝަނަރު ކަމާ ހަވާލުވި އައިޝަތު ސަމާހް ފޮނުވާލެއްވީ އެހެން އުންޑައެކެވެ. އޭނާ މައްސަލަ ފޮނުވީ އޮލިމްޕިކް ކޮމިޓީ އަށެވެ. ދުނިޔޭގެ ވޮލީގެ މައި އިދާރާ އާ ހަމައަށް މައްސަލަ ގެންދިއުމަށް އޮލިމްޕިކް ކޮމިޓީގެ ކިބައިން އައިޝަތު ސަމާހް އެދިވަޑައިގެންނެވި އެވެ.
އޮލިމްޕިކް ކޮމިޓީން އަނެއްކާ ވެސް ވީއޭއެމް އަށް ދިނީ އިތުރު މަހުލަތުތަކެކެވެ. ޖުލައިގެ ނިޔަލަށް މައްސަލަތައް ހައްލު ކުރުމަށް ދިން ފުރުސަތުގައި ވެސް އެއްވެސް ކަމެއް ފުރިހަމަކޮށްފައި ނެތްކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެކަމަކު އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކްރެޓަރީ ތަމޫހް ސައީދު ވިދާޅުވީ އެކަމާ ބެހޭގޮތުން ޕަބްލިކް އެއްވެސް ފޯރަމެއްގައި ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށެވެ.
ރާއްޖޭގެ ކުޅިވަރު މަރުހާލާތަކުގެ ތެރެއިން ވީއޭއެމް ހަމަ މަގަށް އަޅުވާނެ ގޮތެއް ދެން ނެތެވެ. ކުޅިވަރުގެ މަތީ ފަޑިގައި ތިއްބެވި ވެރިންނަކަށް ވެސް އެ ގޮތެއް ހޯއްދަވައި ނުދެވުނެވެ. ސަރުކާރުން ވެސް އޮތީ ވީއޭއެމްގެ ހިންގުން ބޮއްސުންލައިގެން ދިޔަޔަސް "ވަރިަހަމަ" ކަމަށް ދޫކޮށްލައިގެންނެވެ.