03 އޯގަސްޓް 2023 - 14:50

ސުޕްރީމް ކޯޓާ ހިސާބުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގެން އިންތިހާބުގައި ވާދަކުރެއްވޭނެ ކަމުގެ އުއްމީދު ނުގެއްލޭ ކަަމަށާއި އެ ހުކުމާ އެކު ޕީއެންސީން އިންތިހާބުގައި ވާދަކުރަން ހޮވޭ ކެންޑިޑޭޓުގެ ނަން އަނބުރާ ގެންދާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީން ރައީސްކަމަށް ވާދަކުރަން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިމަތިލައްވައިފަ އެވެ. ދެ ބޭފުޅުންގެ ތެރެއިން ކެންޑިޑޭޓަކު ކަނޑައަޅަން މިއަދު ހަވީރު ހަތަރެއް ޖަހާއިރު ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ.
އަދުރޭ "މިހާރު"އަށް ވިދާޅުވީ ޕީއެންސީން ކެންޑިޑޭޓަކު ނަގަނީ ޔާމީންގެ ލަފާފުޅާއި އިރުޝާދުގެ މަތިން ކަަމަށެވެ. އެމަނިކުފާނު އެދިވަޑައިގަތީ، ޕީއެންސީގެ ބޭފުޅަކު ވާދަކުރާ ގޮތަށް ތައްޔާރަށް ހުންނެވުމަށް ކަަމަށް ވާތީ، ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަނީ އުއްމީދު ގެއްލިގެން ނޫން ކަމަށް ވިދާޅުވި އެވެ.
"ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ރައީސް ޔާމީން މިނިވަންވެ ވާދަކުރެއްވޭނެ ކަން. އެ ހާލަތުގައި ކޮންމެ ބޭފުޅަކު ޕީއެންސީގެ ޓިކެޓް މިއަދު ކަށަވަރުކުރެއްވިޔަސް ނަން އަނބުރާ ގެންދަވާނެ. ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން،" އަދުރޭ ވިދާޅުވި އެވެ.
ރިޔާސީ ކެންޑިޑޭޓުގެ ވާދަވެރިކަމުގައި ޕީޕީއެމްގެ ލީޑަޝިޕާއި ސެނެޓު އޮތީ ދެބައިވެފަ އެވެ.
ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު އެ ޕާޓީގެ ސެނެޓުން މިއަދު ގޮތެއް ނިންމަނީ ކެންޑިޑޭޓަކާއި ރަނިންމޭޓެއް ދައްކައި ދެއްވުމަށް، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ އަރިހުގައި ތިން ފަހަރު އެދުމުން ވެސް އެ ފުރުސަތު ދޫކޮށްލެއްވުމުންނެވެ. ޔާމީން އެ ތިން ފަހަރު ވެސް އެދިވަޑައިގަތީ ޕީއެންސީން އަމިއްލަ އަށް ކެންޑިޑޭޓާއި ރަނިންމޭޓް ކަނޑައެޅުމަށެވެ.
ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުން އީސީން ނިންމީ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަނުވާ ކަމަށެވެ. އެ މައްސަލަ ޕީޕީއެމުން ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހުންގެ ކެންޑިޑެސީއާ މެދު ސުވާލު އުފެދިގެން ހުށަހަޅާ މައްސަލަތައް ސުޕްރީމް ކޯޓުން ހަތް ދުވަސް ތެރޭ ނިންމަން ޖެހެ އެވެ. އަދި މިފަދަ މައްސަލަތައް ބަލާނީ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗުންނެވެ.