ޕީއެންސީ ޓިކެޓަށް ކުރިމަތިލެއްވީ އާދަމް ޝަރީފް އާއި ޑރ. މުއިއްޒު
ޕީއެންސީ ޓިކެޓަށް ކުރިމަތިލެއްވީ އާދަމް ޝަރީފް އާއި ޑރ. މުއިއްޒު

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަ ކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރިމަތިލައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށް ޕީއެންސީން މިއަދު ވަނީ އެ ޕާޓީން ވެސް ވަކިން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމައި ޕާޓީގެ ޓިކެޓު ހޯދަން ފުރުސަތު ހުޅުވާލައިފަ އެވެ.

މިއަދު 2:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ އިރު ސުންގަޑި ހަމަވިއިރު ކުރިމަތިލެއްވީ މުއިއްޒާއި އާދަމް ޝަރީފް ކަމަށް އެ ޕާޓީން ވަނީ "މިހާރު" އަށް ކަށަވަރު ކޮށްދީފަ އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ޖެހެނީ ޕްރައިމަރީއަކުންނެވެ. ނަމަވެސް އިންތިހާބާ ދެމެދު ވަގުތު ނެތުމުން ޕްރައިމަރީ ނުބާއްވައި ކެންޑިޑޭޓް ކަނޑައެޅުމުގެ ކަންކަން މިހާރު ވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލިހަށް ދޫކޮށްލައިފަ އެވެ.

އެހެންވެ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް މިއަދު 4:00 ގައި އެ ޕާޓީގެ ސެނެޓުގައި ވޯޓަކަށް އަހައި ނިންމާނެ އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް މުއިއްޒު މިއަދު ވަނީ ޕީއެންސީ އާ ގުޅިވަޑައިގެންފަ އެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް ބަލައިނުގަންނަން ނިންމައިފަ އެވެ. އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ޕީއެންސީން ބުނާ ގޮތުން ޔާމީން މިނިވަން ވެއްޖެ ނަމަ އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރާނެ އެވެ.