ރަށުން ބޭރުގައި ކުޅެ ބޫޓާން ޓީމާ ވެލެންސިއާ އެއްވަރުވެއްޖެ
ރަށުން ބޭރުގައި ކުޅެ ބޫޓާން ޓީމާ ވެލެންސިއާ އެއްވަރުވެއްޖެ

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި މިއަދު ބޫޓާނުގައި އެ ގައުމުގެ ތިމްޕޫ ސިޓީއާ ރާއްޖޭގެ ކްލަބް ވެލެންސިއާ 0-0 އިން އެއްވަރުވެއްޖެ އެވެ.

ދެ ވަނަ ލެގު އަންނަ ހަފުތާގައި މާލޭގައި ކުޅޭއިރު، އެ މެޗުން މޮޅުވާ ޓީމަކަށް އަނެއް ބުރުން ފުރުސަތު ލިބޭނެ އެވެ. ލަނޑެއް ނުޖެހި އެއްވަރުވެއްޖެ ނަމަ އިތުރު ވަގުތު ކުޅެ އަދި ޕެނަލްޓީ ޖަހާނެ އެވެ. ސްކޯ ޑްރޯއެއްވެއްޖެ ނަމަ ފުރުސަތު ލިބޭނީ ތިމްޕޫ އަށެވެ. ޕްލޭއޮފް ބުރުގައި ކުޅެން ޖެހޭނީ ސްރީލަންކާގެ ކޮލަމްބޯ އެފްސީ އާއި އިންޑިއާގެ މޯހަން ބާގަން ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މޯހަން ބާގަން ވަނީ މިއަދު ކުޅުނު ފުރަތަމަ ލެގުން ރަށުން ބޭރުގައި 2-1 އިން ކޮލަމްބޯ އެފްސީ ބަލިކޮށްފަ އެވެ.

މިދިޔަ އަހަރުގެ އެފްއޭ ކަޕުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން އޭއެފްސީ ކަޕުން ޖާގަ ހޯދި ވެލެންސިއާ އިން މި މުބާރާތަށް އެކަށީގެންވާ ގޮތަކަށް ތައްޔާރުވެފައެއް ނުވެ އެވެ. މި މެޗަށް ވެލެންސިއާ ޕްރެކްޓިސް ފެށީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ.

އުހުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ވެލެންސިއާ އިންނެވެ. ތިމްޕޫ އަށް ފުރަތަމަ ހާފްގައި ވެލެންސިއާ ގޯލަށް އަމާޒުކޮށް މާ އެދެވޭ ހަމަލާތަކެއް ފޮނުވައެއް ނުލެވުނެވެ.

ފުރަތަމަ ހާފްގައި ވެލެންސިއާގެ ބިދޭސީ ފޯވާޑް އޮމޮދޫ ގޮޑްފްރޭ ވެސްޓާއި މިޑްފީލްޑަރު އަހުމަދު ރިލްވާން (ރިލޭ) ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތު ލިބުނެވެ. މެޗުގެ 34 ވަނަ މިނިޓްގައި އޭރިއާ ބޭރުން ވެސްޓް ތިރިތިރިން ފޮނުވާލި ބޯޅަ ތިމްޕޫގެ ކީޕަރު ޖަމްޕެލް ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަސް މިނިޓް ފަހުން ވެސްޓް ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން ރިލޭ، ތިމްޕޫ އޭރިއާ ތެރެއަށް ވަދެ ކުޅުންތެރިޔަކު ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ ތިމްޕޫ ޑިފެންޑަރުން ވަނީ ބްލޮކް ކޮށްފަ އެވެ.

ދެ ވަަނަ ހާފް ފެށިގެން 40 ސިކުންތު ތެރޭގައި ވެސްޓް ވަނީ ތިމްޕޫ ގޯލަށް އަމާޒުކޮށް ބޯޅައެއް ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް މި ހާފްގައި މޮޅަށް ކުޅުނީ ތިމްޕޫ އިންނެވެ. އެ ޓީމުން ވަނީ ވެލެންސިއާ ހާފް ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ލަނޑު ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްފަ އެވެ.

މެޗުގެ 55 ވަނަ މިނިޓްގައި ވެލެންސިއާ އޭރިއާ ތެރެއިން ތިމްޕޫގެ ޗެންޗޯ ޝެރިން ފޮނުވާލި ބޯޅަ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އަދި އޭގެ 10 މިނިޓް ފަހުން އެ ޓީމުގެ ކަރްމާ ފޮނުވާލި ބޯޅަ ވެސް މަތަކުރީ ފައިސަލް އެވެ.

މެޗުގެ 77 ވަނަ މިނިޓްގައި ވެލެންސިއާގެ މުހައްމަދު ތަސްމީން (ތައްތި) އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. މި ހާފްގައި ވެލެންސިއާ އަށް މާ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރުބަލިކަމެވެ.

ތިމްޕޫ އަށް ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމަށް ކުޅޭ ބޫޓާން ގައުމީ ޓީމުގެ ވިންގް ޗެންޗޯ ގެޔެސްޓެން އަށެވެ. މެޗުގެ 76 ވަނަ މިނިޓްގައި ވެލެންސިއާ އޭރިއާ ތެރެއިން ޗެންޗޯ ފޮނުވާލި ބާރު ބޯޅަ ކީޕަރު ފައިސަލް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެެވެ.

އޭއެފްސީ ކަޕުގެ ފޯމެޓަށް މި ފަހަރު ގެނެވުނު ބަދަލާ އެކު މުބާރާތް ވަނީ ދެ ފަޅިއަށް ބަހައިފަ އެވެ. އެއާ އެކު ފައިނަލުގައި ކުޅޭނީ އީސްޓް ޒޯން އެއް ޓީމާއި ވެސްޓް ޒޯން އެއް ޓީމެވެ. ރާއްޖޭގެ ޓީމުތައް ވާދަކުރާނީ އީސްޓް ޒޯންގެ ސައުތު އޭޝިއާ ޒޯނުގަ އެވެ. ވެލެންސިއާ ގްރޫޕް ސްޓޭޖަށް ހޮވިއްޖެ ނަމަ ކުޅެން ޖެހޭނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ބަންގްލަދޭޝްގެ ޑާކާ އަމްބާނީއާ އެއް ގްރޫޕެއްގަ އެވެ.