31 ޖެނުއަރީ 2017 - 17:55

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓުންނަށް ރަސްމީކޮށް ޓިކެޓް ހަވާލުކުރުމަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ވިދާޅުވީ ގާތްގަނޑަކަށް 20،000 މީހުން ބައިވެރިވާނެ މި ޖަލްސާގައި، އިންތިހާބުގައި ޕީޕީއެމުން ވާދަކުރާ 500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ބައިވެރިވާނެ ކަމަށެވެ.
"ހޭވައްލާ"ގެ ނަމުގައި ކާނިވަލުގައި ބޭއްވުމަށް ނިންމާފައިވާ އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ހަމަޖެހިފައި ވަނީ ރައީސް އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނެވެ.
"މި ޖަލްސާ މި ބާއްވަނީ ވަރަށް ތަފާތުކޮށް، ވަރަށް ފުރިހަމަ އަށް. މިއީ މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއް ޖަލްސާ އަށް ވެގެން ދާނެ،" ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ އަންނަ އޭޕްރީލް 8 ގައި ބާއްވާ ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންގެ ގޮތުގައި 500 އަށް ވުރެ ގިނަ މީހުން ވާދަ ކުރާއިރު، ޕީޕީއެމަށް ތާއީދު ކުރާ ބައެއް މީހުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވެސް އިންތިހާބުގައި ބައިވެރިވާނެ ކަމަށެވެ. އަދި ސަރުކާރާ ކޯލިޝަން ހަދާފައިވާ އެމްޑީއޭ އާއި ޑީއާރުޕީން ވެސް އިންތިހާބުގައި ވާދަ ކުރާތީ މި އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.