03 އޯގަސްޓް 2023 - 11:12

ފްލޮރިޑާ (އޮގަސްޓް 3) - އެމެރިކާ އާއި މެކްސިކޯގެ ކްލަބްތައް ވާދަކުރާ ލީގްސް ކަޕްގައި 3-1 އިން އެމެރިކާގެ އޯލެންޑޯ ސިޓީ ބަލިކޮށް އިންޓަ މަޔާމީ މުބާރާތުގެ ގަދަ 16 އިން އިން ޖާގަ ހޯދި މެޗުގައި ލިއޮނެލް މެސީގެ "ވަކަންޑާ ފޮރެވާ" ސެލެބްރޭޝަނާ އެކު ސަޕޯޓަރުން ފޯރިގަދަ ކޮށްލައިފި އެވެ.

މެޗުގެ ހަތްވަނަ މިނެޓްގައި އެޓީމަށް ކުޅޭ ފިންލެންޑް މިޑްފީލްޑަރު ރޮބާޓް ޓޭލާ ޑިފެންޑަރުން ބޯ މަތިން މެސީ އަށް ވައްޓާލި ބޯޅަ އޭނާ ވަނީ މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ހާފް ވޮލީ އަކުން ގޯލަށް ފޮނުވާލައިފަ އެވެ. އަދި ސަޕޯޓަރުންނަށް އެންމެ ހާއްސަވީ އުފާފާޅު ކުރުމުގެ ގޮތުން އޭނާގެ ދެ އަތް މޭ މަތީ ހުރަސް ކޮށްލައި، މާވެލް ސުޕަހީރޯ ކެރެކްޓާ ބްލެކް ޕެންތާ ރަމްޒު ކޮށްދޭ "ވަކަންޑާ ފޮރެވާ" ސެލެބްރޭޝަނެވެ.
"ވަކަންޑާ ޕޯސް އެއީ މިއަދު އިންޓަނެޓުން ފެންނާނެ އެންމެ ސަޅި އެތި،" މެސީގެ ފޮޓޯއާއެކު މީހަކު ކުރި ޓްވީޓެއްގައި ވެއެވެ.
މި މެޗުގެ ކުރިން އެޓަލާންޓާ ޔުނައިޓެޑް 4-0 އިން ބަލިކުރި މެޗުގެ ފުރަތަމަ ގޯލަށް ފަހު ވެސް މެސީ ވަނީ މާވެލް ސުޕަހީރޯ "ތޯ" ރަމްޒު ކޮށްދޭ ފަދަ ސެލެބްރޭޝަނަކާ އެކު އުފާފާޅު ކޮށްފަ އެވެ.
މެސީގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ތިއާގޯ، 10، އަކީ މާވެލްގެ ބޮޑު ސަޕޯޓަރެކެވެ. އަދި އޭނާ އެންމެ ގަޔާވާ ސުޕަހީރޯ އަކީ "ތޯ" ކަމަށް ވެއެވެ.
މެސީ އާއި ސާޖިއޯ ބުސްކެޓްސް އާއެކު ބާސެލޯނާ އަށް ކުޅުނު ވާތުބެކް ޖޯޑީ އަލްބާ ވެސް ވަނީ ފުރަތަމަ ފަހަރަށް އިންޓަ މަޔާމީގެ ޖޯޒީގައި ކުޅެން ނުކުމެފަ އެވެ. އޭނާ ކުޅެން އެރީ މެޗުގެ ފަހު 30 މިނިޓަށެވެ.
މެޗު ފެށުމުގެ ކުރިން ކުޅުންތެރިން ވޯމްއަޕް ގައި ތިއްބައި ވިއްސާރަވެ، މޫސުން ގޯސް ވުމުގެ ސަބަބުން 95 މިނިޓަށް ފެށުން ލަސްކުރަން ޖެހުނު މި މެޗުގައި، މެސީ އިންޓަ މަޔާމީ އަށް ލީޑު ނަގައިދިންތާ 10 މިނިޓު ފަހުން އޯލެންޑޯ ސިޓީ އިން ނަތީޖާ އެއްވަސރު ކުރި އެވެ.
އިންޓަ މަޔާމީ އިން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގަ އެވެ. މެޗުގެ 51 ވަނަ މިނިޓުގައި އަލުން ލީޑު ނެގީ ޖޯސެފް މާޓިނޭޒް ކާމިޔާބު ކުރި ޕެނަލްޓީއަކުންނެވެ. އަދި 72 ވަނަ މިނިޓުގައި މެސީ، އެޓީމުގެ ތިންވަނަ ގޯލު ޖަހައިދިނީ ޖޯސެފް މާޓިނޭޒް ދިން ޕާހަކުންނެވެ.
އުމުރުން 36 އަހަރުގެ މެސީ އިންޓަ މަޔާމީ އަށް ބަދަލުވެ، މިހާތަނަށް ކުޅުނު ތިން މެޗުން ވަނީ ފަސް ގޯލު ޖަހައިފަ އެވެ. ލީގްސް ކަޕްގެ ގުރޫޕް ސްޓޭޖުގައި އެޓަލާންޓާ ޔުނައިޓެޑް ކޮޅަށް ދެ ގޯލު ޖެހުމުގެ އިތުރުން، ފުރަތަމަ މެޗުގައި މެކްސިކޯގެ ކްރޫޒް އަޒުލް ކޮޅަށް ވެސް ގޯލު ޖެހި އެވެ.
ލީގްސް ކަޕްގެ ގަދަ 16 ގައި އިންޓަ މަޔާމީ، އަންނަ ހަފްތާގެ އަންގާރަ ދުވަހު ނުކުންނާނީ އެމެރިކާގެ އެފްސީ ޑަލާސްއާ ދެކޮޅަށެވެ.