03 ފެބުރުއަރީ 2017 - 06:39

ޕްރިޔަންކާ ޗޯޕްޅާ އާއި ދީޕިކާ ޕަދްކޯން އަދި ނަރުގިސް ފަޚްރީ ފަދަ ބޮލީވުޑްގެ ބަތަލާއިން މިހާރު ވަނީ އެ މީހުންގެ ހުނަރު ހޮލީވުޑްގައި ދައްކާލައިފަ އެވެ. ދެން އޮތީ ސްރީ ލަންކާ އަށް އުފަން ބޮލީވުޑްގެ ބަތަލާ ޖެކޮލިން ފެނާންޑޭޒް ވެސް ވަނީ ހޮލީވުޑް ފިލްމެވެ.
"ޑިފިނިޝަން އޮފް ފިއާ" ގެ ނަން ދީފައިވާ މި ފިލްމުގެ ވާހަކަ މާބޮޑަށް ނުދެވެ އެވެ. "ޑިޝޫމް" އާއި "ރޭސް 2" ފަދަ ފިލްމްތައް ކުޅެފައިވާ ޖެކޮލިންގެ ހޮލީވުޑްގެ ފުރަތަމަ ފިލްމުގައި ބިރުވެރި ހާދިސާތަކެއް ހިމެނޭނެ އެވެ. މި ފިލްމް ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ ދާ މާޗަންޓް އޮފް ވެނިސް (2004) އަދި ހެޑް އިން ދަ ކްލައުޑްސް (2004) ގެނެސް ދީފައިވާ އިނގިރޭސި ޑައިރެކްޓަރު ޖޭމްސް ސިމްޕްސަން އެވެ.
"ޑިފިނިޝަން އޮފް ފިއާ" ވަނީ 2015 ވަނަ އަހަރު ދިއްލީގައި ބޭއްވި ހަތަރު ވަނަ ދިއްލީ އިންޓެނަޝަނަލް ފިލްމް ފެސްޓިވަލްގައި ވެސް ދައްކާލައިފަ އެވެ.
ރަސްމީކޮށް ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 25 ގަ އެވެ. ޔުނިވާސަލް ޕިކްޗާސް އިން ޑިސްޓްރިބިއުޓް ކުރާ "ޑިފިނިޝަން އޮފް ފިއާ" ގެ ޓްރެއިލާ ވެސް ބެލުންތެރިންނަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
މި ފިލްމުގެ ވާހަކަ އެނބުރެނީ ޗުއްޓީއަކަށް ނިކުންނަ ޒުވާން ހަތަރު އަންހެން ކުއްޖަކަށް ދިމާވާ ބިރުވެރި ހާދިސާތަކެއްގެ މައްޗަށެވެ.
ސާރާ ފޯޑިން ކިޔާ ކެރެކްޓާއަކުން ޖެކޮލިން ފެނިގެން "ޑިފިނިޝަން އޮފް ފިއާ" ގެ ތަރިންގެ ތެރޭގައި ކެތެރިން ބެރެލް، މާސިޑީޒް ޕަޕާލިއާ އަދި ބްލައިތު ހަބަޑް ހިމެނެ އެވެ.