01 ފެބުރުއަރީ 2017 - 06:07

ހަނދުބޮޑުވާ މޫސުމަށް މީހުން މޮޔަވާ ވާހަކަ އަހަމެވެ. އަހަންނަކީ ވެސް އެ ކަހަލަ މީހެކެވެ. އެ ރެއަކީ، ފަހުގެ ތާރީޚެއްގައި ހަނދު އެންމެ ބޮޑުކޮށް ފެންނަ ރެއެވެ. ނޫސްތަކުގައި އެ ކަން އިސްތިހާރު ކުރާތާ ކިތަންމެ ދުވަހެކެވެ. ގިނަ ބަޔަކު ތިބީ އެ ކަމަށް ތައްޔާރުވެގެންނެވެ. އަހަންނަކީ ފޮޓޯނަގާ މީހެކެވެ. އެ ފަދަ ކޮންމެ ދަނޑިވަޅެއް ކެމެރާގައި ރައްކާކުރަން އަހަރެން ޝައުޤުވެރިވެއެވެ. މުޅި ދުވަސް ހޭދަކުރީ ތައްޔާރުވުމުގައެވެ. އެހެން މީހަކު ނުނަގާ ދިމާއަކުން، އާދަޔާ ޚިލާފު ރީތި ފޮޓޯއެއް ނެގުމަށްޓަކައެވެ. އަހަންނަށް މުހިންމީ ހަނދު އެކަންޏެއް ނޫނެވެ. ހަނދާ އެކުގައި އެ ފުރޭމު ތެރޭގައި ހިމެނޭ ހުރިހާ އެއްޗެއް އަހަންނަށް މުހިންމެވެ. އެ ފަދަ ފޮޓޯއެއް ނަގާނެ ތަފާތު ދިމާއެއް މާލެއަކުން ނުފެނުނެވެ.
"ކަލޭ ކޮން ވައްތަރެއް ތި ޖައްސަނީ؟" ސައިބޯން އިނދެފައި އަނިލް އެހިއެވެ.
އަނިލްއަކީ އަހަރެންގެ ގާތް އެކުވެރިއެކެވެ. ފޮޓޯނަގާ މީހެކެވެ. އަހަރުމެން ގެންގުޅެނީ އެއްވައްތަރުގެ ކެމެރާއެވެ.
"މިއަދު ހެނދުނުއްސުރެ ވައަތުލޯ ތޮޅޭތީ މި އުޅެނީ،" ލޯ އުނގުޅައިލަމުން އަހަރެން ބުނީމެވެ. "ހާދަ އުނދަގޫވާ ކަމެކޭ."
"ކޮންމެވެސް ސުންޕާކަމަކާ ދިމާވާން ތި އުޅެނީ،" އަނިލް ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "ބިރުގަންނަވާކަށް ނޫން އެކަމަކު ވަރަށް ވިސްނައިގެން އުޅޭތި."
އަހަރެން އެ ވާހަކައަކަށް އެއްވެސް ސަމާލުކަމެއް ނުދެމެވެ. އިވުނުކަމަށް ވެސް ނަހަދަމެވެ.
"މި ރޭ ފުލްމޫން ނަގާލަން ހިނގާބަލަ ހުޅުމާލެއަށް،" އަހަރެން ބުނީމެވެ. "ބޮޑު ތަނެއް. ލޮކޭޝަން ހުންނާނެ. މަ ބޭނުން އެކި ކަހަލަ ފޯގްރައުންޑް. ބޭބެގެ އެޕާޓުމަންޓްގެ ތަޅުދަނޑި ވެސް އެބައޮތް. އެއްޗެއް ޗާޖުކޮށްލަން ފަހަރެއްގަ ބޭނުންވިޔަސް ފަސޭހަވާނެ."
"ސަޅި އައިޑިޔާއެއް،" އެކުވެރިޔާ ވަރަށް ގަޔާވެފައި ބުންޏެވެ. "އަށެއްޖަހާކަންހާއިރު ހަނދުއަރާނެ. ކުރީބައިގަ ޖެހޭނެ ދާން. އަންހެނުން އެބަ ކިޔާ ފުލްމޫން ބަލަން މައިދައިތަ ގެއަށް ދާން. އެ ގޭގަ ހުންނާނީ ޓެރަސްފުޅެއް. ޖޯއްޔާ، އުނދޯއްޔާ، ހެމޮކާ، ކޮފީމެޝިނަށް ދާންދެން ހުންނާނެ. އެކަމަކު މަ ނައްޓާލާނީ ހުޅުމާލެއަށް. ގެރެންޓީ!"
"ކަލޭ ވެސް އަނބިދަރިންކޮޅު ފޮނުވާލަބަލަ ބެންގަލޫރު ކަހަލަ ތަނަކަށް،" އަހަރެން ލަފާ ދިނީމެވެ. "ބުނާނީ ދަރިފުޅަށް ކިޔަވައިދޭށޭ. ތިން މަހުން އެއް މަހު މަށަށް ނާޒިމާ ފެންނާނީ. ދަރި ވެސް އެހެރަ ބޮޑުވަނީ. ބޮލަށް ފަސޭހައެއްނު."
ހިނިގަނޑަކުން ފުއްދައިލުމަށްފަހު އަނިލް އެ ވާހަކަ ހިންދައިލިއެވެ. އަހަރުމެން ވަކިވީ، ހައެއްގެ ފެރީން ބައްދަލުކުރާ ގޮތަށެވެ. ހައެއް ޖަހަން ފަނަރަ މިނެއްޓަށް ވީއިރު އަހަރެން ހުރީ ފެރީގިމަތައިގައެވެ. އަނިލްއެއް ނައެވެ. ގުޅީމަ ފޯނެއް ނުނެގިއެވެ. ވީ ގޮތް އަހަންނަށް އެނގުނެވެ. މައިދައިތަ ގެއަށް އޭނަ ދާންޖެހުނީއެވެ. އެއީ އަލަށް ވާ ކަމެއް ނޫނެވެ. ހުޅުމާލެއަށް އަހަރެން ފުރަންޖެހުނީ އެކަންޏެވެ. ސައިކަލު ގެންދިޔައީމެވެ. ދެބައިކަނޑަށް ފެރީ ދުއްވިތަނާ ވައިބާއިން އަނިލްގެ މެސެޖެއް ލިބުނެވެ. އޭގައި އޮތީ ފޮޓޯއެކެވެ. އަންހެނުންނާ އެކުގައި ޖޯލީގައި އަނިލް އޮށޯވެލައިގެން އޮއްވައެވެ. ވަރަށް ހިނިއައިސްފައެވެ. އަހަރެން ގާތަށް ވެސް އައީ ހިންޏެވެ. އަނިލްގެ ޕްލާސްޓިކު ހިނިތުންވުން ފެނިފައި ހިނި ނާންނާނީ ކާކު ހެއްޔެވެ؟
ހުޅުމާލެއަށް ގޮސް ހުރިހާ ސާމާނު އެޕާޓުމަންޓުގައި ބަހައްޓައިފައި، ކޮންމެހެން ބޭނުންވާ އެއްޗެހި ހިފައިގެން ދަތުރަށް ފެށީމެވެ. ހަނދުއެރުމުގެ ކުރިން ރަނގަޅު ހިސާބެއް ހޯދީމެވެ. އޭރު ވެސް ލޯތޮޅުމަކަށް ބަދަލެއް ނާދެއެވެ. ކެމެރާގެ ލެންސު ބަދަލުކޮށްފައި ސްޓޭންޑުގައި ހަރުކޮށްލީމެވެ. އަހަންނަށް ހުރެވުނީ ވަރަށް ހިތްގައިމު ހިސާބެއްގައެވެ. މީހެއްގެ ހިލަމެއް ނުވެއެވެ. ކައިރީގައި ހުރި ގަސްތަކުގައި އަޅާފައިވާ މަލެއްގެ މީރުވަސް މުޅި ތަނަށް ފެތުރިފައިވެއެވެ. ރާޅުތައް މަޑުމައިތިރިކަމާ އެކުގައި ގޮނޑުދޮށަށް ބީއްސަމުންދިޔައެވެ. އުޑުމަތި ވަރަށް ސާފެވެ. ކަނޑުން އަރައިގެންއައި ނަލަ ރޯޅީގައި ތާޒާ ވަހެއް އެކުލެވިފައިވިއެވެ. އެއީ އެކަނި ހުންނަ ކަހަލަ ތަނެއް ނޫނެވެ. ބައިވެރިޔަކާ އެކީގައި އަންނަ ކަހަލަ ތަނެކެވެ. އަހަންނަށް އެ ނަސީބު ކޮބައިހެއްޔެވެ؟ ކުއްޖަކު ލިބުނު ފަހުން އަހަރެންމަތިން ނާޒިމާ ހަނދާންނައްތައިލައިފިއެވެ. އޭނަ ބޭނުންވީ ދަރިފުޅަށް ކިޔަވައިދޭން ރާއްޖެއިން ބޭރަށް ދާށެވެ. އަހަރެންދެކެ އޭނަ ފޫހިވީއެވެ. ނުވަތަ އަހަރެންގެ ފެންވަރު ބަލައިލަން ބޭނުންވީއެވެ. އެ ކަން ވެސް ކޮށްދިނީމެވެ. އަހަރެންމަތިން ނާޒިމާ ހަނދާންވަނީ ކޮންމެވެސް ކަމަކަށް ދަތިވީމައެވެ. އެހެންނޫނީ އަހަންނަކީ ނެތް މީހެކެވެ. އެކުވެރިން ގާތުގައި ފޮނިކަނޑަނީ އަހަރެންގެ އަގު ހިފަހައްޓަންވެގެންނެވެ. ހަނދުނާރާތީ އެކިއެކި ފިކުރުތައް ކުރަން ހުއްޓައި، ސައިކަލެއް މަޑުކުރިހެން ހީވިއެވެ. އައްޔެއް ފެނުނެވެ. އޭރު އަށެއް ޖަހަނީއެވެ. ސައިކަލު ދުއްވާލި އަޑު ކަހަލަ އަޑެއް އިވުނެވެ. އެ ކަމަށް ވިސްނަން ހުއްޓައި ހަނދު އަރާތަން ފެނުނެވެ. ހުރިހާ ސަމާލުކަމެއް ދެވުނީ ހަނދަށެވެ. އެހާ ސާފު، ބޮޑު ހަނދެއް ހަމަލޮލުން ދުށް ހަނދާނެއް އަހަރެން ނުވެއެވެ. ވަރަށް ގިނަ ފޮޓޯނެގީމެވެ.
"ސަޅި!" އަންހެން އަޑެއް، ކަނާއަތް ފަރާތުން އަހަންނަށް އިވުނެވެ.
އަހަރެން ސިއްސައިގެންދިޔައެވެ. އެ ފަރާތަށް ބަލައިލީމެވެ. މީހަކު ނެތެވެ.
"ހެލޯ!" ދެން އަޑު އައީ ވައަތްފަރާތުންނެވެ.
އަހަރެން ބަލައިލިއިރު އެ ތަނުގައި ހުރީ ރީތި ޕަރީއެކެވެ. އެ އަންހެންކުއްޖާއަށް ދޭނެ އެހެން ނަމެއް އަހަންނަކަށް ނޭނގުނެވެ. އޭނަ ލައިގެން ހުރީ އަތްކަނޑައިފައިވާ، ކަޅު ކުލައިގެ ކުރު ހެދުމެކެވެ. ހެދުމުގައި މާތަކެއް ޖަހައިފައި ހުއްޓެވެ. މުށިކުލައިގެ ފަން އިސްތަށިގަނޑު އުނަގަނޑާ ހަމައަށް ފޯރައެވެ. ހަމުގެ ކުލަ އަލިކަމުން ހައިރާންވާހާ ވެއެވެ.
"ހަ.." އަހަރެންގެ އަޑު ނުނިކުތުމުން ކަރުކެހިލައިފައި އަނެއްކާ ވެސް ބުނީމެވެ. "ހަލޯ!"
"އަހަރެން ހުރީމަ އުނދަގޫވޭތަ؟" ވަރަށް އޯގާތެރިކަމާ އެކުގައި އޭނަ ސުވާލުކުރިއެވެ. "ހެޔޮތަ މަޑުކޮށްލިޔަސް؟"
އަހަރެން އިންކާރުކުރާނީ ކިހިނެއް ހެއްޔެވެ؟ އެ ފަދަ ރެއެއްގައި، އެހާ ރީތި އަންހެންކުއްޖަކު، އެހާ ކުއްލި ގޮތަކަށް އައުމަކީ އަހަރެންގެ ނަސީބު ނޫން އެހެން ކޯޗެއް ހެއްޔެވެ؟ ދުރުގައި ހުންނާކަށް އޭނަ ބޭނުމެއް ނޫނެވެ. ހަނދަށް ވުރެ އޭނައަށް ރީތިވީ އަހަރެންގެ ކެމެރާއެވެ. ޝައުޤުވެރިވީ ވެސް ކެމެރާއަށެވެ. ކެމެރާގެ ލެންސުން ހަނދު ބަލައިލަން އޭނަ ބޭނުންވިއެވެ. ކެމެރާއާ ކުޅެލަން ބޭނުންވިއެވެ. ފޮޓޯނަގަން ދަސްކުރަން ބޭނުންވިއެވެ. އަހަރެން ހުރީ އޭނަ އެދުނު ކޮންމެ ކަމެއް ދަސްކޮށްދޭން ކެތްމަދުވެފައެވެ.
"ކިހިނެއް މި ތަނަށް ތި އައީ؟" އިހުތިރާމާއެކު އަހަރެން އެހީމެވެ.
"ފްރެންޑަކާ އެއްކޮށް އައީ،" ކެމެރާގައި ލޯޖަހައިގެން ހުރެ އޭނަ ބުންޏެވެ. "މި ހިސާބަށް އައިއްސަ އަހަރެން ބާލާފަ އޭނަ ހިނގައްޖެ! މި ރަށަކު ނުހުންނާނެ މަގޭ ރައްޓެއްސެއް ވެސް. ދާނެ ތަނެއް ވެސް ނެތް. އެ ކަމާ ވިސްނަން ހުއްޓާ ތީނަގެ ސައިކު ފެނުނީ. ކޮންމެވެސް ކަމެއްވެގެން މި ތަނަށް މަށަށް ފޭބުނުއިރު މި ތާ ތީނަ ހުންނާނީ. އެއީ އިއްތިފާޤެއް ނޫން."
ގަބޫލުކުރެވޭ ކަހަލަ ވާހަކައެކެވެ. އޭނަ ކޮންމެ ވާހަކައެއް ދެއްކިޔަސް އަހަރެން އެ ވާހަކައެއް ގަބޫލުކުރީމުހެވެ. އެކަމަކު، އެ ބުނާ މީހަކު އެ ޕަރީ ސައިކަލުން ބޭލުވީ ކީއްވެ ހެއްޔެވެ؟ އަލުން އެ މީހާއަށް ނުގުޅަނީ ކީއްވެ ހެއްޔެވެ؟ ފޯނު ކޮބައިތޯ އަހައިލަން ހިތަށްއެރިއެވެ. އެ ކަން ކުރާކަށް ބޭނުމެއް ނުވިއެވެ. އޭނަ ކޮނޑުގައި ދަބަހެއް ނެތެވެ. ފަހަރެއްގައި އަހަރެންގެ ފޯނު ދޭން ބުނެފާނެއެވެ. އެ ފޯނުން އޭނަގެ ރައްޓެއްސަކަށް ގުޅައިފާނެއެވެ. އެ ޕަރީ އުދުހިގަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ.
"ދަނީ ދެން،" ކުއްލިއަކަށް އޭނަ ބުންޏެވެ. "ވަރަށް ފެންބޮވާ އެބަ."
"ފެން ލިބިދާނެ،" އަހަރެން ވަގުތުން ބުނީމެވެ. "ހިނގާ!"
އަހަރެން ކުރަން އައި ކަންތައް ހަނދާންނައްތައިލީމެވެ. ކެމެރާ ދަބަހަށްލައިފައި ކޮނޑުގައި އަޅުވައިލީމެވެ. ޕަރީ އެދުނީ އޭނައަތަށް އެ ދަބަސް ދިނުމަށެވެ. ދަބަސް ދީފައި އަހަރެން ސައިކަލަށް އެރުމުން އަހަރެންގެ ފަހަތަށް އޭނަ އެރިއެވެ. އަހަރެންގެ ބުރިކަށީގައި ބޯއަޅައިލިއެވެ.
"ސޯ ޓަޔަޑް!" ވައިއަޑުން އޭނަ ބުނެލިއެވެ.
އަހަރެން ސައިކަލު ދުއްވައިލީމެވެ. ދެ ލޯގަނޑު ވެސް ހުރީ އޭނަ ފެންނަ ގޮތަކަށް ނޫނެވެ. އެޕާޓުމަންޓަށް މަޑުކުރީމެވެ. އެ ހިސާބު ވަރަށް އައްޔެވެ. އޭނަ ފަހަތުން ފޭބިހެން ހީނުވެގެން ބަލައިލިއިރު އޭނަ ހުރީ ފައިބައެވެ. ލޫޅާފަތިކަމުން އަހަންނަށް ނޭނގުނީއެވެ. އަހަންނަށް ހީވީ ބުރިކަށީގައި އޭނަ ބޯއަޅައިލައިގެން އޮތްހެންނެވެ. އެޕާޓުމަންޓަށް ވަދެފައި އޭނައަށް ފެން ދިނީމެވެ.
"މަށާ ހެދި މުޅި ޓްރިޕް ފަނިވެއްޖެދޯ؟" ހަމްދަރުދީގެ ރާގެއްގައި އޭނަ ބުނެލިއެވެ. "އަހަރެންގެ ވަރަށް ރީތި ފޮޓޯތަކެއް ނަގައިދީބަލަ! ޕޯސްޖަހާލަންތަ؟"
އަހަރެން އެއްވެސް ލައިޓެއް ނުގެންނަމެވެ. އެކަމަކު، އެ ފުރުޞަތު ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ؟ ދަބަހުގައި އޮތް ފްލޭޝް ހަރުކޮށްލީމެވެ. އޭނަ ފުރަތަމަ ޕޯސްއަށް ހުއްޓިލައިފައި ދެ ލޯ މަރައިލިއެވެ. އަހަރެން އަތުން ކެމެރާ ދޫވިއެވެ. ތަޅުންގަނޑުގައި ޖެހުމާއެކު ލެންސް ވިއްސައިގެންދިޔައެވެ.
"އޯހް ނޯ!" އޭނަ ސިއްސައިގެން ގޮސްފައި ބުނެލިއެވެ.
ކެމެރާއިން ވިއްސައިގެންދިޔަ ބައެއް އެތިކޮޅު ހޮވައިދިނުމުގައި އޭނަ އެހީތެރިވިއެވެ. ކެމެރާ އޮތީ ހަލާކުވެފައެވެ. ވަރަށް އަގު ބޮޑު ކެމެރާއެކެވެ. އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.
"އެ އޯކޭވާނެ!" އަހަރެން ބުނެލީމެވެ. "ޗީޕް ކެމެރާގަނޑެއް."
ކެމެރާ ހަލާކުވުމުން ފޯނުން ފޮޓޯނަގާކަށް އެ ވަގުތު އަހަރެންގެ ޚިޔާލަކަށް ނާދެއެވެ. ސޯފާގައި އިށީނދެލައިގެން އަހަރުމެން ޓީވީބަލަން ތިބީއެވެ. ގެއަށް ދާކަށް ޕަރީ ނުބުނެއެވެ. އޭނަ ދޫކޮށްލާކަށް ހިތެއް ނުބުންޏެވެ. އެންމެ ފަހުގެ ހަނދާނަކަށް ހުރީ އެ ހަނދާނެވެ. ކުއްލިއަކަށް އަހަންނަށް ހޭލެވުނެވެ. އޭރު ހެނދުނު ހަޔެއް ޖަހަނީއެވެ. އަހަރެން އޮތީ ސޯފާގައެވެ. ޓީވީ ހުރީ ހުޅުވައިފައެވެ. ޕަރީއެއް ނެތެވެ. އެއީ ކާކުކަމެއް، ކޮންތާކު އުޅޭ ކުއްޖެއްކަމެއް އަހަންނަކަށް ނޭނގެއެވެ. ނަމެއް ވެސް ނޭނގެއެވެ. ނަން ހޯދޭނެ ގޮތެއް ވެސް ނެތެވެ. ރައްޓެހިން ގާތުގައި އެ ވާހަކަ ދެއްކީމެވެ. އެކަމަކު ހެއްކެއް ނެތެވެ. ކެމެރާ އޮތީ ހަލާކުވެފައެވެ. އެއްވެސް ފޮޓޯއެއް ނެތެވެ. އެޕާޓުމަންޓުން އެއްޗެއް މަދެއް ނޫނެވެ. އެކަމަކު، އަހަރެންގެ ހިތުގައި އޭނަ ވިކި ތަންތަނުގައި ދުވަހަކު ވެސް ކުރަ ނުލާނެކަން އަހަންނަށް ޔަގީނެވެ.
ނިމުނީ