އީވާއަށް ބިރުދެއްކި ކަމަށް ބުނާ މީހާގެ ފޯނު ހިފެހެއްޓުމަށް ފަހު ދޫކޮށްލައިފި
އީވާއަށް ބިރުދެއްކި ކަމަށް ބުނާ މީހާގެ ފޯނު ހިފެހެއްޓުމަށް ފަހު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ދަރިފުޅުގެ ފޮޓޯ ޓުވިޓާގައި ބޭނުންކޮށް، ބިރުދެއްކި މައްސަލާގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މީހާގެ ކޯޓު އަމުރު ތަންފީޒު ކުރުމަށް ފަހު ރޭގެ ވަގުތެއްގައި އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

ބަންދުން ދޫކޮށްލީ އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހުގައި ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވަނީ ރޭ 10:30 ހާއިރު އެވެ.

ދަރިފުޅުގެ ފޮޓޯ ބޭނުންކޮށް ބިރު ދައްކާ މައްސަލާގައި އީވާ ކުރެއްވި ޓްވީޓުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަރިހުން އެ މައްސަލަ ބަލައިދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

އެނގިފައިވާ ގޮތުގައި އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން އީވާއަށް ބިރު ދެއްކި ކަމަށް ބުނާ މީހާއަކީ ޓްވިޓާގައި ފޭކް އެކައުންޓެއް ހަދައިގެން އުޅުނު މީހެކެވެ. އެ އެކައުންޓުން އީވާ އާއި އާއިލާ އަށް ފުރައްސާރަ ކޮށްފައިވެ އެވެ.