އިންތިހާބާ ގުޅޭ ގޮތުން ގާސިމްގެ ވިސްނުން ހާމަކުރަން ކުއްލި ބައްދަލުވުމެއް
އިންތިހާބާ ގުޅޭ ގޮތުން ގާސިމްގެ ވިސްނުން ހާމަކުރަން ކުއްލި ބައްދަލުވުމެއް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް، ކައުންސިލާ އެކު ކުއްލި ބައްދަލުވުމެއް މިއަދު ބައްވަން ނިންމަވައިފި އެވެ.

އިންތިހާބާ ގުޅޭ ގޮތުން ގާސިމްގެ ވިސްނުން ހާމަކުރަން ކުއްލި ބައްދަލުވުމެއް
އިންތިހާބާ ގުޅޭ ގޮތުން ގާސިމްގެ ވިސްނުން ހާމަކުރަން ކުއްލި ބައްދަލުވުމެއް

ކައުންސިލްގެ މި ބައްދަލުވުން، ޕާޓީގެ މައި އޮފީސް، ކުނޫޒްގައި ބާއްވާ ގޮތަށް އޮތީ މިއަދު 3:00 ގަ އެވެ. އިންތިހާބާ ގުޅޭ ގޮތުން ގާސިމްގެ ވިސްނެވުން ހުރި ގޮތް ކައުންސިލް މެމްބަރުންނާ ހާމަކުރައްވާނެ ކަމަށް ވެ އެވެ.

މެމްބަރުންނަށް ފޮނުވި ބައްދަލުވުމުގެ އެޖެންޑާގައި އޮތީ "ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައެއް ވާހަކަތައް ކައުންސިލްއާ ހިއްސާކުރުން،" ކަމަށެވެ.

ރިޔާސީ އިންތިހާބަށް ވާދަކުރަން ހުޅުވާލިތާ ހަފުތާއެއްވި އިރު ވެސް ގާސިމް ކެންޑިޑެސީ ފޯމު ހުށަހެއް ނާޅުއްވަ އެވެ. އެކަމަކު އެކަން ހިނގާ ކަަމަށް ޖޭޕީން ބުނެ އެވެ.

ކެމްޕެއިން ބައްދަލުވުންތަކަށް ގާސިމް އަދި ނުކުމެވަޑައިނުގަންނަވަ އެވެ. ގިނަ ބައްދަލުވުންތަކަށް ފޮނުއްވަނީ ވީޑިއޯ މެސެޖެކެވެ.

ސަން އައިލެންޑުގައި ހުންނެވުމަށް ފަހު މިއަދުގެ ކައުންސިލް ބައްދަލުވުމަށް މާލެ ވަޑައިގަތުމަށް މާމިގިލީ އެއާޕޯޓަށް ގާސިމް ވަޑައިގަންނަވާ ފޮޓޯއެއް އޭނާގެ އެޑްވައިޒަރު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ވަނީ ހިއްސާކުރައްވައިފަ އެވެ. ގާސިމާ އެކުގައި މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް އިންނެވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ކައުންސިލުން ނިންމާފައި އޮތީ ދެ ވަނަ ދައުރަކަށް އެކުގައި ދެމިނުތިބެ އެ ޕާޓީ ވަކިން ވާދަކުރުމަށެވެ. އެ ނިންމުމާ އެއްގޮތަށް ގާސިމް ވާދަކުރައްވާނެ ކަން އިއުލާންކުރެއްވިޔަސް މިހާތަނަށް ކެމްޕޭންގައި އަމަލީ ގޮތުން ގާސިމް ނޫޅުއްވަ އެވެ.

ސިޔާސީ ފިކުރާއި ސިޔާސަތުތަކާއި ގަބޫލުކުރުންތަކުގައި ވެސް ދެބަސްވުން އުފެދިފައިވާ ބައެއް ބޭފުޅުންނާ އެކު ގާސިމް ގުޅުން ބަދަހިކުރައްވާ މަންޒަރުގެ ފޮޓޯއެއް ދޭތެރެއަކުން ޖޭޕީން އާއްމުކުރެ އެވެ. އެކަމަކު އެއްވެސް ޕާޓީއާ އެކު މިހާތަނަށް އެއްބަސްވުމެއް ނެތެވެ. އިންތިހާބަށް މަހެއް ވިއިރު ވެސް ގާސިމްގެ މަޑުން ހުންނެވުމުގެ ފަހަތުގައި އޮތީ ރިޔާސީ އިންތިހާބާ ގުޅޭ ދެވަނަ ވިސްނުމެއް ކަަމަށް ވެސް ވާހަކަ ދެކެވެ އެވެ. ގާސިމާ އެކު ކޯލިޝަނަކަށް އުއްމީދުކުރާ އެމްޑީޕީން ވެސް ކެމްޕޭންގައި ޖޭޕީއަށް ބަހުގެ ހަމަލާތަކެއް އަމާޒެއް ނުކުރެ އެވެ.

ދެ ވަނަ ދައުރަކަށް މި ސަރުކާރާ އެކު ކޯލިޝަން ހަދަން ގާސިމް ދެކޮޅު ހެއްދެވީ، މި ވެރިކަމަށް އެމްޑީޕީ އިސްވެ ޖޭޕީ އާއި އަދާލަތާއި އެމްއާރުއެމްއާ އެކު އެއްބަސްވި ގޮތަށް ކަންކަން ނުދާ ކަމަށް ވިދާޅުވެ އެވެ. ސަރުކާރުގައި ޕާޓީތައް ހިއްސާވާ ނިސްބަތް ކަނޑައަޅައި މަގާމްތަކާއި އިންތިހާބުތަކުގައި ޕާޓީތައް އެކުގައި ވާދަކުރަން އެއްބަސްވެވިފައި އޮތަސް އެ އަހުދަށް އިހްތިރާމްނުކުރީ ކަމަށް ގާސިމް ތަކުރާރުކޮށް ވިދާޅުވި އެވެ.

އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ދެކޮޅު ހަދައި، މިފަހަރުގެ އިންތިހާބުގައި ވާދަކުރަން ޖޭޕީން ފުރަތަމަ ބޭނުންވީ އެ ޕާޓީ އިސްވެ އުފައްދާ ބޮޑު ކޯލިޝަނަކުންނެވެ. އެ ޕާޓީގެ ފަހަތަށް އަރަން ޕީޕީއެމާއި އެންއެންޕީ އާއި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވެސް ދައުވަތު ދިނެވެ. އެކަމަކު އެ ދައުވަތު ޕާޓީތަކުން ގަބޫލުނުކުރުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީގެ ތެރެއިން އުފެއްދެވި "ފިކުރެއްގެ ދިރުން" މިހާރު ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ޑިމޮކްރެޓްސްއާ އެކު މަޝްވަރާތަކެއް ކުރި އެވެ.

އެކަމަކު ވަކި ހިސާބަކުން އެ މަޝްވަރާތައް މަޑުޖެހުނީ އެވެ. މީގެ ހަފުތާއެއްހާ ދުވަސްކުރިން އެއް ކެންޑިޑޭޓަކު ނެރުމަށް ގާސިމް ވަނީ ނަޝީދު އާއި ނާޒިމްއާ އެކު ބައްދަލުވުމެއް ބާއްވަވައިފަ އެވެ. އެކަމަކު އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްނުވެވި އެމްއެންޕީން ވާދަކުރަނީ ވަކިންނެވެ. ޑިމޮކްރެޓްސް އިން ވެސް ވަކިން ވާދަކުރަން އަންނަނީ ކެމްޕޭންކުރަމުންނެވެ.

ސަރުކާރު ކޯލިޝަންގައި ޖޭޕީ އޮވެ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމި ނަމަވެސް ކޯލިޝަން އުވައެއްނުލަ އެވެ. އެ ޕާޓީގެ ވަޒީރުންނާއި އިސް ބޭފުޅުން ސަރުކާރުގެ މަގާމްތަކުގައި އަދިވެސް ދެމިއެބަތިއްބެވި އެވެ.

އެހެން އިންތިހާބުތަކުގައި ޖޭޕީ ނުކުންނަ ފޯރީގައި މި އިންތިހާބުގެ ކެމްޕޭން އަދި ނުފަށާއިރު ގާސިމް މިދިޔަ އާދީއްތަދުވަހުގެ ރޭ ވީޓީވީގައި ވާހަކަ ދައްކަވަމުން އެ ޕާޓީއަށް އިންތިހާބުތަކުގައި ކުރިމަތިވި ހިތި ތަޖުރިބާތައް ހިއްސާކުރެއްވި އެވެ.

ގާސިމް ވިދާޅުވީ ހުރިހާ ޕާޓީތަކެއް ވެސް ބޮޑުވަނީ ޖޭޕީގެ ސަބަބުން ކަމަށެވެ. ފުރަތަމަ ބުރުގައި 25 ޕަސެންޓް ލިބޭ ޕާޓީތަކަށް ދެ ވަނަ ބުރުގައި އިންތިހާބު ކާމިޔާބުވަނީ ޖޭޕީގެ ނުފޫޒާއި ބާރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޕާޓީއާ އެކު ކޯލިޝަން ހަދައިގެން އެމްޑީޕީއަށް ދެ ފަހަރު، ޕީޕީއެމަށް އެއްފަހަރު ވެރިކަން ހޯދައިދިން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަހަރުގެ އިންތިހާބުގައި އޭނާ ތަޖުރިބާ ނުކުރަންވީ ސަބަބެއް ނެތެވެ.