މަޝްހޫރު ތަރިންގެ ފަހަތުން މާނޭ ވެސް ސައުދީ ލީގަށް
މަޝްހޫރު ތަރިންގެ ފަހަތުން މާނޭ ވެސް ސައުދީ ލީގަށް

ރިޔާޒް (އޮގަސްޓް 02) - ބެޔާން މިއުނިކްގައި ހުރި ސެނެގޯލްގެ ކެޕްޓަން ސަޑިއޯ މާނޭ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ރަސްމީކޮށް ބަދަލުވެއްޖެ އެވެ.

ހަތަރު އަހަރުގެ އެއްބަސްވުމެއްގައި މާނޭ، 31، އަލް ނަސްރަށް ބަދަލުވީ 45 މިލިއަން ޑޮލަރަށެވެ. ކުރިން ލިވަޕޫލްގައި މޮޅު ކުޅުމެއް ދެއްކި މާނޭ ބެޔާން މިއުނިކަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ލިވަޕޫލުން ބެޔާން އަށް މާނޭ ވިއްކާލީ 35 މިލިއަން ޑޮލަރަށެވެ.

ބެޔާންގެ ސީއީއޯ ޔަން-ކްރިސްޓިއަން ޑްރީސެން ވިދާޅުވީ ބެޔާންގައި މާނޭ ހޭދަކުރީ އުނދަގޫ އަހަރެއް ކަމަށެވެ.

"މާނޭ ވެސް އުއްމީދުކުރި ގޮތަށް ޓީމަށް އެންމެ އެކަށީގެންވާ ގޮތުގައި އެހީތެރިކަމެއް ފޯރުކޮށް ނުދެވުން. މާނޭ މި ކްލަބުގައި ހޭދަކުރި އުނދަގޫ އަހަރެއް" މާނޭގެ ޓްރާންސްފާއާ ގުޅޭގޮތުން ބެޔާންގެ ސީއީއޯ ވިދާޅުވި އެވެ.

ބެޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މާނޭ ވިއްކާލީ ކްލަބާއި ކުޅުންތެރިޔާ އަށް ވެސް އެންމެ ރަނގަޅު ގޮތަށް ވާތީ ކަމަށެވެ.

"މާނޭއާ އަހަރެންނާ ދެމެދު އޮންނާނީ އެކުވެރި ގުޅުމެއް. ބައެއް ފަހަރު ކުޅުންތެރިޔާ އުއްމީދުކުރާ ގޮތަށް ކަންކަން ނުގޮސްފާނެ. ބެޔާން ދޫކޮށްލުމަކީ މާނޭ އަށް އެންމެ ރަނގަޅު ގޮތް" ޓުޗެލް ބުންޏެވެ.

ބެޔާންގައި ހޭދަކުރި ސީޒަނުގައި މާނޭ ވަނީ 38 މެޗުގައި 12 ގޯލު ޖަހައިފަ އެވެ. ސީޒަނުގެ ކުރީކޮޅު މާނޭގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް ފަހުން އެޓީމުގެ ފުރަތަމަ އެގާރައިން ވެސް އޭނާ އަށް ފުރުސަތު ގެއްލުނެވެ.

މާނޭއާ އެކު އާ ސީޒަނަށް އަލް ނަސްރު ނުކުންނާނީ ވަރުގަދަކޮށެވެ. އެޓީމުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހުރިއިރު، މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ކްރޮއޭޝިއާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗާއި ބްރެޒިލްގެ ޑިފެންޑަރު އަލެކްސް ޓެލެސް އަދި އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ސެކޯ ފޮފާނާ އެޓީމަށް ވަނީ ގެނެސްފަ އެވެ.