ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން ޓުވިޓާގައި އީވާއަށް ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި
ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން ޓުވިޓާގައި އީވާއަށް ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ދަރިފުޅުގެ ފޮޓޯ ޓުވިޓާގައި ބޭނުންކޮށް، އީވާއަށް ބިރުދެއްކި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ބުނީ އީވާ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

"މިރޭ 10:34 ހާއިރު ކޯޓު އަމުރެއްގެ ދަށުން ތުހުމަތު ކުރެވޭ މީހަކު ވަނީ ހައްޔަރުކޮށްފައި،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

ދަރިފުޅުގެ ފޮޓޯ ބޭނުންކޮށް ބިރު ދައްކާ މައްސަލާގައި އީވާ ކުރެއްވި ޓްވީޓުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަރިހުން އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން އީވާއަށް ބިރު ދެއްކި ކަމަށް ބުނާ މީހާއަކީ ޓްވިޓާގައި ފޭކް އެކައުންޓެއް ހަދައިގެން އުޅުނު މީހެކެވެ. އެ އެކައުންޓުން އީވާއަށް ނިސްބަތްކޮށް އެކި ވާހަކަތައް އޭނާ ފަތުރަމުންދިޔަ އެވެ.