ޖަދަލު
ޖަދަލު

އާދިއްތަ ދުވަހާ ގުޅޭ

"މިހާރު ދެން ތި ގޮތަށް އަހަރެން ކުރިމައްޗަށް އައީމަ އަހާލަން ބޭނުން، ކީއްވެ އެހެން ހެދީ؟" ފައިސަލް ޝަކުވާކުރިއެެވެ.

"އެއީ އެންމެ ތޭވީސް ގަޑިއިރުގެ ކައިވެންޏެއް،" ރިންދާ ބުންޏެވެ. "ލޮލުން ނުދެކޭ ހަސްބަންޑެއް. އަހަންނަށް އެ ވާހަކަ މުހިންމެއް ނޫން. އެ ދުވަސް ވެސް މުހިންމެއް ނޫން. އެހެންވެ އެ ވާހަކަ ނުދެއްކީ. އަހަންނަކަށް ނޭނގެ ފައިސަލަށް އެ ކަން، ތިހާ މުހިންމުވެގެން ތި އުޅެނީ ކީއްވެގެން ކަމެއް."

"ޓްވެންޓީ ތްރީ އަވަރސް؟ ކޮބާ އޭގެ މާނައަކީ؟" ފައިސަލް ސުވާލުކުރިއެވެ.

"އެއީ ބައްޕަ ހެދި ޑީލެއް،" ފެންކަޅިވެފައިވާ ރިންދާ އިސްޖަހައިލަމުން ބުންޏެވެ. "ބައްޕަ އެ މީހާއަށް ދައްކަން އޮތް ލޯނެއްގެ ބަދަލުގަ އަހަރެން ވިއްކާލީ! ނީންނާނަމޭ ދިމާލަށް ބުނިން! ގަދަ ވެސް ހެދިން! އެކަމަކު ދަމާ ގެނެސް ގޮނޑީގަ ބޭންދީމަ ރޮއިރޮއި އިނީ. އެ ނޫން އެއްވެސް ކަމެއް ނުކުރަން. އަހަންނަކަށް ނޭނގެ ފިރިމީހާ ހުރި ސިފައެއް ވެސް. ބައްޕަ ހީކުރީކަން ނޭނގެ މެރީކުރުވީމަ ދެން ހުރިހާ ކަމެއް ހަމަޖެހޭނޭ! ނުޖެހުނު! އަހަރެން ރުއްސަން ތޭވީސް ގަޑިއިރު އެ މީހުން މަސައްކަތްކުރި. އެންމެ ފަހުން ފޫހިވެގެން ހަސްބަންޑަށް މަޖުބޫރުވީ އަހަރެން ޑިވޯސްކުރަން. ބައްޕަ ބުނި މަންމަޔޯ އަހަންނަށް ހިތްވަރުދިނީ. އެ ކަމާ ރުޅިއައިސްގެންކަމަށް ހަދާފަ މަންމަ ޑިވޯސްކޮށްފަ ބައްޕަ ދިޔައީ ވެސް. އެކަމަކު އެއީ ހަމަ އެކްސްގިއުޒެއް. ބައްޕަ ބޭނުންވީ އެހެން މީހަކާ މެރީކުރަން. މަންމައަށް ވެސް އެނގޭ އެ ކަން."

އެ ވާހަކަތައް އަޑުއަހާކަށް ފައިސަލަކަށް ފަސޭހައެއް ނުވިއެވެ. ހިތުގައި ހަމުދަރުދީ އުފެދުނު ވެސް މެއެވެ. އެކަމަކު ހަނދާންވީ އާމިރާއެވެ. ފައިސަލް ހިތަށްއެރިއެވެ. ދިފާއުގައި ވާހަކަދައްކަން ރިންދާއަށް ދެވުނު ކަހަލަ ފުރުސަތެއް އާމިރާއަށް ނުދެވުނީ ކީއްވެގެންހެއްޔެވެ؟ ދެވުނު ނަމަ، ގާތުގައި އަދި ވެސް އިނީހީ އާމިރާއެވެ. ޒިޔާންގެ މަންމައެވެ. ކައިވެނިކުރަންވެގެން ފައިސަލް އުޅުނު އިރު، ކައިވެނި ނުކުރެވިއްޖެއްޔާ އަހަރެން ދިރިހުންނާނީ ކިހިނެއްހޭ ހިތަށްއެރި، ލޯބިވާ އާމިރާއެވެ. ހަޔާތުގެ އެތަކެއް ސަފުހާއެއްގައި ރީތި ކުލަތައް ޖައްސައިދިން ހަޔާތުގެ ބައިވެރިޔާއެވެ.

"އެ ދުވަހު އަހަރެން ވަރަށް ރުއިން،" ރިންދާ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "ހިތަކަށްނާރާ އެތައް އަހަރެއް ފަހުން، އަނެއްކާ ވެސް ހަމަ އެ ރުއިން ރޯންޖެހޭނެއެކޭ. އެކަމަކު ކީއްކުރާނީ؟ އެންމެ އުފާވި ދުވަހު އަނެއްކާ ވެސް..." އެ ހިސާބަށް ބުނެފައި ރިންދާ ހުއްޓައިލިއެވެ.

ފައިސަލް އިތުރު އެއްޗެއް ނުބުނެއެވެ. ރިންދާ ކުއްލިއަކަށް ތެދުވެފައި، ނުކުންނަން ހިނގައިގަތެވެ. ހަގީގަތުގައި އެއީ ރިންދާ ބޭނުންކުރި އުކުޅެކެވެ. ފައިސަލްގެ ހަމުދަރުދީ އިތުރުކުރުމަށް ޓަކައެވެ. ރިންދާ ދޮރު ހުޅުވައިލައިފައި، ފެންކަޅިވެފައި ފައިސަލަށް ބަލައިލިއެވެ. އެހެނަސް އޭރު ފައިސަލް ވެސް އިނީ އިސްޖަހައިލައިގެންނެވެ. ފައިސަލަކަށް ރިންދާގެ މޫނެއް ނުފެނެއެވެ. އެ ވަގުތު، ވަރަށް ދުރުން އިވުނު ގުގުރިއެއްގެ އަޑު މާހައުލުގެ ތެރެއަށް އޮބިގެންދިޔައެވެ. ވާރޭ އިހުނަށް ވުރެ ބޯކޮށްލިއެވެ. ދޮރު ހުޅުވި އަޑުއިވިފައި، ލެއްޕި އަޑު ނީވުމުން ފައިސަލް ބަލައިލިއެވެ. ރިންދާ ދޮރު ލައްޕައިލިއެވެ. އެތެރޭގައި ހުރެފައެވެ.

ގަޑިން ރޭގަނޑު އެގާރަގަޑި ބައިވަނީއެވެ. ޒިޔާން އޮތީ ނިދައިފައެވެ. އެނދުގެ ބޯލާކޮޅު ފަޑީގައި ބާލީސް ލައްކޮށްލައިގެން، ލެނގިލައިގެން ރިންދާ އިނެވެ. ގިނަ އިރު ރުއިމުގެ ސަބަބުން ރިންދާގެ ލޯ ހުރީ ރަތްވެފައެވެ. ޒިޔާނަށް ބަލައިލާފައި، ޒިޔާންގެ ބޮލުގައި ފިރުމައިލައިފައި މަޑުމަޑުން ރިންދާ ތެދުވިއެވެ. ކޮޓަރިން ނުކުތް އިރު ބެލްކަނީގައި ދެ ގޮނޑި ބަހައްޓައިގެން ރިންދާގެ އިންތިޒާރުގައި ފައިސަލް އިނެވެ. އޭރު ވެހެނީ މޮޔައިން ތެންމާ ވާރެއެވެ. ދެގޮނޑި ކައިރީގައި ހުރި ކޮފީމޭޒު މަތީގައި ދެ ތަށި ކޮފީ ހުއްޓެވެ. ވާރޭވެހޭ ގިނަ ރޭރޭ ފައިސަލް އިންނަނީ އެ ތަނުގައެވެ. ތަފާތަކީ ދެވަނަ ގޮނޑީގައި އާމިރާ އިންނަކަމެވެ. އާމިރާގެ ގޮނޑީގައި ރިންދާ އިށީނެވެ. އާމިރާގެ ޖާގަ ރިންދާ ކަށަވަރުކުރި ކަހަލައެވެ. ފައިސަލް ކޮފީތަށި ދިއްކޮށްލިއެވެ. ނޭނގި ނަމަވެސް ފައިސަލަށް، އަނެއްކާ ވެސް އާކުރެވުނީ އާމިރާގެ ހަނދާނެކެވެ.

"މިހާރު އޯކޭ؟" ފައިސަލް އެހިއެވެ.

ރިންދާ ކޮފީފޮދެއް ބޯލާފައި ބޯޖަހައިލިއެވެ. ރިންދާ ހީކުރީ ރިންދާ ކާންއެޅި މަޅީގައި ފައިސަލް ހައްޔަރުވެއްޖެކަމަށެވެ.

"އަދިވެސް ރިޕީޓްކޮށްލާނަން. ވަރަށް ބޮޑަށް ސޮރީ!" ފައިސަލް އެހެން ބުނުމުން، ޝުކުރުވެރި ގޮތަކަށް ރިންދާ ހިނިތުންވެލިއެވެ. "ޒިޔާންގެ މަންމަ ދިޔަ ފަހުން، އެހާ ހަމަޖެހިލައިގެން އޭނަ ނިދި ފުރަތަމަ ރޭކަން ނޭނގެ މީ. އަހަރެން އަބަދު ވެސް ބޭނުން ޒިޔާން ހެޕީކޮށް އުޅެން. އޭނައަށް ރަނގަޅު ފިއުޗާއެއް ލިބެން އަބަދު ވެސް ބޭނުން."

"ފައިސަލް ވަރަށް ދުރަށް ޕްލޭންކުރަންތަ؟" ރިންދާ އެހިއެވެ.

"މަސައްކަތް އެބަ ކުރަން ތިކަން ކުރެވޭތޯ. އެކަމަކު.." ފައިސަލް އެ ހިސާބަށް ހުއްޓައިލިއެވެ.

"އެކަމަކު؟" ރިންދާ ބުންޏެވެ.

ފައިސަލް ފުން ނޭވައެއް ބޭރުކޮށްލިއެވެ. ހިޔާލު ދިޔައީ މުޅީން އެހެން ދިމާއަކަށެވެ.

"މިސާލަކަށް ބަލަމާ މިހާރު ގަދަ ތިނަކަށް ހޮވިގެން އެ އުޅޭ އަހަރުމެންގެ ޑިޒައިން." ފައިސަލް ބުންޏެވެ.

"ކޮން ޑިޒައިނެއް؟" ރިންދާ އެހިއެވެ.

"ސިޓީ ޝޮޕިން މޯލް،" ފައިސަލް ޖަވާބުދިނެވެ. "އެއްވަނައަށް އެ ހޮވިއްޖެއްޔާ އަހަރެންގެ ވަރަށް ބޮޑު އުންމީދެއް އެ ފުރިހަމަވީ. އަހަރެންގެ ކުންފުނި މަޝްހޫރުވާނެ. ޑީލްތައް ލިބޭނެ. އިންކަމް އެތައް ގުނައަކަށް އިތުރުވާނެ. ސިންގަޕޫރު ކީއްކުރަން އެމެރިކާގަ ޒިޔާން ބަހައްޓައިގެން ކިޔަވައިދޭކަށް ވެސް އަހަންނަކަށް ނުވާނެ އެއްވެސް އުނދަގުލެއް. އަހަރެންގެ މުޅި ލައިފް އެއަށް ފޯކަސްކޮށްގެން މިއުޅެނީ. ހުރިހާ ޓައިމެއް ދިނީ އެ ޑްރީމަށް."

"ވަރަށް ޕާސަނަލް ވާހަކައެއް އަހަންތަ؟" ވިސްނައިލާފައި ރިންދާ އެހެން އެހުމުން ފައިސަލް ބޯޖަހައިލިއެވެ. "ފައިސަލްގެ ވައިފް ދިޔައީ ހަމަ ޓައިމް ނުދެވިގެން އެކަނިތަ؟ އެއީތަ ހަގީގަތަކީ؟"

"ޔަގީނުން ވެސް އެއީ ފުލޯކެއް ނޫން! މި ބުނީނު! އަހަރެންގެ ހުރިހާ ފޯކަސްއެއް ހުރީ އަހަރެންގެ ޕްރޮޖެކްޓަށް. އިންކަމް ހޯދަން ހެސްކިޔާފަ މަސައްކަތްކުރަމުން، އެބުނާ ވަރަށް ޓައިމް ބާކީ ކުރާނީ ކިހިނެއް؟ އެންމެ ރަނގަޅު. ރިންދާ އެ މައްސަލަޖައްސާނަންތަ؟ އެ ޝަކުވާ ކުރާނަންތަ؟"

ރިންދާ ހިތަށްއެރިއެވެ. އާނއެކެވެ. އާމިރާއަށް ހެދި ގޮތް އަހަންނަކަށް ނެހެދޭނެއެވެ. ވިޔަފާރިއަކީ ފައިސަލްގެ އަންބަކަށް ހެދިޔަކަ ނުވެސް ދޭނަމެވެ. ދެއަންބަށް އިނުމަކީ، ދުވަހަކު ވެސް ރިންދާ ކުރާނެކަމެއް ނޫނެވެ.

"ބިޒީކޮށް އުޅޭ، ތި ކަހަލަ މީހުނާ އިނދެގެން އުޅެވޭނީ ވަރަށް، ވަރަށް އަންޑަރސްޓޭންޑުވެގެން،" ރިންދާ ދިނީ ފައިސަލް އަހަން ބޭނުންވާ ޖަވާބެވެ. "އަހަރެން އަންޑަސްޓޭންޑުވާނެ. ވިސްނެންޖެހޭނެ ދޯ ފައިސަލް މަސައްކަތްކުރަނީ މުޅި ފެމެލީއަށްޓަކާކަން. ވައިފް ވާންޖެހޭނީ ހަސްބަންޑްގެ ސަޕޯޓަކަށް. ހެޑޭކަކަށް ނޫން! ބުނެއެއްނު! ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގަ އަންހެނެއް ހުންނާނޭ! އެއީ ކިހާ ބޮޑު ތެދެއްކަން އަހަރެން ސާބިތުކޮށްދޭނަން."

ރިންދާ ދެއްކި ހުރިހައި ވާހަކައެއް ދެއްކީ އޭގެ ވަށައިގެން ރޭނދާއަޅައިފައެވެ. ހަގީގަތަށް ވާހަކަދެއްކުމުގައި ބަދަލުގައި އެ ވަގުތު ރިންދާ ސަމާލުކަންދިނީ ލަނޑުދަނޑި ހާސިލުކުރާށެވެ. ފައިސަލް އިނީ އެ ވާހަކަތަކަށް ގެއްލިފައެވެ. އިތުބާރުގެ ހިމަފޮދުވާރެއިން ފައިސަލްގެ ހިތް ތެމެމުން ފޯވަމުންދިޔައެވެ. ފައިސަލް ހިތަށްއެރިއެވެ. ރިންދާހާ ދުރުވިސްނޭ، އޯގާވެރި، ލޯބިވާ އެހެން އަންހެނެއް ފައިސަލަށް ލިބިދާނެބާއެވެ؟ އެ ފަދަ އަންހެނުންނަކީ ތަދު ބައެކެވެ.

"އާމިރާ ވެސް ތިހާ އަންޑަސްޓޭންޑުވި ނަމަ.." ނުބުނަން އިންދައި ފައިސަލަށް ބުނެވުނެވެ.

"އޭރުން އަހަރެންގެ ޗާންސް ކެޓީނު." ރިންދާ ސަމާސާކޮށްލިއެވެ.

ދެމީހުން އެކުގައި ހީނގަތެވެ. އޭރު، އެއްކޮށް ކަހަލަ ގޮތަކަށް ވާރޭ ހުއްޓައިލައިފިއެވެ. ވަރަށް ގަދަޔަށް ވިދަން ފެށިއެވެ. ގުގުރީގެ އަޑެއް ނީވެއެވެ.

"ނޫނޭ ސީރިޔަސްކޮށް،" ފައިސަލް ބުންޏެވެ. "އަހަރެންގެ ވެސް އެބަ ހުރި ދޯ މައްސަލަ. ކޮންމެ މީހެއްގެ ވެސް ހުންނާނެ. ރަނގަޅުކުރަން މަސައްކަތް ވެސް އެބަ ކުރަން."

"ރަނގަޅު ކުރެވޭނެ؟" ރިންދާ އެހިއެވެ.

"ޕްރޮމިސްއެއް ނުކުރާނަން. އަހަރެން ރިންދާ އެކްސެޕްޓު މި ކުރަނީ ރިންދާގެ ގޮތުގަ. ރިންދާ ވެސް ހަމަ އެހެން ހަދަންޖެހޭނީ. ކަންކަން ރަނގަޅުކުރަން ޓައިމް ނަގާނެ. އެ އަންޑަސްޓޭންޑިން ޖެހޭނެ އޮންނަން." ފައިސަލްގެ އެދުމަކީ އެއީއެވެ.

"ގަބޫލުކުރަން،" ރިންދާ ބުންޏެވެ. "އެކަމަކު، ގަބޫލުނުކުރެވޭ ކަމެއް އަހަރެން ބުނަން؟ ކަންކަން ސިއްރުކުރުން. މަށަށް އެނގެންޖެހޭނެހެން ފައިސަލަށް ހީވާ ކަމެއް، ފައިސަލް ނުވާނެ އަހަންނަށް ސިއްރުކޮށްގެނެއް. އެއް ކަމެއް އަބަދާއަބަދު ހަނދާންކޮށްދޭން ޖެހިގެން ނުވާނެ. ބުނޭ އާނއެކޭ!"

"ރިންދާ ވެސް ތި ކަމަށް އެއްބަސްވޭ!" ފައިސަލްގެ ޝަރުތަކީ ވެސް އެއީއެވެ.

ފަރުބަދައަކުން ވެއްޓުނު ގާކޮޅެއް ފުރޮޅެމުން ފައިސަލާ ދިމާއަށް އަންނަ ދުވެލީގައި ރިންދާގެ ކައިވެނި ކައިރިވަމުންއައެވެ. މުހިންމު އެއް ސުވާލު އޭރު ވެސް ފައިސަލަށް ނޭހެއެވެ. އާމިރާ ވަރިކުރަން ޖެހޭނެހެއްޔެވެ؟ ދެއަންބަށް ރިންދާ އެއްބަސްވިޔަސް ފައިސަލަށް ދެއަނބިން ގެންގުޅެވޭނެހެއްޔެވެ؟ ފޯނުގައި އޮތް އާމިރާގެ ފޮޓޯއަކަށް ބަލަހައްޓައިގެން، އޮފީހުގެ ގޮނޑީގައި ލެނގިލައިގެން ފައިސަލް އިނެވެ. އާމިރާއަކީ ރީތި އަންހެނެކެވެ. ލޯބިން ހިނިތުންވެލާ ފަހަރު އެ ހިނިތުންވުމުން ފައިސަލްގެ ދެފައިން ވާގި ހުސްކޮށްލައެވެ. ބައެއް ފަހަރު ފައިސަލް ހިތަށްއަރައެވެ. މައްސަލައަކީ އާމިރާއެއް ނޫނެވެ. ފައިސަލްއެވެ.

"މާޒީވެދިޔަހާ ތަނުން، ބޯހިތްވަނީ ސަރުބަތޭ.." ސިރާޖުގެ ލަވަ އިވުނެވެ.

ފައިސަލް އަވަސްއަވަހަށް އާމިރާގެ ފޮޓޯ ބަދަލުކޮށްލިއެވެ.

"ފޮޓޯ ފޮރުވާހާ ފަސޭހައިން ހަގީގަތް ވެސް ފޮރުވޭ ނަމަ ކޮން ފަދަ ދޯ؟" ސިރާޖު ސަމާސާކޮށްލިއެވެ. "ދެން ބުނޭ އެއީ އާމިރާއެއް ނޫނޭ އައިޝް ވާރިޔާއޭ!"

"ކަލޭ މި ތާ އިށީނދެބަލަަ!" ކުރިމަތީގައި ހުރި ގޮނޑި ދައްކާފައި ފައިސަލް އެހެން ބުނުމުން ސިރާޖު އިށީނެވެ. "އަޑުއަހައްޗޭ! ރިންދާއަކީ އަހަރެންގެ ޑްރީމްގާރލް! އެއްވެސް ޑައުޓެއް ނެތް. ނިތްކުރިން ބޮޑުވާއިނގިއްޔާ ހަމައަށް އެހެރީ ހަމަ އަހަރެން ބޭނުންވި ޕެކޭޖު. އެކަމަކު.. އެކަމަކު ޒިޔާންގެ މަންމައަކީ އާމިރާ! އަހަރެންގެ ހިތް ބުނަނީ، އާމިރާއަށް ވަން ލާސްޓް ޗާންސް ދޭންޖެހެޔޭ! ތީ އަހަރެންގެ މުޝީރު. ކީކޭ ބުނަނީ؟ ނުވިސްނާ، ހިތުގަ އޮތް ގޮތަށް ބުނެބަލަ!"

"ހިނގާ އާމިރާ ބަލާ ދާން!" ސިރާޖު ބުންޏެވެ.

ނުނިމޭ