01 އޯގަސްޓް 2023 - 16:43

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމިޔަސް މެންބަރުން މާޔޫސް ނުވާން ޕީޕީއެމް/ޕީއެންސީ އާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އެދިވަޑައިގެންފި އެވެ.
ޔާމީންގެ ފޯމު އީސީ އަށް ބަލައިނުގަތް ސަބަބަކީ އެ ކޮމިޝަނުން ބުނި ގޮތުގައި، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އައިސްފައި ވުމެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ކޮމިޝަނުން ނިންމީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އައިސްފައި ވުމާ އެކު، ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ގާނޫނުއަސާސީގައި ރައިސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ޔާމީންގެ އުނިވެފައިވާ ކަމަށް އީސީން ނިންމުމާ ގުޅިގެން ޕީޕީއެމްގެ ސެނެޓް ގްރޫޕަށް އަދުރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ލިބިވަޑައިގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އެއްވެސް ބޭފުޅަކު އަދި މާޔޫސް ވެވަޑައިނުގަންނަވާތި ... އެންމެން އެކަތިގަނޑެއްގެ ގޮތުގައި ރައީސް ޔާމީންއާ އެކު ސާބިތުވެ ތިބެންވީ. އޭރުން ކާމިޔާބު ވާނެ،" އަދުރޭ ވިދާޅުވި އެވެ.
ޔާމީންގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވެސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީސީ ސަރުކާރުގެ ނުފޫޒެއްގައި ތާށިވެފައިވާ ކަމަށެވެ.
ގާނޫނުގައި ބުނާ ގޮތަށް، ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ކެންޑިޑެސީ އާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއްޖެ ނަމަ ހަތް ދުވަސް ތެރޭގައި އެ ކޯޓުން ގޮތެއް ނިންމަން ޖެހޭނެ އެވެ.
އީސީން ރިޔާސީ އިންތިހާބަށް ހުޅުވާލާފައިވާ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެ އެވެ.