ރައީސަށް އިންތިހާބު ކާމިޔާބެއް ނުވާނެ، އަޅުގަނޑުގެ ނަމުގައި ފެތުރީ ދޮގެއް: ނަޝީދު
ރައީސަށް އިންތިހާބު ކާމިޔާބެއް ނުވާނެ، އަޅުގަނޑުގެ ނަމުގައި ފެތުރީ ދޮގެއް: ނަޝީދު

ކުރިޔަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވައިފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތް ނިމިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ބުނެ ފެތުރީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސް ބައިބައި ވެއްޖެ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ވެދާނެ ކަމަށާއި އެކަން އެގޮތަށް ވެއްޖެ ނަމަ އެއީ ނަޝީދުގެ ސިޔާސީ ހަޔާތުގެ ފަހު ދުވަސް ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ބުނާ މެސެޖެއް ވަނީ މިއަދު ދައުރުވެފަ އެވެ. ޑިމޮކްރެޓްސްގެ މެމްބަރުން ތިއްބަވާ ގްރޫޕަކަށް ފޮނުވި ކަމަށް ފެތުރި މި މެސެޖް ނޫސްތަކުން ރިޕޯޓްކުރުމާ އެކު އެ ޕާޓީން ވަނީ ދޮގުކޮށްފަ އެވެ.

އެކަމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ނަމުގައި ފެތުރީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެ ބާވަތުގެ އެއްވެސް ވާހަކައެއް ދައްކަވައި މެސެޖް ނުފޮނުއްވާ އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި، އެ މެސެޖް މީޑިއާތަކަށް ފޮނުވައި ފެތުރީ ރައީސް އޮފީހެވެ.

"ރައީސް ސޯލިހަށް މި އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ އަދި އަޅުގަނޑުގެ ސިޔާސީ ހަޔާތް ބިނާ ކުރަނީ ރައީސް ސޯލިހު އާ ގުޅިގެން ނޫން،" ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ކެމްޕޭނަށް މި ފަހުން، ނަޝީދު އައްޑުއަށް ވަޑައިގެން ވެސް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި އިންތިހާބުން ލިބިވަޑައިގަންނަވާނީ ލަދުގަންނަން ޖެހޭ އަދަދުގެ ވޯޓެވެ.