02 ފެބުރުއަރީ 2017 - 06:46

ޕޮޕް ލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަންގެ އަންހެން ދަރިފުޅު ޕެރިސް ޖެކްސަން ޓީވީ ސިލްސިލާއަކާ އެކު، އެކްޓިންގެ ތެރެއަށް ވަންނަން ނިންމައިފި އެވެ.
،އޭނާ މުހިއްމު ރޯލެއް ކުޅޭ ޓީވީ ޝޯއަކީ ފޮކްސް އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދައްކަން ފެށި ޑްރާމާ ސިލްސިލާ "ސްޓާ" އެވެ.
އަންހެން ތިން މެމްބަރުން ހިމެނޭ ބޭންޑެއްގެ ވަށައިގެން އެނބުރޭ ހާދިސާތަކެއް ދައްކުވައިދޭ "ސްޓާ" ގައި ޕެރިސް، ފެނިގެން ދާނީ ވަރަށް ނުފޫޒް ގަދަ ސޯޝަލް މީޑިއާ ގުރޫއެއްގެ ގޮތުގަ އެވެ. އޭނާގެ ކެރެކްޓާގެ ނަމަކީ ރެޗެލް ވެސްލް އެވެ.
"ސްޓާ" ގެ ކާސްޓުންގެ ތެރޭގައި ކުއީން ލަތީފާ، ޖޫޑް ޑެމޮރެސްޓް، ރަޔަން ޑެސްޓިބީ އަދި ބެންޖަމިން ބްރެޓް ފަދަ ތަރިން ހިމެނެ އެވެ.
މި ޑްރާމާ ބެލުންތެރިންނާ ހަމައަށް ގެނެސް ދެނީ ބެލުންތެރިންގެ ތެރޭގައި ވަރަށް މަގުބޫލު އެހެން ޑްރާމާއެއް ކަމަށްވާ "އެމްޕަޔާ" ވެސް ބެލުންތެރިންނަށް ގެނެސް ދީފައިވާ ލީ ޑެނިއަލްސް އާއި ޓޮމް ޑޮނަހީ އެވެ.
ލީ އިސްޓަގްރާމްގައި ޕެރިސްއާ އެކު ނަގާފައިވާ ފޮޓޯއެއް މީގެ ދުވަސްތަކެއް ކުރިން ޝެއާ ކުރުމުން، ގިނަ ބަޔަކު ކުރިން ވެސް އުންމީދުކޮށްގެން ތިބީ އެ ދެ މީހުން ޕްރޮޖެކްޓަކަށް ތައްޔާރު ވަނީ ކަމަށެވެ. އެ ފޮޓޯއާ އެކު ލީ ބުނެފައި ވަނީ "ޕެރިސް އެބަ އަންނަ" ކަމަށެވެ.
"ސްޓާ" އިން ޕެރިސް އެކްޓިން ދާއިރާ އަށް ފިޔަވަޅު އަޅާ އިރު، މި ޑްރާމާގެ ހާއްސަ ފެނިލުންތަކުން މަޝްހޫރު އެހެން ބައެއް މޫނުތައް ވެސް ފުރަތަމަ ސީޒަނުން ފެނިފައިވެ އެވެ.
އޭގެ ތެރޭގައި މަޝްހޫރު މޮޑެލް ނައޮމީ ކެމްޕްބެލް އާއި ޓައިރީޒް ގިބްސަން އަދި ލެނީ ކްރެވިޒް ހިމެނެ އެވެ.