ސިވިލް ސާވިސް އަށް މި އަހަރު އިސްލާހީ ބަދަލުތަކެއް އަންނާނެ: ޝަމީމް
ސިވިލް ސާވިސް އަށް މި އަހަރު އިސްލާހީ ބަދަލުތަކެއް އަންނާނެ: ޝަމީމް

ސިވިލް ސާވިސްގެ ހިދުމަތަށް މި އަހަރު އިސްލާހީ ބަދަލުތަކެއް އަންނާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް އަލީ ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ސީއެސްސީގެ ޓްރެއިނިން އިންސްޓިޓިއުޓްގެ ދިރާސީ އާ އަހަރު ފަށަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ މިނިސްޓްރީތަކުގެ ހިއުމަން ރިސޯސް އޮޑިޓެއް ހަދަމުން އަންނަ ކަމަށާއި އެ ރިޕޯޓަށް ފަހު ސިވިލް ސާވިސް އަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހި ސިވިލް ސާވިސް އަކީ މި ސަރަހައްދުގައި އެންމެ ކުރިއަރާފައިވާ އަދި ހިދުމަތްތެރި ތަނަކަށް ހެދުމަށް އެ ކޮމިޝަނާއި ހުރިހާ ސިވިލް ސާވެންޓުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖެ އަށް އަންނަ ތަރައްގީ އާއި ތަހުޒީބު ވަމުން އަންނަ މިންވަރާ އެއްވަރަކަށް، ސިވިލް ސާވެންޓުންގެ މަސައްކަތްތައް ކުރިއަރާތޯ ބަލަންޖެހޭ ކަމަަށާއި އެކަން ދެނެގަތުމަށް ސާވޭއެއް ކުރަން ފަށާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މަސައްކަތުގެ އަހުލާގާ އެކީ، އޮފީސް އަހުލާގުގެ ވާހަކަ ވެސް ދައްކަންޖެހޭ. ސަރުކާރުގެ އެދުމުގެ މަތިން މިހާރު ވަނީ ސިވިލް ސާވިސްގެ ހިދުމަތްތައް ތަރައްގީކޮށް ޒަމާނީ ކުރަން ވަަރަށް ބޮޑެތި މަސައްކަތްތަކެއް ފެށިފައި،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ ހިމެނޭ ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު، ދިވެހި ސިވިލް ސާވިސްގެ ހަރަދު ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ. އެ ގޮތުން، އާބާދީގެ ކޮންމެ 18 މީހަކަށް، ސިވިލް ސާވެންޓެއް އެބަހުރި ކަމަށް ޝަމީމް ވިދާޅުވި އެވެ.

ސިވިލް ސާވެންޓުންގެ ގޮތުގައި މިހާރު 24،000 އަ ށްވުރެ ގިނަ މީހުން މަސައްކަތް ކުރެ އެވެ.

ސިވިލް ސާވެންޓުންގެ މުސާރަ ކުޑަވުމުގެ މައްސަލަ އަށް އިޝާރާތް ކުރައްވައި ޝަމީމް ވިދާޅުވީ މުވައްޒަފުންނަށް ހިތްވަރު ދީ، މަސައްކަތަށް ޝައުގުވެރިވާނެ ގޮތަކަށް ކަންކަން ރާވަމުން އަންނަ ކަމަށެވެ. މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމެއް ނުލިބޭތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ސަރުކާރާ ގުޅިގެން އެކަން ކުރެވޭތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޭ ކޮމިޝަނުން ވެސް ދަނީ ދައުލަތުން މުސާރަ ދޭ މީހުންގެ މުސާރަތައް ހަމަޖައްސާފައިވާ ގޮތްތައް ދިރާސާކޮށް، ސިވިލް ސާވެންޓުންނަށާއި އަދި އެހެން މުވައްޒަފުންނަށް ވެސް އެންމެ ހެޔޮ ގޮތެއް ބަލަމުން. ގައުމު ކުރިއަރާ ދާ ގޮތް ބަލައި ނިސްބަތުން ކޮންކޮން މުސާރަތަކެއް، ކޮން އިނާޔަތްތަކެއް ދީގެންތޯ މުވައްޒަފުން ދެމި ތިބެނީ ބަލަމުން ދަނީ،" ޝަމީމް ވިދާޅުވި އެވެ.