01 އޯގަސްޓް 2023 - 10:49

ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ރޭ ވިދާޅުވެއްޖެ އެވެ.
އައްޑު އަށް ކުރެއްވި ކެމްޕޭން ދަތުރު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން އިލްޔާސް ނޫސްވެރިންނަށް ވިދާޅުވީ 2008 ވަނަ އަހަރު ނެގުނު ނިޒާމީ ވޯޓާ މެދު ގިނަ ރައްޔިތުން ޝައްކުގެ ނަޒަރަކުން ބަލައި، ނަތީޖާއާ މެދު އަދިވެސް ސުވާލު އުފައްދާ ކަމަށެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ފާއިތުވި 15 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ނިޒާމު މިހާރު އޮތް ގޮތާ މެދު ރައްޔިތުންގެ މެދުގައި އެކި ގޮތް ގޮތުން ބަހުސްކުރެވެމުންދެ އެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާ ނިޒާމު ކަނޑައެޅުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީން އޭނާ ދެއްވި އެވެ.
"ޑިމޮކްރެޓުންގެ ސަރުކާރެއްގައި އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް އެ ފުރުސަތު ހުޅުވައިދޭނަން، އެ ބޭފުޅުން ބޭނުންވަނީ ކިހިނެއްތޯ ދެނެގަތުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް. އެ ޖާގަ އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ގެންގޮސްދޭނަން،" އިލްޔާސް ވިދާޅުވި އެވެ.
ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޑިމޮކްރެޓްސް އުފެއްދުމުގެ ފަހަތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވަ އެވެ.
ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނަޝީދު ބާރުއަޅުއްވަމުން ގެންދެވިއިރު، އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކޮޅު ހެއްދެވުމަކީ ދެ ރައީސުންގެ މެދުގައި ޚިޔާލުތަފާތުވި މައިގަނޑު އެއް ސަބެބެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ، ކޯލިޝަން ސަރުކާރެއްގައި ނިޒާމީ ވޯޓެއް ނަގަން އެ ކޯލިޝަނުގައި ހިމެނޭ ސިޔާސީ ޕާޓީތައް އެކަމަށް އެއްބަސްވާންޖެހޭ ކަމަށެވެ. އެކަމަކު މި ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީތަކުން ވެސް ނިޒާމު ބަދަލުކުރަން ބޭނުންނުވާ އެކި ފަހަރުމަތިން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ގިނަ ރައްޔިތުން ވޯޓުދިނީ ރިޔާސީ ނިޒާމަށެވެ. އެއީ ސައްހަ 154،123 ވޯޓުގެ 62 ޕަސެންޓެވެ.
އެ ފަހަރު ބަރުލަމާނީ ނިޒާމަށް އެމްޑީޕީއިން ތާއީދުކުރި ނަމަވެސް، މިހާރު އެ ޕާޓީގެ ގިނަ އިސް ބޭފުޅުން ވަނީ ރިޔާސީ ނިޒާމު ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.