އުންމީދީ ސާފަރު ސައްޔިދު، ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދައިފި
އުންމީދީ ސާފަރު ސައްޔިދު، ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދައިފި

ތުލުސްދޫގައި ބޭއްވި ރަންދާ ރާޅުގަނޑު މުބާރާތުގެ 18 އަހަރުން ދަށުގެ ޖޫނިއާ ބައިން އުންމީދީ ރާޅާއެޅުންތެރިޔާ ސައްޔިދު ސަލާހުއްދީން ޗެމްޕިއަންކަން ހޯދައިފި އެވެ.

އުންމީދީ ސާފަރު ސައްޔިދު، ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދައިފި
އުންމީދީ ސާފަރު ސައްޔިދު، ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދައިފި

ސައްޔިދު ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި 12.50 ޕޮއިންޓް ހޯދައިގެން، 7.84 ޕޮއިންޓް ހޯދި ޔޫސުފް ކަޔާން ހަމްދާން ޒަކީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސެމީ ފައިނަލްގައި ސައްޔިދު ވަނީ 13.66 ޕޮއިންޓް ސްކޯ ކޮށްގެން، 6.33 ޕޮއިންޓް ހޯދި ކަޔާން އަބްދުﷲ އަރީފްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ކަޔާން ޒަކީ ސެމީ ފައިނަލްގެ ހީޓް ކާމިޔާބު ކުރީ ފަހު ވަގުތު އެޅި ރާޅަށް ފަސް ޕޮއިންޓް ހޯދައި، ޖުމްލަ 10.50 ޕޮއިންޓް ހަމަކޮށްގެންނެވެ. ކަޔާން ޒަކީއާ ވާދަކުރި މުހައްމަދު އިނާން އަބްދުލް ހަންނާނަށް ލިބުނީ 8.60 ޕޮއިންޓެވެ.

"ބޭނުންވި ގޮތަށް، ވަރަށް ކްލޯޒް ފްރެންޑަކާ އެއްކޮށް ފައިނަލްގަ އަޅާލައިފަ މި މޮޅުވެވުނީ،" ފައިނަލް ހީޓަށް ފަހު ސައްޔިދު ބުންޏެވެ.

މިއީ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބޭއްވި މުބާރާތަކުން ސައްޔިދު ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ އޭނާ ފައިނަލް ހީޓެއްގައި ވެސް ރާޅާއެޅި ފުރަތަމަ ފަހަރެވެ.

އުމުރުން 15 އަހަރުގެ ސައްޔިދު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަނީ ސީނިއާ ރާޅާއެޅުންތެރިން ވާދަކުރާ އޯޕަން ޑިވިޝަނުގަ އެވެ. އޯޕަން ޑިވިޝަނުގައި 16 އަހަރުން މަތީގެ ރާޅާއެޅުންތެރިންނަށް ވާދަކުރެވުނަސް، ސައްޔިދު އެ ޑިވިޝަނުގައި ވާދަކުރަނީ ޖޫނިއާ ގައުމީ ޓީމުގެ އެތުލީޓުންނަށް އެމްއެސްއޭ އިން ދޭ ވައިލްޑްކާޑް ސްލޮޓުގަ އެވެ.

މި އަހަރުގެ ސާފިން ލީގުގެ ދެވަނަ މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑުގެ އޯޕަން ބައިގައި އަހުމަދު އާގިލް (އަންމަޑޭ) އާ ދެކޮޅަށް ސެމީ ފައިނަލްގައި ވާދަ ކުރިއިރު، ކ. ހިންމަފުށީ ގާމާދޫކޮޅުގައި ކެޓީ ތިންވަނަ ބުރުންނެވެ. ނަމަވެސް ތުލުސްދޫގެ އޯޕަން ޑިވިޝަނުގައި އޭނާ ވަނީ ހުސެއިން އަރީފް (އިބޫ) އާ ދެކޮޅަށް ކުއާޓާ ފައިނަލްގައި ވާދަ ކޮށްފަ އެވެ.

އިސްކަންދަރު ސްކޫލުގައި ތައުލީމު ހާސިލް ކުރަމުން އަންނަ ސައްޔިދަށް، މިއަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޅެގަލެކޮޑާ ގައި ވާދަ ނުކުރެވުނީ އެ މުބާރާތް އޮތް ދުވަސްވަރު އިންޓަ ސްކޫލް ހޭންޑްބޯލް އަދި ބާސްކެޓްބޯލް މުބާރާތް އޮތުމުގެ ސަބަބުންނެވެ.

މިއަހަރުގެ މުލީކޮޅު ރާޅުގަނޑާއި ގާމާދޫކޮޅުގެ ޖޫނިއާ ބައިން ވެސް ސައްޔިދު ކެޓީ ކުއާޓާއާ ހަމައިންނެވެ.

ސާފް ލީގުގެ ފަހު މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖް" ގައި ޖޫނިއާ ޑިވިޝަން ނުބާއްވާ ގޮތަށް ކުރިން ހަމަޖެހުނަސް، އެމްއެސްއޭ އިން ވަނީ އެ މުބާރާތުގައި ވެސް ޖޫނިއާ ޑިވިޝަން ކުރިއަށް ގެންދަން ނިންމައިފަ އެވެ. އަދި ޖޫނިއާ ލީގު ޗެމްޕިއަން ހޮވަން ހަމަޖެހިފައި ވަނީ އެ މުބާރާތަށް ފަހު، އެންމެ ނަތީޖާ ރަނގަޅު ތިން މުބާރާތުގެ ޕޮއިންޓަށް ބަލައިގެން އެތުލީޓުން ރޭންކް ކުރެވިގެންނެވެ.