އިބޫ ނުހުއްޓުވުނު، ތުލުސްދޫ މުބާރާތުން ވެސް ޗެމްޕިއަން!
އިބޫ ނުހުއްޓުވުނު، ތުލުސްދޫ މުބާރާތުން ވެސް ޗެމްޕިއަން!

ތުލުސްދޫގައި އިއްޔެ ނިމުނު ދިވެހި ސާފް ލީގުގެ ހަތަރުވަނަ މުބާރާތް ކަމަށްވާ "ރަންދާ ރާޅުގަނޑު" މުބާރާތުގެ ޗެމްޕިއަންކަން ހުސެއިން އަރީފް (އިބޫ) ހޯދައިފި އެވެ.

އިބޫ ނުހުއްޓުވުނު، ތުލުސްދޫ މުބާރާތުން ވެސް ޗެމްޕިއަން!
އިބޫ ނުހުއްޓުވުނު، ތުލުސްދޫ މުބާރާތުން ވެސް ޗެމްޕިއަން!

މިއީ އިބޫ މިއަހަރުގެ ލީގުގައި ކާމިޔާބު ކުރި ދެވަނަ އިވެންޓެވެ. އޭނާ ވަނީ ޖޫން މަހު ކ. ހިންމަފުށީގައި ބޭއްވި "ގާމާދޫކޮޅު" ގައި ވެސް ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ ކުރިން މ. މުލީގައި ބޭއްވި "މުލީކޮޅު ރާޅުގަނޑު" ގެ ފައިނަލް ހީޓުގައި ވެސް އިބޫ ވާދަ ކުރި އެވެ.

ރަންދާ ރާޅުގަނޑުގައި އިބޫ ޗެމްޕިއަންކަން ހޯދީ، ތަޖުރިބާކާރު ރާޅާއެޅުންތެރިޔާ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އާ ވާދަކޮށް ޖުމްލަ 16.83 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ކުޑަ އިއްސެ ވަނީ އޭނާގެ ފުރަތަމަ ދެ ރާޅަށް ހަތް ޕޮއިންޓަކާއި ދެވަނަ ރާޅަށް އަށް ޕޮއިންޓް ހޯދައިގެން ޖުމްލަ 15 ޕޮއިންޓް އެއްކޮށްފަ އެވެ.

ފައިނަލް ހީޓުގައި އިބޫ އެޅި ތިންވަނަ ރާޅަށް 7.33 ޕޮއިންޓް ހޯދި އިރު، ލީޑު ނެގީ ނުވަވަނަ ރާޅަށް ހޯދި 9.50 ޕޮއިންޓާ އެކު އެވެ.

"އިއްސެއާ އެއްކޮށް ފައިނަލްގަ އަޅާލަން މި ލިބުނީ ވަރަށް ދުވަސް ކޮށްފައި، 2000 ގެ ކުރީކޮޅު އެންމެ ފަހުން އިއްސެ އާއެކު ފައިނަލްގަ އެޅީ. ހަނދާން ވަނީ އިއްސެއޭ އެ ފައިނަލް ގެންދިޔައީ،" ފައިނަލަށް ފަހު އިބޫ ބުންޏެވެ.

"އިއްސެ އަކީ އަބަދު ވެސް ވަރަށް ސްޓްރޯންގް ކޮމްޕެޓިޓާ އެއް، ވަރަށް ރީތިކޮށް ރާޅާއަޅާ. އަމުދުން ކޯކްސް (ރަންދާ ރާޅުގަނޑު) ގައި އޭނާ ވަރަށް ފަރިތަވާނެ."

މިއާ އެކު ލީގުގެ ފަހު އިވެންޓް ކަމަށްވާ "ރަންނަމާރި ޗެލެންޖް" އާ ކުރިމަތި ލާއިރު، މިއަހަރުގެ ލީގު ކާމިޔާބު ކުރުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ވެސް އިބޫ އަށެވެ. ފުރަތަމަ ހަތަރު މުބާރާތުގައި ރަޖިސްޓްރީ ވެގެން ވާދަ ކުރަން ޖެހޭއިރު، ރަންނަމާރި ޗެލެންޖަށް ޖެހޭނީ ކޮލިފައި ވާށެވެ.

ކޮލިފައިންގައި ބަލާނީ ހަތަރު އިވެންޓުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ތިން އިވެންޓުގެ ނަތީޖާ އަށެވެ. ހަތަރު އިވެންޓުގެ ތެރެއިން ދެ އިވެންޓު ކާމިޔާބުކޮށް، އެއް އިވެންޓުގެ ފައިނަލްގައި ވާދަ ކޮށްގެން އިބޫ އެއްވަނައިގައި އޮތީ ލީގުގައި 2860 ޕޮއިންޓް ހޯދައިގެންނެވެ.

އިބޫ ފައިނަލަށް ދަތުރު ކުރީ ސެމީގައި މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން، އަހުމަދު އާގިލް (އަންމަޑޭ) ބަލިކޮށްފަ އެވެ. މުލީކޮޅު ރާޅުގަނޑުގައި އިބޫ ބަލިވީ ވެސް އަންމަޑޭ އަތުންނެވެ. ސެމީ ފައިނަލް ހީޓުގައި އިބޫ އަށް 9.90 ޕޮއިންޓް ލިބުނުއިރު، އަންމަޑޭ އަށް ލިބުނީ 6.03 ޕޮއިންޓެވެ.

އިބޫ ވަނީ ކުއާޓާ ފައިނަލްގައި ޖުމްލަ 14.17 ޕޮއިންޓް ހޯދައިގެން ޖޫނިއާ ރާޅާއެޅުންތެރިޔާ ސައްޔިދު ސަލާހުއްދީން ބަލިކޮށްފަ އެވެ. ސައްޔިދަށް ލިބުނީ 7.77 ޕޮއިންޓެވެ. އަންމަޑޭ ސެމީ އަށް ދަތުރު ކުރީ ކުއާޓާގައި އޭނާގެ ބޭބެ ހަސަން ނާސިހު (ޗިކާ) ބަލިކޮށްފަ އެވެ. ކުއާޓާގެ ހީޓުގައި އަންމަޑޭ ޖުމްލަ 14.84 ޕޮއިންޓް ހޯދިއިރު، ޗިކާ އަށް ލިބުނީ 8.83 ޕޮއިންޓެވެ.

ކުޑަ އިއްސެ ވަނީ ސެމީގައި 13.66 ޕޮއިންޓް ހޯދައިގެން އިސްމާއިލް ރަޝީދު (ސްމައިލީ) ފަހަތަށް ޖައްސާލައިފަ އެވެ. ސްމައިލީ އަށް ސެމީގެ ހީޓުގައި ލިބުނީ ޖުމްލަ 8.84 ޕޮއިންޓެވެ.

ސްމައިލީ ސެމީ އަށް ދަތުރު ކުރީ ކުއާޓާގައި އޭނާއާ އެއް ރަށަކަށް ނިސްބަތްވާ ނަޖާހު އަހުމަދު (ކަބޯ) އާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ކުއާޓާގައި ސްމައިލީ އަށް 14 ޕޮއިންޓް ލިބުނުއިރު ކަބޯ އަށް ލިބުނީ 9.70 ޕޮއިންޓެވެ. ކުޑައިއްސެ ވަނީ ކުއާޓާގައި 12.33 ޕޮއިންޓް ހޯދައި، 8.53 ޕޮއިންޓް ލިބުނު މުހައްމަދު ޒަޔާން (ޗޮއްޕު) ގެ މައްޗަށް ކުރި ހޯދައިފަ އެވެ.