31 ޖެނުއަރީ 2017 - 14:00

ޕްރީމިއަމް ކާރު ގެނެސް، ފެންވަރު ރަނގަޅު ޓެކްސީގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލު ކުރި ނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގައި އެކަން ނުކުރެވުމުން އެގްރީމެންޓް ބާތިލްކޮށް، ޕްރީމިއަމް ޓެކްސީގެ ހިދުމަތް ދިނުމަށް އަލުން ހުޅުވާލައިފި އެވެ.
ޕްރީމިއަމް ޓެކްސީގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ އަހަރު ހުޅުވައިލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ އެމްޓީސީސީން އެކަންޏެވެ. އެހެންވެ، ޓެކްސީ އެތެރެކޮށް، ތިން މަހެއްގެ ތެރޭގައި ހިދުމަތް ފަށާނެ ކަމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ޕްރީމިއަމް ޓެކްސީގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކުރީ ވަކި މުއްދަތެއްގެ ތެރޭގައި އެ ހިދުމަތް ދޭން ފެށުމަށް ކަމަށާއި އެކަމަކު އެގޮތަށް އަމަލުކޮށްފައި ނުވާތީ އެ އެގްރީމަންޓް ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި ހިދުމަތް ދިނުމުގެ ފުރުސަތު އަލުން މިހާރު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރީމިއަމް ޓެކްސީގެ ހިދުމަތް ދެނީ ތިމާވެއްޓާ ރަހުމަތްތެރި ޒީރޯ އެމިޝަން ކާރުގަ އެވެ. އަދި ޓެކްސީން އަގު ނަގާނީ ދަތުރު ކުރާ ދުރުމިނަށް ބަލައިގެންނެވެ. އޭގެ އިތުރުން އެ ޓެކްސީން ކޭޝް ކާޑާއި ކްރެޑިޓް ކާޑުން ވެސް ފައިސާ ދެއްކޭނެ އެވެ.
މި ޚިދުމަތުގައި މަދުވެގެން 50 ކާރު ބޭނުންކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ނިންމާފަ އެވެ.
ޕްރީމިއަމް ކާރުގެ ހިދުމަތުގެ އިތުރުން ސްކޫލު ކުދިންނަށް ބަހުގެ ހިދުމަތް ދިނުމަށް ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
ނާފިޒު ވިދާޅުވީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ސްކޫލު ބަހުގެ ހިދުމަތް ވެސް ފަށާތޯ އެ އޮތޯރިޓީން ބަލާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެކަން ނުކުރެވިއްޖެ ނަމަ އެ އެގްރީމަންޓް ވެސް ބާތިލްކޮށް އަލުން ހުޅުވާލާނެ ކަމަށެވެ.