31 ޖުލައި 2023 - 22:04

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރުމަށް އެ ޕާޓީން ނިންމާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް މާދަމާ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ނިންމައިފި އެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވީ މާދަމާ ހެނދުނު 10:00 ގައި އެ ޕާޓީން ޔާމީންގެ ކެންޑިޑެސީ އީސީގައި ފައިލް ކުރާނެ ކަމަށެވެ.
ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒު ކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރުވެފައިވުން ހިމެނެ އެވެ.
ނަމަވެސް މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ އިސްތިއުނާފް ޝަރީއަތްތައް ހައި ކޯޓުގައި އަވަހަށް ނިމޭނެ ކަމަށް ލަފާ ނުކުރެވޭތީ އެމަނިކުފާނަށް ވާދަ ކުރެވިދާނެ ކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.
ނަމަވެސް ޕީޕީއެމް/ޕީއެންސީން ބުނާ ގޮތުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އީސީން އަންނަ މަހު 7 އަކާ ހަމައަށް ހުޅުވާލާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ޔާމީން މިނިވަން ވާނެ އެވެ.
ހައިކޯޓުގެ ޝަރީއަތް ނުނިމުނަސް އީސީން ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓު ކަމަށް ކަނޑައަޅާފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލްގެ ކެންޑިޑެސީ ފޯމް އީސީން ބަލައިގަންނަން ޖެހޭ ކަމަށް ވެސް އެ ޕާޓީން ގަބޫލު ކުރެ އެވެ.
އެހެންވެ ފޯމް ބަލައިނުގެންފި ނަމަ ޔާމީންގެ ކެންޑިޑެސީ ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ދާން އެ ޕާޓީން އޮތީ ތައްޔާރަށެވެ.
ޕީޕީއެމްގެ މާދަމާ ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހަޅާއިރު ޔާމީން ހިންގަވާ ދެވަނަ ޕާޓީ، ޕީއެންސީ އިން ވެސް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް އެބަ ކުރެ އެވެ.