31 ޖުލައި 2023 - 19:28

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން މަޝްވަރާ ކޮށްފައިވާ ކަމަށާއި ނަމަވެސް ވަކި ގޮތެއް ނިންމަވާނީ އެމަނިކުފާނު ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.
ޕީއެންސީ އަކީ ޕީޕީއެމްގެ މިލްކިއްޔާތުގެ މައްސަލައެއް ކޯޓަށް ހުށަހަޅާފައި ވަނިކޮށް ޔާމީން ފަހަތުގައި ހުންނަވައިގެން އުފެއްދެވި ދެވަނަ ޕާޓީ އެވެ. އެ ޕާޓީ ހިންގަނީ ޕީޕީއެމް އާ އެއް އޮފީހެއްގައި އެއް ލީޑާޝިޕެއްގެ ދަށުންނެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޔާމީނަށް ވާދަ ކުރެވޭނެ ކަމާމެދު ސުވާލު އުފެދިފައި ވަނިކޮށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަދި ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވި ޕީއެންސީގެ ފަރާތުން ވެސް ކެންޑިޑޭޓަކު ނެރެން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ތެރޭގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް ކެންޑިޑޭޓަކާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށް ތޮލާލް ވިދާޅުވި އެވެ.
"ކެންޑިޑޭޓަކާ މެދު ގޮތް ނިންމުމުގެ އިހްތިޔާރު ކޯލިޝަންގެ ލީޑަރު [ޔާމީން] އަށް ދިނުމަށް ވަނީ ނިންމާފައި،" ތޮލާލް ވިދާޅުވި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޕީއެންސީ އިން ވެސް ކެންޑިޑޭޓެއް ނެރެން ލީޑާޝިޕުން މަޝްވަރާ ކޮށްފައި ވަނީ އެ ކަން ކުރުމަށް ޔާމީން އަންގަވައިގެންނެވެ. އަދި ވަކި ކެންޑިޑޭޓަކު ނެރެން ވެސް އެ ޕާޓީން ލަފާ ދީފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.
ނަމަވެސް ޕީޕީއެމް/ޕީއެންސީން އެ ވާހަކަތައް ދޮގު ކުރެ އެވެ. އެ ޕާޓީން ވަނީ ކެންޑިޑޭޓަކު ނިންމުމުގެ ބާރު ޔާމީނަށް ދޫކޮށްލައިފަ އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލާފައި ވަނީ އަންނަ މަހު 7 އާ ހަމައަށެވެ.
މިހާތަނަށް އެއްވެސް ޕާޓީއަކުން ފޯމް ހުށަހަޅާފައި ނުވާއިރު ޕީޕީއެމްގެ ފަރާތުން ވަނީ ޔާމީންގެ ރަނިންމޭޓު ގޮތުގައި އެމަނިކުފާޏުގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސް ކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް ހަމަޖައްސަވައި ކެންޑިޑެސީ ފޯމް ފުރައިފަ އެވެ.