31 ޖުލައި 2023 - 20:32

އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން މި ރަށަށް ދެން ވާނެ ވައުދެއް ނެތް ކަމަށާއި ވައުދުގެ ނަމުގައި ދެން ހަދަންޖެހޭނީ ދޮގު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. ޅައިމަގުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅުގެ ބައެއް ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މި ރަށުގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ކެންޑިޑޭޓު ވިދާޅުވީ ޅައިމަގަށް ވި ހުރިހާ ވައުދެއް ގާތްގަނޑަކަށް ފުރިހަމަވެފައިވާ ކަމަށެވެ.
މި ރަށުގެ ތިން މަޝްރޫއެއް ނިންމާފައިވާއިރު، ހަތަރު މަޝްރޫއެއް ހިނގަމުން އަދި އިތުރު ތިން މަޝްރޫއެއް ޓެންޑަރިންނަށް ވަނީ ލައިފަ އެވެ. އެކަމަކު މި ރަށުގައި އޭޓީއެމް މެޝިނެއް ބަހައްޓައިދިނުމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.
އޭގެ އިތުރުން، ކައުންސިލްގެ އާ އިމާރާތާއި މަގުތައް ހެދުމާއި ބޯހިޔާވަހިކަން ހައްލުކުރުމަށް އަދި ޅައިމަގުގެ ސިއްހީ މަރުކަޒު ވެސް 24 ގަޑިއިރަށް ބަދަލުކޮށްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން ވެސް ސިޔާސީ އެކި ބޭފުޅުން ވައުދުވިޔަސް އެ ކަންތައްތައް ފުރިހަމަނުވި ކަމަށެވެ. އޭގެ ނަތީޖާއަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި ފާއިތުވި 15 އަހަރުގެ ތެރޭގައި ވެސް ނުކުރެވި ހުރި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.
މި ސަރުކާރުން ވައުދުވެ، އެ ވައުދު ފުއްދަމުން އަންނަ ކަމަށާއި މި ސަރުކާރު މިހާރު އޮންނާނީ ޓެސްޓު ކުރެވިފައި ކަމަށް ވެސް، މި ރަށު ބަނދަރުގައި ބޭއްވި ޖަލްސާގައި ވިދާޅުވި އެވެ.
"ދެން އެހެން ކެންޑިޑޭޓަކު، މި ރަށަކާ ބެހޭގޮތުން ވާނެ މާ ބޮޑު ވައުދެއް ނެތް. ހަދަންޏާ ހަދަންޖެހޭނީ ދޮގު. ކޮށްދީފައި ހުރި ކަމެއް، އެހެން ގޮތަކަށް ކޮށްދޭނަމޭ ދެން ބުނަން ޖެހޭނީ. އެ ކަހަލަ ވައުދު އެބަވޭ. ތި ބޭފުޅުން ވިސްނަވަންވާނެ. މި ރަށަށް ވަޑައިގެން ވެސް ވިދާޅުވާނެ އެ ކަހަލަ ކަންތައްތައް. އެކަމަކު، މި ރަށުގެ ރައްޔިތުންނަކީ އެއަށްވުރެ މާ ވިސްނޭ، ކޮށްފައި ހުރި ކަންތައްތައް ކުރި ގޮތާއި ކުރާ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުން ތިބި ރަށެއް." ރައީސް ވިދާޅުވި އެވެ.
މި ދާއިރާގެ ތިން ވަނަ މަންޒިލެއްގެ ގޮތުން ޅައިމަގަށް ވަޑައިގެން ރައީސް ވިދާޅުވީ މަންޒަރު ފެންނަނީ ބޮޑުކޮށް އިންތިހާބު ކާމިޔާބުކުރާ ތަން ކަމަށާއި މި ރަށާއެކު ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.