މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވަން ޔާމީން އެދިވަޑައިގެންފައެއް ނުވޭ: ކަރެކްޝަންސް
މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވަން ޔާމީން އެދިވަޑައިގެންފައެއް ނުވޭ: ކަރެކްޝަންސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން މިއަދު އަވަހާރަވުމުން ޖަނާޒާގައި ބައިވެރިވަޑައިގަންނަވަން ސްރީ ލަންކާ އަށް ވަޑައިގަތުމުގެ ހުއްދައަށް އެ މަނިކުފާނު އެދިވަޑައިގެންފައި ނެތް ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވަން ޔާމީން އެދިވަޑައިގެންފައެއް ނުވޭ: ކަރެކްޝަންސް
މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވަން ޔާމީން އެދިވަޑައިގެންފައެއް ނުވޭ: ކަރެކްޝަންސް

އުމުރުފުޅުން 86 އަހަރުފުޅުގައި ފާތިމަތު ހަސަން އަވަހާރަވީ ސްރީ ލަންކާގައި މިއަދު ހެނދުނު އެވެ. ކަށުނަމާދު ބާއްވަން ނިންމާފައި ވަނީ މިރޭގެ އިޝާ ނަމާދަށް ފަހު ލަންކާގެ ޖާވަތަ ޖުމްމަ މިސްކިތުގަ އެވެ.

މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ އަށް ޔާމީން އެދިވަޑައިގެންފައި ނުވާ ކަމަށް ކަރެކްޝަންސް އިން ބުންޏަސް އިދިކޮޅު ޕީޕީއެމުން ނެރުނު ތައުޒިއްޔާގެ ބަޔާނުގައި ބުނީ، "އެމަނިކުފާނުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމެކެވެ،" އެވެ.

"ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަންމާފުޅު އަވަހާރަވިއިރު، އެމަނިކުފާނު މިސަރުކާރުގެ އަނިޔާވެރިކަމުގައި ހައްގު ނޫން ހުކުމެއްގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމާއި އެމަނިކުފާނަށް، އެމަނިކުފާނުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާކަމެކެވެ،" އެ ބަޔާނުގައި ވެ އެވެ.

ޔާމީނަށް އެ ފުރުސަތު ނުދެއްވީ ކީއްވެތޯ "މިހާރު" އިން ސުވާލު ކުރުމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހްމަދު ވިދާޅުވީ ޖަނާޒާ އަށް ވަޑައިގަތުމަށް ޔާމީން އެދިވަޑައިގެންފައި ނުވާ ކަމަށެވެ.

ޔާމީންގެ މަންމާފުޅު އަވަހާރަވިއިރު އެ މަނިކުފާނުގެ އިތުރުން ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.