31 ޖެނުއަރީ 2017 - 13:29

ބެއިޖިން (ޖެނުއަރީ 31) – އޭސީ މިލާނާއި ޗެލްސީގެ ކުރީގެ ފޯވާޑް އެލެކްސް ޕަޓޯ ޒުވާން އުމުރެއްގައި ޗައިނާގެ ޓިއަންޖިން ކުއަންޖިން އަށް ބަދަލުވެއްޖެ އެވެ.
އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކާމިޔާބުކޮށްދިން ކެޕްޓަން ފަބިއޯ ކަނަވާރޯ ކޯޗުކޮށްދޭ ޓިއަންޖިން އިން ވަނީ ބެލްޖިއަމް ގައުމީ ޓީމުގެ މިޑްފީލްޑަރު އެކްސްލް ވިޓްސެލް ވެސް ދާދި ފަހުން ގެނެސްފަ އެވެ. މީގެ އިތުރުން ބްރެޒިލް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ލުއިސް ފަބިއާނޯ ވެސް ކުޅެނީ އެ ޓީމަށެވެ.
ޗައިނާގެ ކްލަބްތަކުން ބޮޑު އަގުއަގުގައި ޔޫރަޕުގެ މަޝްހޫރު ކުޅުންތެރިން ގަންނަމުން އަންނައިރު އެކަމަށް ވަނީ ކޮންމެވެސް ވަރެއްގެ މަޑުޖެހިލުމެއް އައިސްފަ އެވެ. އެއީ ކޮންމެ ކްލަބަކަށް ވަކި އަދަދަކަށް ބިދޭސީ ކުޅުންތެރިން ގެނެވޭ ގޮތަށް ހަމަޖެއްސުމުގެ ސަބަބުންނެވެ.
"ޓިއަންޖިން ކުއަންޖިންގެ އާއިލާއާ ގުޅެވުނީތީ ވަރަށް އުފާވޭ،" ޕަޓޯ ބުންޏެވެ.
އޭސީ މިލާނަށް 2007 އިން 2012 އަށް ކުޅުނު ޕަޓޯ ވަނީ އެ ދުވަސްވަރު އުއްމީދީ ކުޅުމެއް ދައްކައިފަ އެވެ. ކަކާ އާއި ރޮނާލްޑޯއާ އެކު މިލާނުގެ ފޯވާޑް ލައިން ބެލެހެއްޓި ނަމަވެސް އަނިޔާގެ ސަބަބުން މިލާނުން އޭނާ ދޫކޮށްލީ އެވެ. އޭގެ ފަހުން ބްރެޒިލްގެ ކޮރިންތިއަންސް އާއި ސައޮ ޕޯލީ އަށް ކުޅުމަށް ފަހު މިދިޔަ އަހަރު ޗެލްސީއާ ގުޅުނެވެ. އެ ކްލަބަށް ދެ މެޗު ކުޅެދިންއިރު އޭގެ ފަހުން ކުޅުނީ ސްޕެއިނުގެ ވިޔަރެއާލަށެވެ. ޕަޓޯ ވަނީ ބްރެޒިލަށް 2008 އިން 2013 އަށް 27 މެޗުން 10 ގޯލް ޖަހައިދީފަ އެވެ.