30 ޖުލައި 2023 - 17:20

ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެ، ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ 1 ގައި ދިއްގާ މަގުގައި (ބީޗު މަގު) ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހޮޅިދަނޑިއެއްގައި ޖެހި، އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު ފަހު ކަމަށެވެ. އެއީ ހުޅުމާލޭގައި ހުންނަ ޗާކޯލް ކެފޭގެ ކުރިމައްޗެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކާރު ޖެހުނު ހޮޅިދަނޑި އޮތީ ވެއްޓިފަ އެވެ. އެ ހޮޅިދަނޑިއާ ކައިރީގައި ހުރި ގަސްތަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ.
އެ އެކްސިޑެންޓުގައި ކާރުގެ ކުރީކޮޅު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.