8 ގައުމުން މިހާތަނަށް ވޯޓު ފޮށި ބެހެއްޓޭވަރުވީ މެލޭޝިއާ އާއި އިނގިރޭސިވިލާތުގައި: އީސީ
8 ގައުމުން މިހާތަނަށް ވޯޓު ފޮށި ބެހެއްޓޭވަރުވީ މެލޭޝިއާ އާއި އިނގިރޭސިވިލާތުގައި: އީސީ

ރިޔާސީ އިންތިހާބުގައި އަށް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމިއަސް މިހާތަނަށް ރީ ރަޖިސްޓްރީވި އަދަދަށް ބަލާއިރު ފޮށި ބެހެއްޓޭވަރުވީ މެލޭޝިއާ އާއި އިނގިރޭސިވިލާތުގައި އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.

ސެޕްޓެމްބަރު ނުވައެއްގައި އޮންނަ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާނެ އަށް ގައުމު ކަނޑައަޅައި މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީވެއްޖެ ނަމަ ވޯޓުލުން ކުރިއަށް ގެންދަން އޮތީ ނިންމައިފަ އެވެ. މި އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ގައުމުތައް އެހެން އިންތިހާބުތަކަށް ވުރެން އިތުރެވެ.

ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު މާދަމާއަށް ހަމަވާއިރު ތަރުހީބު ވަރަށް ކުޑަ ކަމަށެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭނެ ކަން މިހާތަނަށް ކަށަވަރުވީ އެންމެ ދެ ގައުމެއްގައި ކަމަށާއި ބާކީ ހުރި ގައުމުތަކުގައި ފޮށި ބަހައްޓާ އަދަދަށް ރަޖިސްޓްރީ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޯޓު ފޮށި އަޅުގަނޑުމެންނަށް ބެހެއްޓޭނީ ކަނޑައަޅާފައިވާ އަދަދަށް ރަޖިސްޓްރީވެއްޖެ ނަމަ. އެހެންވީމަ އިލެކްޝަންސްގެ އިލްތިމާސަކީ ވީހާވެސް އަވަހަކަށް ވޯޓުލާން ރަޖިސްޓްރީވުން،" އޭނާ ވިދާޅުވި އެވެ.

ވޯޓު ފޮށި ބަހައްޓާނެ ގައުމުތައް އީސީން ނިންމީ ދިވެހިން ދިރިއުޅޭ ނިސްބަތަށް ބަލައިގެންނެވެ.

ސްރީ ލަންކާ

އިންޑިއާ

މެލޭޝިއާ

ޖަޕާން

އިނގިރޭސިވިލާތް

ތައިލެންޑް

ޔޫއޭއީ

ސިންގަޕޫރު

އެހެން އިންތިހާބުތަކަށް ވުރެން މި އިންތިހާބުގައި ވޯޓުލާން ރީރަޖިސްޓްރީކުރި މީހުންގެ އަދަދު މަދެވެ. ދެހާސްއަށާރައިގެ އިންތިހާބުގައި ދިރިއުޅޭ ރަށް ނޫން އެހެން ތަންތަނުގައި ވޯޓުލާން 95،000 އަށް ވުރެން މީހުން ރަޖިސްޓްރީވި އެވެ. މި އިންތިހާބުގައި އީސީން ހަމަޖެއްސީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އޭގެ ކުރިން ބޭއްވި މަޖިލިސް އިންތިހާބުގައި ވޯޓުލީ ތަން ބަދަލުނުވާ ނަމަ ރީ ރަޖިސްޓްރީ ވާން ނުޖެހޭ ގޮތަށެވެ.

އެހެންވިޔަސް އީސީގެ އަންދާޒާއަކީ މި އަހަރުގެ އިންތިހާބުގައި 30،000-40،000 މީހުން ވޯޓުލާން ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. އެކަމަކު މާދަމާ ހަމަވާއިރު މިހާތަނަށް ރަޖިސްޓްރީވީ 12،000 މީހުންނެވެ.

އިންތިހާބުގައި ވޯޓުލާން ވީހާވެސް އަވަހަކަށް ރީ ރަޖިސްޓްރީވާން އީސީން އަންނަނީ ހަނދާންކޮށްދެމުންނެވެ.

ރިޔާސީ އިންތިހާބު 2018 ގައި ވޯޓުލުމުގެ ހައްގު ލިބުނީ 263،183 މީހުންނަށެވެ. މި އިންތިހާބުގައި 278,000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.