02 ފެބުރުއަރީ 2017 - 06:44

ސަނީ ޕަވާރް ނިދާ ކައިބޮއި ދިރިއުޅެނީ މައިންބަފައިންނާއި އެއްބަނޑުއެއްބަފާ ދެކުދިންނާއި އަދިވެސް އެތައް ބަޔަކު އުޅޭ ކުޑަކުޑަ ކޮޓަރިގަނޑެއްގަ އެވެ. އެއީ މުމްބައިގެ އެންމެ ފަގީރު ހިސާބުގައި ހުންނަ ޖިފުޓިގަނޑެކެވެ. އެ އެންމެން ބޭނުންކުރަން ހުންނަނީ އެންމެ ފާޚާނާ އެކެވެ.

ސަނީ އަކީ ސްކޫލަށާއި ޓިއުޝަނަށް ފިޔަވައި ގެެއިން ބޭރަށް ނުކުމެ އުޅުނު ކުއްޖެއް ނޫނެވެ. ނަމަވެސް ހޮލީވުޑް ފިލްމަކަށް އޮޑިޝަން ދޭން އޭނާއަށް ލިބުމާއެކު އޭނާގެ ނަސީބު އަތުގައި ހިފި އެވެ. މީގެ ކުރިން ހޮލީވުޑް ފިލްމު "ސްލަމްޑޯގް މިލިނައާ"ގައި އިންޑިއާގެ ފަގީރު ކުދިންތަކެއް ބައިވެރިކޮށްފައިވެ އެވެ.

ސަނީ އަށް މިފަހަރު ކުޅެން ލިބުނީ އާދައިގެ ފިލްމެއް ނޫނެވެ. އޮސްކާ އެވޯޑުގެ ގިނަ ކެޓަގަރީތަކަކަށް ނޮމިނޭޓްވެފައިވާ "ލަޔަން" އެވެ. އެއާއެކު އޭނާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްލަން ފުރުސަތު ލިބުނެވެ. އެކި ފިލްމު ޕްރެމިއާތަކުގައި ހޮލީވުޑް އެއްވަނަ ދަރަޖައިގައި ގުނާލެވޭ ނިކޯލް ކިޑްމަން، ދޭވް ޕަޓޭލް ފަދަ ތަރިންނާއެކު ބައިވެރިވެވުނެވެ.

އޭނާގެ މަންމަ ވާސޫ ދިލިޕް ޕަވާރް އިނގިރޭސި ވިލާތުގެ މެއިލް އޮންލައިނަށް ކިޔައިދީފައިވާ ގޮތުގައި އޭނާގެ މައުސޫމް ދަރިފުޅާ ދޭތެރޭ ފިލްމު ކުރޫ އާއި ތަރިން ކަންތައްކުރީ އެމީހުންގެ އާއިލާގެ މެންބަރެއް ފަދައިންނެވެ. ނަމަވެސް ދަރިފުޅު އަދިވެސް އޭނާއަކީ ތަރިއެއް ކަމަކަށް ނުދެކެ އެވެ. މިހާރުވެސް އޭނާ ދިރިއުޅެނީ މައިންބަފައިންނާއެކު ޖިފުޓީގަ އެވެ. ނަމަވެސް އޭނާއަށް މިހާތަނަށް ފެނިފައިވާ ތަންތަނާއި ކަންކަމަކީ ހުވަފެނުގައި ވެސް މީހަކަށް ނުފެންނަ ފަދަ ކަންތައްތަކެއްކަމަށް ސަނީގެ މަންމަ ބުންޏެވެ.

ސަނީގެ މަންމަ ބުނީ ސްކޫލާއި ޓިއުޝަނަށް ފިޔަވައި އެހެން އެއްވެސް ތަނަކަށް ސަނީ ބޭރަށް ދިޔަ ނުދޭ ކަމަށެވެ. ބޭރު ތެރޭގައި އުޅޭ މީހުންނަށް އިތުބާރު ނުކުރެވޭތީ އެވެ. ދަރިފުޅު މަގުން ކައްސާލަފާނެތީ އެވެ.

ސަނީއަށް "ލައަން"ގެ ރޯލު ލިބުނު ގޮތް ކިޔައިދެމުން އޭނާގެ މަންމަ ވާސޫ ބުނީ ފިލްމުގެ ކާސްޓިން ކުރޫ އެހިސާބުގަނޑުގެ ވަރަށް ގިނަ ސްކޫލްތަކަށް ގޮސް ކުދިންގެ އޮޑިޝަން ހެދި ކަމަށެވެ. އެގޮތުން ސަނީ ކިޔަވަންދާ ސަރުކާރު ސްކޫލް އެއާ އިންޑިއާ މޮޑަން ސްކޫލަށް ވެސް ގޮސް ވަރަށް ގިނަ ކުދިންގެ އޮޑިޝަން ހެދި އެވެ. ސަނީ ވެސް އޭނާގެ ބައްޕައަށް އާދޭސްކޮށްގެން އެ ދުވަހު ގޮސް އޮޑިޝަންގައި ބައިވެރިވީ އެވެ. ސަނީ އަށް މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އޭނާގެ ބައްޕަ ދިލިޕް ޕަވާރް، 32، ކަމަށް ވާސޫ ބުންޏެވެ.
ޖުމުލަ 2،000 ކުދިން އޮޑިޝަން ހެދުމަށްފަހު ފައިނަލަށް ތިން ކުއްޖަކު ނެގި އެވެ. އޭގެ ތެރޭގައި ސަނީ ހިމެނުނެވެ. ނަމަވެސް މި ތިން ކުދިންގެ ތެރެއިން ސަނީއަށް ލިބުނީ ދެ ވަނަ އެވެ. އެއްވަނަ އަށް ދިޔަ ކުއްޖާ އަމިއްލައަށް ވަކިވުމުން ސަނީއަށް އެ ރޯލު ލިބުނީ އެވެ.
ނަމަވެސް ސަނީއަށް ރޯލު ލިބުނުކަން އެނގުނު ދުވަހަކީ އާއިލާއަށް ވަރަށް ހިތާމަވެރި ދުވަހަކަށްވި އެވެ. އޭނާގެ ބޮޑުދައިތައެއް ހަމަ އެ ދުވަހު މަރުވެގެން މުޅި އާއިލާއަށް ހިތާމަ ލިބުނު ވަގުތަކީ ސަނީ އަށް އެ ރޯލު ލިބިގެން ގުޅި ވަގުތެވެ. އެހެންވެ އެ ރޯލު ދޫކޮށްލަން ބައްޕަ އެދުނެވެ. ނަމަވެސް އާއިލާގެ އެކަކުވެސް އެގޮތަކަށް ގަބޫލެއް ނުވި އެވެ.
މަހަކު 100 ޑޮލަރަށް ކުރަމުން އައި ހައުސްކީޕިން މަސައްކަތް ދޫކޮށްލުމަށް ފަހު ސަނީ ގޮވައިގެން އޭނާގެ ބައްޕަ ހޮލީވުޑަށް ފުރީ އެވެ. ސަނީގެ މަންމަ ވާސޫ އަނެއް ދެބެން ބެލެހެއްޓުމާ ހަވާލުވެގެން ހުރީ ގޭގަ އެވެ.
ވާސޫ ބުނި ގޮތުގައި އެ ދެބަފައިން ދިއުމުން އޭނާ ވަރަށް ބިރުގަތެވެ. އެންމެ ބޮޑު ހާސް ކަމަކަށްވީ އެއިން އެއްވެސް މީހަކަށް އިނގިރޭސި ނޭގޭތީ އެވެ. ނަމަވެސް ސަނީ ބަލައި ގޮސް ތިބި ފިލްމު ކުރޫގެ މެމްބަރުން ވާސޫ އަށް ސަނީގެ ރައްކާތެރިކަން ޔަގީންކޮށްދިނެވެ.
ހޮލީވުޑް ފިލްމެއް ކުޅުނަސް ސަނީއަށް ހޮލީވުޑް ކަމަކު ނުދެ އެވެ. ހޮލީވުޑް ފިލްމެއް ވެސް ބޮލީވުޑް ފިލްމެއް ވެސް އޭނާ ނުބަލަ އެވެ. އޭނާ ބަލާހިތްވަނީ ރެސްލިން މެޗުތަކެވެ.
ފިލްމުގެ މަސައްކަތް ނިންމާފައި މިދިޔަ އަހަރު ސަނީ އެނބުރި އައުމުން ހިސާބުގަނޑުގެ އެންމެން އޭނާއަށް ޕާޓީ ބާއްވައި ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. ނަމަވެސް ސަނީގެ މަންމަ ބޭނުންވީ ސަނީ އެނބުރި އައުމާއެކު އޭނާގެ ކުރީގެ ދިރިއުޅުމަށް އެނބުރުމަށެވެ.
ހޮލީވުޑަށް ދެވުނަސް ސަނީ ބަދަލެއް ނުވި އެވެ. ހޮލީވުޑްގައި ހުރި އިރު ވެސް މަންމަ އަށް ފޯނުކުރާ ކޮންމެ ފަހަރަކު، މަންމަ ކައްކާ ކާނާ ނުލިބޭތީ އެކަމާ ޝަކުވާކުރެ އެވެ. އެނބުރި ގައުމަށް ދިއުމާ އެކު ކުރީގެ ދިރިއުޅުން އަލުން ވަނީ ފެށިފަ އެވެ. އެއްވެސް ކަމެއް ބަދަލެއް ނުވެ އެވެ.
"ލައަން"ގައި ސަނީ ކުޅެފައިވަނީ ސަރޫ ކިޔާ އިންޑިއާ ކުއްޖެއްގެ ކުޑައިރުގެ ރޯލެވެ. މި ކުއްޖާ ބޮޑުވުމަށްފަހު ދައްކާ ބައި ކުޅެފައިވަނީ ދޭވް ޕަޓޭލް އެވެ.
ބޭބެއާއެކު ރޭލެއްގައި ދަތުރުކުރަނިކޮށް ސަރޫއަށް ނިދެ އެވެ. އަދި ބޭބެ ގެއްލެ އެވެ. ސަރޫއަށް ހޭލެވޭއިރު އެ ރޭލުގައި އޭނާ ވަނީ އަމިއްލަ ރަށާ 1000 މޭލު ދުރަށް ދެވިފަ އެވެ. އުމުރުން އެންމެ ފަސް އަހަރުގެ ކުއްޖަކަށް ވާތީ ސަރޫއަކަށް އޭނާގެ ރަށް އޮތް ހިސާބެއް ނޭގުނެވެ. މީހަކަށް ކިޔައިދޭކަށް ވެސް ނޭނގުނެވެ. އެހެންވެ އޭނާ އާވާރާވެގެން މަގުމަތީގައި އުޅެނިކޮށް ބަޔަކު އޭނާ ޔަތީމުޚާނާއަކަށް ގެންދެ އެވެ. އެތަނުގައި މަހެއްހާ ދުވަސް ވީތަނާ އޮސްޓްރޭލިއާގެ ދެމަފިރިއަކު އޭނާ އެޑޮޕްޓްކޮށްގެން ގެންދެ އެވެ.
މި ފިލްމުގައި ދައްކުވައިދެނީ ސަރޫ އޭނާގެ އަސްލު މަންމަ އާއި ރަށް ހޯދަން ކުރާ ބުރަ މަސައްކަތާއި ސަރޫގެ ހަޔާތުގައި ދިމާވި މުހިއްމު ކަންތައްތަކެވެ.
މި ފިލްމަކީ މިހާރުވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ފިލްމެކެވެ. އަދި އޮސްކާގެ ހަ ނޮމިނޭޝަނެއް މި ފިލްމަށް ލިބިފައިވެ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު ފިލްމާއި ދޭވް ޕަޓޭލް އަށް ލިބުނު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ނޮމިނޭޝަނާއި ނިކޯލް ކިޑްމަން އަށް ލިބުނު ބެސްޓް ސަޕޯޓިން އެކްޓްރެސްގެ ނޮމިނޭޝަން ހިމެނެ އެވެ.