ޑެންމާކްގެ ފޯވާޑް ހޮއިލެންޑް ޔުނައިޓެޑާ ގުޅެނީ
ޑެންމާކްގެ ފޯވާޑް ހޮއިލެންޑް ޔުނައިޓެޑާ ގުޅެނީ

މެންޗެސްޓާ (ޖުލައި 30) - އިޓަލީގެ އެޓަލާންޓާ އަށް ކުޅޭ ޑެންމާކްގެ ފޯވާޑް ރަސްމުސް ހޮއިލެންޑް މެންޗެސްޓާ ޔުނައިޓެޑާ އެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ހޮއިލެންޑް، 20، ޔުނައިޓެޑާ ގުޅޭނީ 97 މިލިއަން ޑޮލަރަށެވެ. އެއީ އޭނާ ގެންނަން ޔުނައިޓެޑުން ދައްކާ 86 މިލިއަން ޑޮލަރާ އެކު އެއްބަސްވުމުގައި ހިމަނާފައިވާ އިތުރު 11 މިލިއަން ޑޮލަރެވެ. ޔުނައިޓެޑުން އެއްބަސްވުން ހެދީ ފަސް އަހަރަށެވެ. އެ ކްލަބުން ބޭނުންނަމަ ފަސް އަހަރު ހަމަވުމުން އެއްބަސްވުމަށް އަހަރެއް އިތުރުކުރެވޭނެ އެވެ.

އެޓަލާންޓާގައި ހޭދަކުރި ހަމައެކަނި ސީޒަނުގައި ކުޅުނު 34 މެޗުގައި ހޮއިލެންޑް 10 ގޯލު ޖެހި އެވެ.

ހޮއިލެންޑަކީ ޔުނައިޓެޑުން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ގެނައި ތިން ވަނަ ކުޅުންތެރިޔާ އެވެ. އެޓީމުން އެންމެ ފުރަތަމަ ގެނައީ ޗެލްސީ އަށް ކުޅުނު އިންގްލެންޑުގެ މިޑްފީލްޑަރު މޭސަން މައުންޓެވެ. އޭގެފަހުން އިންޓަ މިލާންގައި ހުރި ނައިޖީރިއާގެ ގޯލްކީޕަރު އަންދްރޭ އޮނާނާނެ ސޮއި ޔުނައިޓެޑުން ވަނީ ހޯދާފަ އެވެ.

ޔުނައިޓެޑުން ހޮއިލެންޑް ގެންނަން މަސައްކަތްކުރީ 70 މިލިއަން ޑޮލަރުން ދަށުގެ އަގެއްގަ އެވެ. އެކަމަކު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ޝައުގުވެރިވާ ކުޅުންތެރިޔާ އެ އަގުގައި ލިބެން ނެތުމުން އިތުރަށް އެޓީމުން ހަރަދުކުރީ އެވެ.

ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑުން ގެންނަން މަސައްކަތްކުރާނެ ކަމަށް ބެލެވުނީ ޓޮޓެންހަމް ހޮޓްސްޕާގެ ކެޕްޓަން ހެރީ ކޭން އެވެ. އެކަމަކު ކޭންގެ އަގުބޮޑުވުމާއި ވާދަވެރި ކްލަބަކަށް ކޭން ވިއްކާލަން ޓޮޓެންހަމުން ދެކޮޅު ހަދާތީ އެ ޑީލްގެ މަސައްކަތެއް ޔުނައިޓެޑުން ނުކުރެ އެވެ.

ހޮއިލެންޑް ގެންނަން ޔުނައިޓެޑްގެ އިތުރުން ޕީއެސްޖީ އިން ވެސް ޝައުގުވެރިކަން ފާޅުކުރި އެވެ. ޕީއެސްޖީ އިން ބޭނުންވީ އެޓީމުން ވިއްކާލަން ނިންމާފައިވާ ކިލިއަން އެމްބާޕޭ ނެތްތަން ފޫބައްދަން ހޮއިލެންޑް ގެންނާށެވެ. އެކަމަކު ހޮއިލެންޑް ބޭނުންވީ ޔުނައިޓެޑަށް ބަދަލުވާށެވެ.

ފުޓްބޯޅަ ކެރިއަރު ހޮއިލެންޑް ފެށީ 2020 ވަނަ އަހަރު އުފަން ގައުމު، ޑެންމާކްގެ ކޯޕެންހޭގަން އިންނެވެ. އުމުރުން 17 އަހަރުގައި ޑެންމާކް ލީގުގައި ކުޅެން ފެށި ހޮއިލެންޑް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބަދަލުވީ އޮސްޓްރިއާގެ ސްޓާން ގްރާޒް އަށެވެ. އެ ކްލަބުގައި ކުޅުނު 17 މެޗުގައި ނުވަ ގޯލު ޖެހި އެވެ. އެޓަލާންޓާ އަށް ހޮއިލެންޑް ބަދަލުވީ އޭގެ ހަ މަސް ފަހުންނެވެ.

ޑެންމާކްގެ ގައުމީ ޓީމުގައި ހިމެނޭ ހޮއިލެންޑް ވަނީ އެ ގައުމަށް ކުޅުނު ހަ މެޗުގައި ހަ ގޯލު ޖަހައިފަ އެވެ.
ޔުނައިޓެޑުން އަންނަ ސީޒަނަށް ތައްޔާރުވާން އެކުވެރިކަމުގެ ދެ މެޗު އަދި ކުޅޭނެ އެވެ. އެއީ އަންނަ ހޮނިހިރު ދުވަހު ފްރާންސްގެ ލެންސް އާއި ދެކޮޅަށް ކުޅޭ މެޗާއި އާދީއްތަ ދުވަހު އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗެވެ.

އާ ސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އޮގަސްޓް 14 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ޔުނައިޓެޑް ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.