ޖަދަލު
ޖަދަލު

ބުދަ ދުވަހާ ގުޅޭ

"ތީ ފޭކު އެއްޗެއް ނޫން!" ރިންދާ ބުންޏެވެ.

ތަފުސީލު އަޑުއަހަން ސަތޫ ތައްޔާރުވެގެންއިންދައި ރިންދާ ކުރު ޖަވާބެއްދީފައި ނިންމައިލިއެވެ. އިސްޖަހައިލިއެވެ.

"ތިއަށް ވުރެ ދިގުކޮށް ކިޔައެއްނުދޭނަން؟" ސަތޫ ބުންޏެވެ.

ރިންދާ އިސްއުފުލާލައިފައި ސަތޫއަށް ބަލައިލި އިރު ރިންދާގެ ދެލޯހުރީ ކަރުނައިން ފުރިފައެވެ. މާޒީގެ އެ ސަފުހާ އަލުން ހުޅުވާކަށް ރިންދާ ބޭނުމެއް ނޫނެވެ. އެއީ ހަނދާންނައްތައިލަން ރިންދާ މަސައްކަތްކުރާ މާޒީއެކެވެ. ރިންދާގެ ފަރާތުން އެކަކަށް ވެސް އެ ވާހަކަ ނީވެނީ އެހެންވެއެވެ. ސަތޫ އެ ސުވާލުކުރުމުން ރިންދާގެ ސިކުނޑިއަށް އެތަކެއް ހަނދާނެއް އޭރު ވެސް ޖަމާވެއްޖެއެވެ. އެހެނަސް ސަތޫ އިނީ އަޑުއަހާ ހިތުން ކެތްތެރިކަން ކުޑަވެފައެވެ. ފައިސަލް ވެސް އިނީ ހަމަ އެ ހާލަތުގައެވެ. ކެތްތެރިކަމެއް ނެތި ފޯނުގެ އިސްކިރީނަށް ބަލަހައްޓައިގެން ފައިސަލް އިނެވެ. ކޮންމެ ވަގުތެއްގައި ވެސް އެ ފޯނު އަތުވެދާނެއެވެ. އެ ވަގުތު ޒިޔާން ކޮޓަރިން ނުކުތެވެ. އޭނަ އަތުގައި ކުރަހާފޮތް އޮތެވެ.

"ޑެޑީ! މިއަދު ރިންތަ އަންނާނެތަ؟" ޒިޔާން އެހިއެވެ.

"ނޭނގެ ދަރިފުޅާ!" ޖަވާބު ވީހައި ވެސް ކުރުކޮށްލުމަށް ޓަކައި ފައިސަލް ބުންޏެވެ. "ރިންތައަކަށްނު އެނގޭނީ."

"ވެއްޖެ ރިންތަޔާ ގުޅަން." އަލުން ކޮޓަރިޔާ ދިމާއަށް ހިނގައިގަންނަމުން ޒިޔާން ބުންޏެވެ.

"ދަރިފުޅާ!" ފައިސަލް ގޮވައިލުމުން ޒިޔާން ހުއްޓިފައި ބަލައިލިއެވެ. "މީ... ރިންތަ މިރޭ ވަރަށް ބިޒީކޮށް އުޅޭނީ. ނުގުޅާތި!"

"ކިތަންމެ ބިޒީޔަސް ޒިޔާން ގުޅީމަ ރިންތަ ނަގާނޭ!" ޒިޔާން ބުންޏެވެ.

ފައިސަލްގެ ފޯނު ރަނގަބީލުވާން ފެށި އަޑުއިވުނީ އެ ވަގުތުއެވެ.

"ދަރިފުޅާ!" ޒިޔާނަށް ފާހަގަނުކުރެވުނަސް ފައިސަލަށް ގޮވައިލެވުނީ ތަންކޮޅެއް ބާރަށެވެ. ވީމާ، ހަމަޖެހިލަމުން ބުންޏެވެ. "މާދަން ގުޅިޔަސް ރަނގަޅުވާނެއްނު! ދެން ދޭ ކޮޓަރިއަށް. އެއްކަލަ އެތި ކުލަޖައްސާ ނިންމާލަބަލަ! ޑެޑީ ދާނަން ބަލަން އިނގޭ! އަދި އެބަ ޖެހެއެއްނު އިންސްޓަގްރާމް އެކައުންޓެއް ވެސް ހުޅުވަން. އޭރުން ޒިޔާނަށް ވެސް ފޭނުން ލިބޭނެ. ގޮސް އަވަހަށް ނިންމާލާ!"

"އޯކޭ!" ކޮޓަރިއަށް ވަންނަމުން ޒިޔާން ބުންޏެވެ.

ޒިޔާން ދިޔުމުން ފައިސަލް އަވަހަށް ފޯނު ނެގިއެވެ.

"ތެދަކަށް ދޯ ވީ؟" ފައިސަލް ސުވާލުކުރިއެވެ.

އަނެއްކޮޅުން ވާހަކަދެއްކީ، ކޯޓުގައި މަސައްކަތްކުރާ، ފައިސަލްގެ އެކުވެރިއެކެވެ. އޭނަ ދިނީ އުފާވާ ކަހަލަ ޖަވާބެއް ނޫނެވެ.

"އެހެންތަ؟" ވިސްނަމުން ބުނާ ކަހަލަ ގޮތަކަށް ފައިސަލަށް ބުނެވުނެވެ. "އުހުނ އޯކޭ! ތެންކްސް އިނގޭ. ގުޅާނަން ކޮފީއަށް."

ފޯނުކޯލު ނިންމައިފައި ފައިސަލް އިތުރަށް ވިސްނިއެވެ. އެކަމަކު، މާ ގިނަ އިރު ވިސްނާކަށް ނީނދެވުނެވެ. މަންސޫރަށް މެސެޖެއް ފޮނުވައިލިއެވެ.

"މި ދަނީ!" ފައިސަލް ފޮނުވީ ކުރު މެސެޖެކެވެ.

ފައިސަލްގެ ބާރެއް ނެތި ކުރެހުނު ފޮޓޯއިން ސިރާޖަށް ފެނުނު މަންޒަރު މަންސޫރުގެ ލޮލުގައި ވެސް އަޅައިގަތެވެ. އެއީ އިންޒާރުގެ މެސެޖެކެވެ. ބިރުގެންނެވުމާއި، ނަފުރަތާއި، ފެންވަރު އަންގައިލުމުގެ މެސެޖެކެވެ. ދޮރުގައި ޓަކިޖެހި އަޑުއިވުމާއެކު މަންސޫރު ގޮސް ދޮރުހުޅުވިއެވެ. ފައިސަލް އެތެރެއަށް ވެއްދިއެވެ.

"ސިރާޖު އަންނަންދެން މަޑުކޮށްލަންވާނެ. ވަރަށް ކައިރީގައޭ ބުނީ." ފައިސަލް ބުންޏެވެ.

މަންސޫރު ހުރީ ދެ ވިސްނުމެއްގައެވެ. ފައިސަލަށް ފޮޓޯ ދައްކައިފިއްޔާ ފައިސަލް ބިރުގެންފާނެއެވެ. ކަމަކާ ބިރުގަތުމަކީ އޭގެ އަސަރު ދެގުނަވާ ކަމެކެވެ. ރުގުޔާގެ ދިގު ތަޖުރިބާގައި މަންސޫރަށް ދަސްވި އެންމެ މުހިންމު ފިލާވަޅަކީ އެއީއެވެ. ވަކި ވަރަކަށް ބިރުގަތުމުން ފަރުވާ ހުއްޓައިލަން ބަލިމީހާ ބޭނުންވެއެވެ. އެހެން ވެއްޖެ ނަމަ، ސައިތާނާގެ މަގުސަދު ހާސިލުވީއެވެ. ދެން އޭނައަށް ހުރަސްއަޅާނެ މީހަކު ނުހުންނާނެއެވެ. އެކަމަކު، މަންސޫރު ނުބުނެހުއްޓައި، އެހެން މީހެއްގެ ފަރާތުން ފައިސަލަށް އެ ކަން އެނގުމަކީ އަނެއް މައްސަލައެވެ. މަންސޫރުގެ ގާބިލުކަމާމެދު ސުވާލު އުފައްދައި، ނުބައި ތަރުޖަމާއެއް ފައިސަލް ގަބޫލުކޮށްފާނެއެވެ. ބުއްދިވެރި ގޮތެއްކަމަށް މަންސޫރަށް ފެނުނީ ކިޔައިދިނުމެވެ.

"މި ބަލާލަބަލަ އިނގޭ!" ފޯނު ދައްކައިލަމުން މަންސޫރު ބުންޏެވެ.

ފޮޓޯއިން ފައިސަލަށް ސޫރައެއް ސިފަވީ އެތައް އިރަކު މަންސޫރު ކިޔައިދީގެންނެވެ. ސޫރަ ސިފަވުމާއެކު، އެ ސޫރަޔާ ކުޑަކޮށް ވައްތަރު އެހެން ސޫރައެއް ވެސް ފައިސަލް ހަނދާންވިއެވެ. ރިންދާޔާ އެކުގައި ކޮފީބޯން އިންދައި ފެނުނުހެން ހީވި ސޫރައެވެ. އެހައި ވައްތަރު ނުވިޔަސް، ގުޅުމެއް ހުއްޓެވެ. ސިރާޖަށް ވަދެވުނީ އެ ވާހަކަ ކިޔައިދެނިކޮށެވެ.

"އަހަރެންގެ އެބަ އޮތޭ ސުވާލެއް،" ވާހަކަ ނިމުމުން ސިރާޖު ބުންޏެވެ. "އިންސާނާގެ ކިހާ ބޮޑު ކޮންޓުރޯލެއް ޖިންނީންނަށް އަތުލެވިދާނެ؟"

"މުހިންމު ސުވާލެއް،" މަންސޫރު ބުންޏެވެ. "ޖަވާބުގެ ބަދަލުގަ އަހަރެން ވެސް އުފައްދާނީ ސުވާލެއް. ކޮންމެހެން މާ ބޮޑު ކޮންޓުރޯލެއް މުހިންމުތަ؟ މީހާގެ ހަތަރެސްފަޔާ، ހިތާ، ސިކުނޑީގެ ކޮންޓުރޯލެއް ބޭނުމެއް ނުވާނެއްނު! ބާރު ސްޕީޑެއްގަ ސައިކަލުގަ ދަނިކޮށް ސިއްސައިލިޔަސް ފުދޭނެ. ނޫންތަ؟ މި ކަހަލަ އެއްޗެހި ބުނީމަ ބައެއް މީހުން ބިރުގަންނާނެ. އެކަމަކު، ވަސްވާސްދޭން ޖިންނީން ކިހާ ކުޅަދާނަކަން އަހަރުމެން ޖެހޭ ގަބޫލުކުރަން."

"މީގަ އަވަސް ހައްލެއް ނޯވޭތަ؟" ފައިސަލް އެހިއެވެ.

"އޮވޭ!" މަންސޫރު ބުންޏެވެ. "ރުގުޔާކުރާ މީހަކު ބުނެގެން ނުވާނެ ކަހަލަ އެއްޗެއް ބުނަންތަ؟ ވާހަކަދައްކައިގެން، ސުލްހަވެރިކޮށް މި ކަން ނިންމާލާ! އެ މީހަކަށް ވިސްނައިދީ! ބުނޭ ސިހުރުހެދުން ހުއްޓާލާށޭ! އަހަރެން ދެ ފަހަރަކު އެ ހައްލު ހޯދައި ވެސްފިން."

ފައިސަލް ބަލައިލީ ސިރާޖަށެވެ. ސިރާޖު ހިތަށްއެރިއެވެ. އެހެން އެ ކަން ކުރެވޭނީ ސިހުރުހަދާކަމަށް ސީމާ އެއްބަސްވެގެންތާއެވެ.

"ތި ކަމާ ވިސްނިދާނެ! ދޯ ފައިސަލް!" ސިރާޖު ބުންޏެވެ. "އެކަމަކު މިރޭ ކުރިޔަށްގެންދަމާ ހިނގާ!"

އެރޭ ކިޔަވަން ފެށިތާ ކުޑަ އިރުކޮޅެއް ތެރޭގައި "ފައިސަލް" ވާހަކަދައްކަން ފެށިއެވެ. ތަންކޮޅެއް ބަރު، މުސްކުޅި އަޑަކުންނެވެ. އެހެނަސް، ކިޔާ އެއްވެސް އެއްޗެއް ނޭނގެއެވެ. ވާހަކަދައްކަނީ އެހެން ބަހަކުންނެވެ.

"އޭ! ކިޔާ އެއްޗެއް އަހަރުމެންނަށް ވެސް އެނގޭ ގޮތަށް ކިޔާ!" މަންސޫރު އަމުރުކުރިއެވެ. "ދިވެހިން ވާހަކަދައްކާ!"

ދެން އިވުނީ މުޅީން އެހެން އަޑެކެވެ. އެހެން ރާގެކެވެ. ހީވަނީ ވަރަށް ޒުވާން އަޑެއްހެންނެވެ.

"އަޓަކާޕަ އެނގޭ މީހަކު ނެތް ދޯ؟" ޒުވާނާ ބުންޏެވެ. "އެނގޭތަ އެއީ ކިހާ ޒަމާންވީ ބަހެއްކަން؟ އެއީ މީގެ.."

"ކަލޭ ކޮންމެހެން ހިސްޓްރީ ފިލާވަޅުނަގައިދޭނެކަމެއް ނެތް،" މަންސޫރަކަށް ނީނދެވުނެވެ. "ސީދާ ޕޮއިންޓަށްދޭ! ކީއްވެ މީނައަށް ތި ގޯނާކުރަނީ؟ ކޮބާ ބޭނުމަކީ؟"

ވަރަށް ގިނަ ވާހަކަދެކެވުނެވެ. މުހިންމު ވާހަކައެއް ނުދެކެވެއެވެ. ޖިންނީންގެ ހާސަރުދެމުމުގައި ވަގުތު ބޭކާރުކޮށްލީއެވެ. އެ މަހުލޫގުންގެ ރަނގަޅުކަމާއި، އިންސާނުންގެ ނުބައިކަމުގެ ވާހަކައެވެ. ޖިންނީންގެ މޮޅުކަމާއި އިންސާނުންގެ ނިކަމެތިކަމުގެ ވާހަކައެެވެ. ޖިންނީންނަށް އިންސާނުންގެ ބޭނުން ނުޖެހޭ ވާހަކައާއި، ޖިންނީންގެ ބޭނުން އިންސާނުން ނިހާޔަތަށް ހޯދާ ވާހަކައެވެ. އެއީ ދޮގެއް ނޫނެވެ. ޖިންނީންގެ ތެދުވެރިކަމާއި، އޯގާވެރިކަން ދެއްކުމުގެ ނިޔަތުގައި، އެއް ސިހުރު އޮތް ތަން ބުނެދިނެވެ. ނަގައި، ނައްތައިލަ ވެސް ދިނެވެ. އެހެނަސް އެއީ، ނައްތައިލިޔަސް އެއިން އިންސާނާއަށް މާ ބޮޑު ފައިދާއެއް ނުކުރާނެ ކަހަލަ އެއްޗެކެވެ.

ފައިސަލް ކުއްލިއަކަށް ރިންދާޔާ ދުރުވީ ކީއްވެގެންތޯއާއި، ފޯނުނުނަގަނީ ކީއްވެތޯ އަހައިއަހައި ރިންދާ ވަރުބަލިވިއެވެ. ފައިސަލް އެއްވެސް ޖަވާބެއްނުދިނެވެ. ޒިޔާނަށް ގުޅުމުގެ ފުރުސަތު ރިންދާއަށް އޮތެވެ. އެހެން ނެހެދީ، ވެގެންއުޅޭ ގޮތް ރިންދާއަށް އެނގޭތީއެވެ. މައްސަލައަށް ހައްލުހޯދެންއޮތީ ފައިސަލް އިތުރަށް ރުޅިނާންނާނެ މަގެއް އިހުތިޔާރުކުރުމެވެ. ސީދާ ފައިސަލާ ވާހަކަދެއްކުމެވެ.

ވިއްސާރަ ރެޔެކެވެ. ޓީވީ ވެސް ނުހުޅުވައި، ސޯފާގައި އިށީނދެލައިގެން ފައިސަލް އިނެވެ. އެކަނިވެރިކަން އިންތިހާއަށް އިހުސާސްކުރެވެމުންދިޔަ ދަނޑިވަޅެކެވެ. ފައިސަލް ހިތަށްއެރިއެވެ. މީހުން ބުނެއެވެ. ކޮންމެކަމެއް ވެސް ވަނީ ރަނގަޅަކަށެވެ. ރިންދާގެ ކެހިވެރިކަން ފަޅާއެރުން އެއީ ވެސް ރަނގަޅެކެވެ. ހިތާމައަކީ، ރިންދާޔާ ވާހަކަނުދައްކާހުންނަން އުނދަގޫވުމެވެ. އެއީ ކީއްވެގެންވާ ގޮތެއްކަމެއް ވެސް ފައިސަލަކަށް ނުވިސްނެއެވެ. ކެހިވެރީން ހަނދާންނައްތައިލަން ވާންޖެހޭނީ ފަސޭހައެވެ. ދޮރުގެ ރަނގަބީލުޖެހި އަޑާއެކު ފައިސަލްގެ ސަމާލުކަން ދޮރަށް ދެވުނެވެ. ތެދުވެގެން ގޮސް ދޮރުހުޅުވާނެ ހިތްވަރެއް ނުލިބުނެވެ. ދެ ފަހަރަކު ރަނގަބީލުޖެހުމުން ހަޝްމާ ގޮސް ދޮރު ހުޅުވިއެވެ.

"ކާކު؟" ދޮރަށް ނުވެސް ބަލައި ފައިސަލް އެހިއެވެ.

ދޮރުހުޅުވުމާއި، ހަޝްމާ ސުވާލެއް ނުކުރުމުން ފައިސަލް ދޮރާ ދިމާއަށް ބަލައިލިއެވެ. ރިންދާ ހުރީ އެތެރެއަށް ވަދެއެވެ. ކުޑަކޮށް ދެރަވެފައި، ކުޑަކޮށް މާޔޫސްވެފައެވެ. ހަޝްމާ ގޮސް ކޮޓަރިއަށް ވަނެވެ. ފައިސަލް މަޑުމަޑުން ތެދުވިއެވެ. ހީވީ އަހަރެއްހައި ދުވަސްވެފައި ރިންދާ ފެނުނުހެންނެވެ. ރިންދާ މަޑުމަޑުން އައިސް ފައިސަލް ކައިރިއަށް ހުއްޓުނެވެ.

"އަޅެ ކީއްވެތަ ފޯނު ނުނަގަނީ؟" ޝަކުވާގެ ރާގަކަށް ރިންދާ އެހިއެވެ.

"ބިޒީކަމުންނެއްނު ފޯނު ނުނެގޭނީ،" ކުޑަކޮށް ހިތްހަމަނުޖެހިފައި، ސޯފާގައި އިށީންނަމުން ފައިސަލް ބުންޏެވެ. "ކީއްކުރަން ތިއައީ؟ ނައި ނަމަ.."

ރިންދާ ހިތްހަމަނުޖެހިފައި، ނިކަން ބާރަށް ސޯފާގައި އިށީނެވެ. އިށީންލެއް ކައިރިކަމުން ފައިސަލް ދުރަށްޖެހިލިއެވެ. އެއީ އެހެންޏާ ފައިސަލް ކުރާ ކަމެއް ނޫނެވެ.

"އެއްވެސް މީހަކު ސައުވީސް ގަޑިއިރު ބިޒީއެއް ނުވާނެ ދޯ؟" ރިންދާ ބުންޏެވެ. "އަޅެ ގުޅާލަން ކީއް؟ ބަލާބަލަ އަހަރެން ކިތައް މެސެޖުކޮށްފަ އޮތްތޯ."

ފައިސަލް އިނީ އެއްޗެއް ނުބުނާށެވެ. ކިތަންމެ ވާހަކައެއް ދެއްކިޔަސް ރިންދާ ކުރި ކަންތައް ނުކުރާކަމަކަށް ނުވާނެއެވެ. މަކަރުހަދާ މީހަކު ލޯތްބެއް ނުވާނެއެވެ. ލޯބިވާ މީހަކު މަކަރެއްނަހަދާނެއެވެ.

"ވާހަކަދައްކަބަލަ!" ރިންދާ ކުޑަ ތަންކޮޅެއް ބާރަށް ބުންޏެވެ. "މިހާރު ބީރު ވެސް ވީތަ؟"

"މެސެޖު ދުށީމޭ!" ފައިސަލް ވެސް ކުޑަ ތަންކޮޅެއް ބާރަށް ބުންޏެވެ. "ރިޕްލައިކުރަން ވެސް އުޅުނިން. އެކަމަކު ހިތްވަރު ނުލިބުނީ. މިހާރު އެނގިއްޖެއްނު ކީއްވެކަން. އެ ކަން އެނގުނު ވަގުތު ވެސް ރިންދާއަށް ގުޅަން އުޅުނީމޭ! އެކަމަކު ކޯޓުގެ ފްރެންޑެއް ބުނި އެއްޗަކުން ދެން ކޮންމެހެން..."

ރިންދާގެ މޫނަށް ފައިސަލް ބަލައިލައިފައި، އިރުކޮޅަކު އިނދެފައި އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.

"އަދިވެސް ގަބޫލެއް ނުކުރެވޭ އެހާ ބޮޑު މަކަރެއް ރިންދާ ހަދާފާނެކަމަކަށް. ހަމަ ސީރިޔަސްކޮށް،" ފައިސަލް ޝަކުވާކުރިއެެވެ. "އަހަންނަށް އެކަންޏެއް ނޫނޭ މަކަރުހެދީ. އެ ކަން ހަނދާންކުރައްޗޭ! ޒިޔާނަށް ވެސް ލަނޑެއް ތި ދިނީ. މިހާރު ދެން ތި ގޮތަށް އަހަރެން ކުރިމައްޗަށް އައީމަ އަހާލަން ބޭނުން، ކީއްވެ އެހެން ހެދީ؟"

-ނުނިމޭ-