އިމްއާން 200 މީޓަރު ބެކްސްޓްރޯކުން ގައުމީ ރެކޯޑް އާކޮށްފި
އިމްއާން 200 މީޓަރު ބެކްސްޓްރޯކުން ގައުމީ ރެކޯޑް އާކޮށްފި

ޖަޕާނުގެ ފުކުއޯކާގައި ކުރިއަށްދާ 20 ވަނަ ފީނާ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި އަލީ އިމްއާން، ފިރިހެނުންގެ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑް އާކޮށްފި އެވެ.

އިމްއާން ގައުމީ ރެކޯޑް އާކުރީ 2 މިނިޓް 23.46 ސިކުންތުން ހީޓް ފުރިހަމަ ކޮށްގެންނެވެ. މިއީ 2017 ވަނަ އަހަރު އޮތް ހަތްވަނަ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގެ އިވެންޓުން ހީޓް ފުރިހަމަ ކުރި ވަގުތަށް ވުރެ 4.71 ސިކުންތުގެ ކުރިއެރުމެކެވެ. އެ އަހަރު ހީޓް ނިންމީ ދެ މިނިޓް 28.17 ސިކުންތުންނެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވަނީ ގައުމީ ހަ ރެކޯޑެއް މުގުރާލައިފަ އެވެ. އިމްއާން ވަނީ 200 މީޓަރު ބެކްސްޓްރޯކްގެ އިތުރުން 100 މީޓަރު ބެކްސްޓްރޯކް އިވެންޓުން ވެސް ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. އަންހެން ފެތުންތެރިޔާ ހަމްނާ އަހުމަދު ވެސް ވަނީ އަންހެނުންގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓުން ރެކޯޑް މުގުރާލައިފަ އެވެ.

ރާއްޖޭން ދެން ވާދަކުރި މެރާލް އައިން ލަތީފް އާއި މުހައްމަދު ރިހާން ޝިހާމް ގައުމީ ރެކޯޑް އާކުރީ 200 މީޓަރު ބަޓަފްލައި އިވެންޓުންނެވެ.

ހަތަރު ފެތުންތެރިން އެކުގައި ވާދަކުރި ހަތަރެއް ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުން ވެސް ވަނީ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

ރާއްޖޭގެ ޓީމުން ހަތަރެއް ގުނަ 100 މީޓަރު މިކްސްޑް ފްރީސްޓައިލް ރިލޭ އިވެންޓުގެ ހީޓް ނިންމީ ހަތަރު މިނިޓް 1774 ސިކުންތުންނެވެ. މެރާލް ވާދަކުރި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ހީޓް ހަ މިނިޓް 23.04 ސިކުންތުން ފުރިހަމަ ކުރިއިރު، 50 މީޓަރު ބެކްސްޓްރޯލކް އިވެންޓް ރިހާން ނިންމީ 31.44 ސިކުންތުންނެވެ.