ރަނާ އާއި ދަލްގޫރް އެކީގައި ފިލްމެއް ކުޅެނީ
ރަނާ އާއި ދަލްގޫރް އެކީގައި ފިލްމެއް ކުޅެނީ

ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު ދެތަރިން ކަމަށްވާ ރަނާ ދަގުބަތީ އާއި ދަލްގޫރް ސަލްމާން އެކީގައި ފިލްމެއް ކުޅެން ނިންމައިފި އެވެ.

"ކާންތާ" ކިޔާ މި ފިލްމު އިއުލާންކުރީ ދަލްގޫރްގެ 40 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި މިދިޔަ ހުކުރު ދުވަހު އެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި އެވެ.

މި ފިލްމު ޑައިރެކްޓުކުރަނީ، އޮސްކާ އެވޯޑު ހޯދާފައިވާ އިންޑިއާގެ ފިލްމު "ލައިފް އޮފް ޕައި" ގައި އެސިސްޓެންޓް ޑައިރެކްޓަރަކަށް އުޅުނު ސެލްވަމަނީ ސެލްވަރާޖެވެ.

ފިލްމާ ގުޅޭ މާ ބޮޑު ތަފުސީލެއް އަދި ހާމަނުކުރިޔަސް، ރިޕޯޓްގައި ބުނި ގޮތުގައި މި ފިލްމުގައި ދުލްގޫރް ފެންނާނީ މީގެ ކުރިން އެއްވެސް ފިލްމެއްގައި އޭނާ ނުކުޅޭހާ ތަފާތު ރޯލަކުންނެވެ.

މި ފިލްމު ހިންދީ، ތެލުގޫ، މަލަޔާލަމް އަދި ތަމަޅަ ބަހުން ނެރެން ވަނީ ނިންމައިފަ އެވެ.

ދުލްގޫރް މިހާރު މަސައްކަތް ކުރަމުން އަންނަނީ ވެބް ސީރީޒް "ގަންސް އެންޑް ގުލާބްސް" ގަ އެވެ. އަދި ރަނާ މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރު ނުކުންނަ ބޮލީވުޑްގެ ފިލްމު "ހައުސްފުލް 5" ގަ އެވެ.

ރަނާ އާއި ދަލްގޫރް އެކީގައި ކުޅޭ މި ފިލްމު ރިލީޒްކުރާ ދުވަހެއް އަދި ނުބުނެ އެވެ.