ފޯނާއި ސޯޝަލް މީޑިއާއަށް ދެވި ހިފުމަކީ ބޮޑު ނުރައްކަލަކަށް މިހާރު ވަނީ ވެފަ އެވެ. ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ތަންތަނުން ވެއްޓުމާއި ރޭލު ދަށުވުން ފަދަ ހާދިސާތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގަމުން ދާއިރު މިއީ ވެސް އެފަދަ ހާދިސާއެކެވެ.

ދާދިފަހުން އިންޑިއާގެ މައިސޫރުގައި ވެސް މިފަދަ ހާދިސާއެއް ވަނީ ހިނގައިފަ އެވެ. މައިސޫރޫގެ މަގެއްގައި ފުލުހުން ދުއްވި ޖިޕެއް ބޮޑު ބަހެއްގައި ޖެހި އެކްސިޑެންޓް ވުމާ އެކު ޖިޕް ދުއްވަން އިން މީހާ މަރުވި އެވެ. ނަމަވެސް ޑްރައިވަރާ އެކު އިން މީހާ މަރެއް ނުވެ އެވެ.

އެކްސިޑެންޓް ވުމުން ވެހިކަލް އޮތީ ފިތިފަ އެވެ. އަދި ފުލުސް މީހާ ޒަޚަމްވެފައި އޮތްލެއް ބޮޑުކަމުން އަމިއްލައަށް ނުކުމެވޭ ގޮތެއް ވެސް ނުވި އެވެ.

އެކްސިޑެންޓް ހިނގި އިރު ގިނަ ބަޔަކު އެތަން ބަލަން ތިއްބެވެ. އެކްސިޑެންޓް ހިނގުމުން އެތަނަށް މީހުން ޖަމާވެ ތިބީ ފޮޓޯ ނަގާށެވެ. އެހީތެރިކަމަށް ބޭނުންވެފައި އޮތް މީހާ އަށް އަޅާލާނެ މީހަކު ނުވި އެވެ. އެންމެން މަޝްއޫލްވެގެން ތިބީ ފޮޓޯ އާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާއަށް އަޕްލޯޑްކުރުމުގަ އެވެ.

އެކްސިޑެންޓްވީ މީހާ ހޮސްޕިޓަލަށް ގެންދެވުނީ ހާދިސާ ހިނގިތާ ގަޑިއެއްހާއިރު ފަހުންނެވެ. ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރުތަކެއް ނުވެ އޭނާ ވެސް ވަނީ މަރުވެފަ އެވެ. އެކަމަކު އަވަހަށް ފަރުވާ ދޭން ފެށުނު ނަމަ ފުރާނަ ސަލާމަތްކުރެވުމުގެ އުންމީދު ބޮޑެވެ.

މީގެ ކުރިން ވެސް އިންޑިއާގައި އެކި އެކްސިޑެންޓްތަކަށް ފަހު، އަނިޔާވާ މީހުންނަށް އަޅާނުލައި ފޮޓޯ ނަގަން ތިބުމުން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވެ އެވެ.