28 ޖުލައި 2023 - 20:00

ދަ ޑިމޮކްރެޓްސްގެ 3،000 އަށް ވުރެ ގިނަ މެންބަރުންގެ ވޯޓާ އެކު ނުވަތަ 94.94 ޕަސެންޓް ވޯޓުން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް މިއަދު ކާމިޔާބު ކުރައްވައިފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް އިން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި އެ ކަމަށް ޝައުގުވެރިވާ މީހުންނަށް ފުރުސަތު ހުޅުވައިލުމުން ކުރިމަތި ލެއްވީ އިލްޔާސް އެކަންޏެވެ.
ނަމަވެސް މި މަހުގެ 12 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓަރީކުރި ޑިމޮކްރެޓްސްގެ އަސާސީ ގަވައިދު ބުނާ ގޮތުން ރިޔާސީ ޕްރައިމަރީ އަށް އެއް ކެންޑިޑޭޓަކު ކުރިމަތިލައިފި ނަމަ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ އެވެ. މެންބަރުންގެ 10 ޕަސެންޓު ވޯޓު އެ ކެންޑިޑޭޓަކަށް ލިބިއްޖެ ނަމަ އެއީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމުގައި ކަނޑައަޅަން ޖެހޭނެ ކަމަށް އަސާސީ ގަވައިދުގައި ބަޔާންކޮށްފައި ވެ އެވެ.
ދާދި ދެންމެއަކު އިއުލާން ކުރި ޑިމޮކްރެޓްސްގެ ފުރަތަމަ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުޅި ރާއްޖޭގައި މިއަދު މެންދުރު 2 އިން ހަވީރު 6 އަށް ބޭއްވި އިންތިހާބުގައި 3،208 މީހުން ބައިވެރިވި އެވެ.
އޭގެ ތެރެއިން އިލްޔާސަކީ ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑައަޅަން ފެންނަ ކަމަށް ވޯޓު ދިނީ 3،041 މީހުންނެވެ. ނުފެންނަ ކަމަށް 153 މީހުން ވޯޓު ދިނެވެ. އަދި ނުވަ ވޯޓެއް ބާތިލްވި ކަމަށް އެ ޕާޓީން އިއުލާން ކުރި އެވެ.
ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ކުރިން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަަރީގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއް އަދި ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ތިބެގެން ވެސް ވޯޓު ލެވޭނެ ކަމަށެވެ.
އެކަމަށްޓަކައި އޮންލައިންކޮށް ވޯޓު ލެވޭނެ ނިޒާމެއް ވެސް އެ ޕާޓީން ވަނީ ގާއިމް ކޮށްފަ އެވެ.
މިއަދު އެ ޕާޓީ އަށް ސޮއި ކުރާ މީހުންނަށް ވެސް ވޯޓު ލުމުގެ ފުރުސަތު އޮތީ ދީފަ އެވެ.
ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި ދާދި ފަހުން ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ނަޝީދުގެ އަރިސް ބަޔަކު އިސްވެ ތިބެ އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީ ވުޖޫދަށް ގެނައީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިންނެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް އިންތިހާބުކުރި އިލްޔާސަކީ ވެސް ނަޝީދުގެ ވަރަށް އަރިސް އަދި އެ މަނިކުފާނު ވިދާޅުވާ ގޮތަކަށް ކަންކަން ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.