28 ޖުލައި 2023 - 21:41

އިންޑިއާގެ ސުޕަސްޓާރު، ރަޖްނީކާންތު ފިލްމުތަކުގައި ގަދަފަދަކަން ދެއްކިއެއް ކަމަކު ރާއްޖޭގައި ދެ ހަފްތާއެއްހާ ދުވަހުގެ ޗުއްޓީއެއް ހޭދަކޮށް ރާއްޖޭގެ ރީތިކަމުގެ ކުރިމަތީގައި އާޝޯހުވެ ހުރެ ފުރައިގެން ހިނގައްޖެ އެވެ.
ރަޖްނީކާންތު ޗުއްޓީ ހޭދަކުރީ ކ. ތުލުސްދޫ ކައިރީގައި އޮންނަ ކުޑަވިލިނގިލި ރިސޯޓުގަ އެވެ. އޭނާ ފުރީ މިދިޔަ ބުދަ ދުވަހު އެވެ.
އެ ރިސޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ރަޖްނީކާންތު އެ ރިސޯޓުގައި 12 ދުވަސް ހޭދަކުރި އެވެ. އަދި އޭނާ ފުރުމުގެ ކުރިން ރިސޯޓުގެ ސްޓާފުންނާ އެކު ކޭކު ފެޅުމުގެ ކުޑަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ.
"ކުޑަ ވިލިނގިއްޔަކީ ވަރަށް އަމާން، ހިތްފަސޭހަ ރިސޯޓެއް އަދި ސްޓާފުން ވެސް އެހާ ހިތްހެޔޮ،" ރަޖްނީކާންތު ބުނި ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ރިސޯޓަކީ "ސުވަރުގެ" ކަމަށާއި އެއީ އޭނާގެ ދެވަނަ ގެ ކަމަށް ދެކޭ ކަމަށް ވެސް ރަޖްނީކާތު ބުންޏެވެ.
ރަޖްނީކާންތު ރާއްޖެ އައީ މި މަހު 14 ގައި ސްރީ ލަންކަން އެއާލައިންގެ ފްލައިޓަކުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޯޓުން ފޭބުމާ އެކު ނަގާފައިވާ އޭނާގެ ފޮޓޯއެއް ސްރީ ލަންކަން އެއާލައިންގެ ފޭސްބުކް ޕޯސްޓެއްގައި ހިއްސާކުރުމުން މީޑިއާގެ ސަމާލުކަމަށް އެކަން އައީ އެވެ.
ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަޝްހޫރު ރަޖްނީކާންތު އަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަރިއެކެވެ. ބޮޑަށް މަޝްހޫރީ އޭނާގެ ދެވަނައެއް ނެތް އެކްޝަން ފިލްމުތަކުންނެވެ.
ރަޖްނީކާންތު މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ދަރިފުޅު، އައިޝްވާރިޔާ ރަޖްނީކާންތު ޑައިރެކްޓުކުރާ ފިލްމެއް ކަމަށްވާ "ލާލް ސަލާމް"ގަ އެވެ. އަދި އަންނަ މަހު "ޖެއިލާ" ކިޔާ އޭނާގެ އެކްޝަން ފިލްމެއް ވެސް ނުކުންނާނެ އެވެ.