29 ޖުލައި 2023 - 07:36

ސޯޝަލް މީޑިއާގައި މިހާރު އެންމެ ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ ބޮލީވުޑްގެ ކަޕުލް، އަދިތިޔަ ރޯއީ ކަޕޫރާއި އަންނަޔާ ޕާންޑޭ އެކީގައި "ބާބީ" ފިލްމު ބަލަން ސިނަމާއަށް ގޮސް އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެއްޖެ އެވެ.
"ބާބީ" ފިލްމު ބަލަން ދިޔަ، އަދިތިޔަ އާއި އަންނަޔާގެ ފޭނަކަށް ސިނަމާ ހޯލުގެ ތެރެއިން ދެ ތަރިން ފެނިގެން އެމީހުންނާ އެކު ސެލްފީ ވީޑިއޯއެއް ނެގި އެވެ. އެ ވީޑިއޯ އިންސްޓަގްރާމްގައި ވަނީ ވައިރަލްވެފަ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި އަނަންޔާ ހުރީ ފިޔާތޮށި ހެދުމެއްގަ އެވެ. އަދި އަދިތިޔަ ހުރީ ހުދު ކުލައި ޓީޝާޓެއް ލައިގެންނެވެ.
އަނަންޔާ އާއި އަދިތުޔަގެ ގުޅުމާ ބެހޭ ގޮތުން އަޑުތައް ފެތުރިފައިވާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު، މިހާތަނަށް ވެސް އެ ގުޅުމާ ބެހޭ ގޮތުން ދެތަރިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެ އަޑުތައް ފެތުރުނީ މިދިޔަ އަހަރު ކްރިތީ ސެނޮންގެ ދިވާލީ ޕާޓީގައި ދެތަރިން އެކުގައި ފެނުނު ފަހުންނެވެ.
އެ ވާހަކަ ވަރަށް ގަދައަށް ދެކެވެނިކޮށް، ދެތަރިން ވަނީ މި މަހު ކުރީކޮޅުގައި ސްޕެއިންގައި އޮތް ކޮންސެޓަކަށް ވެސް އެކީގައި ގޮސްފަ އެވެ.