ހިލަރީ ވެވަޑައިގަންނަވާނީ އެންމެ ގާބިލް ރައީސަށް: އޮބާމާ
ހިލަރީ ވެވަޑައިގަންނަވާނީ އެންމެ ގާބިލް ރައީސަށް: އޮބާމާ

ވޮޝިންޓަން (ޖޫން 10) - ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި އެންމެ ގިނަ ޑެލިގޭޓް ވޯޓު ހޯއްދަވައިގެން ޕާޓީގެ ނޮމިނޭޝަން ކާމިޔާބު ކުރެއްވި ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަން ވެވަޑައިގަންނަވާނީ އެމެރިކާގެ އެންމެ ގާބިލް ރައީސް އަށް ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ހިލަރީއާ އެކު ވައިޓްހައުސްގައި ބޭއްވި ބައްދަލުވުމަކަށް ފަހު އާއްމުކުރި ވީޑިއޯ މެސެޖެއްގައި އޮބާމާ ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު ޕާޓީ އަށް ކާމިޔާބު ކުރުމަށް އެކަމަނާގެ ކެމްޕޭނުގައި ވަރަށް އަވަހަށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ޑޮނަލްޑް ޓްރަމްޕަށް ވައިޓްހައުސްއާ ކައިރި ނުވެވޭ ވަރަށް ކަންކަން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އޮބާމާ އާއި ހިލަރީ އެކުގައި މި ހަފުތާގައި ވިސްކޮންސިން އިން ބައްދަލު ކުރައްވާނެ އެވެ.

ޕްރައިމަރީގައި ހިލަރީއާ ވާދަކުރެއްވި ބާނީ ސެންޑާސްއާ ވެސް އޮބާމާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި ޕްރައިމަރީގެ ވާދަވެރިކަން އެއް ފަރާތް ކުރައްވާ ޕާޓީގެ އެއްބައިވަންތަ ކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ސެންޑާސް ވެސް ވަނީ ވިދާޅުވި އެވެ.

އޮބާމާ ވަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ހިލަރީ އެންޑޯޒް ކުރައްވައިފަ އެވެ. ނަމަވެސް ރިޔާސީ ކެންޑިޑޭޓް ރަސްމީކޮށް އިއުލާން ކުރާނީ އަންނަ މަހު ފިލެޑެލްފިއާގައި ބާއްވާ ޑިމޮކްރެޓިކް ޕާޓީގެ ކޮންވެންޝަނުގަ އެވެ.

ކުރީގެ ރައީސް ބިލް ކްލިންޓަނުގެ އަނބިކަނބަލުން ހިލަރީ ވަނީ 2008 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވައިފަ އެވެ. ނަމަވެސް އެ ފަހަރުގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ އަދި ރިޔާސީ އިން އިންތިޚާބު ވެސް ކާމިޔާބު ކުރައްވާ ރައީސް ކަމަށް ވަޑައިގެންނެވީ އޮބާމާ އެވެ. އޮބާމާގެ ފުރަތަމަ ދައުރުގައި ޚާރިޖީ ވަޒީރުކަމުގެ މަގާމު އަދާކުރެއްވީ ހިލަރީ އެވެ.